ހއ. އިހަވަންދޫ ހިރިގަލު މިސްކިތުގައި އޮތް އަތު ލިޔުމުން ލިޔެފައިވާ ހަތިމު އޮތީ އިހަވަންދޫ ކައުންސިލްގެ ބެލުމުގެ ދަށުގައި ކައުންސިލް އިދާރާކަމަށް އެކައުންސިލުން ވިދާޅުވެއްޖެއެވެ.
އެ ހަތިމު ކުރިން އޮތީ އިހަވަންދޫގައި ހުންނަ އާސާރީ މިސްކިތެއް ކަމަށްވާ ހިރިގަލު މިސްކިތުގައެވެ. ނަމަވެސް އިއްޔެ އިންފެށިގެން އެ މިސްކިތުގައި އެ ހަތިމު ނެތްކަމުގެ މައުލޫމާތު ލިބުމުން ''ތިލަދުން'' އިން ކުރި ސުވާލެއްގެ ޖަވާބުގައި އިހަވަންދޫ ކައުންސިލުން ވިދާޅުވީ، އެ ހަތިމު މިހާރު އޮތީ ކައުންސިލް އިދާރާގައި ކަމަށެވެ.
''މިވަގުތައް ކައުންސިލަށް ފެނުނީ އެ ހަތިމު ކައުންސިލް އިދާރާގައި ބޭއްވުމަށް'' ކައުންސިލުން ވިދާޅުވިއެވެ.
2019 ވަނަ އަހަރު ހާތިމް ޔޫސުފް މި ހަތިމާބެހޭ ގޮތުން ލިޔުއްވާފައިވާ ގޮތުގައި މި ހަތިމަކީ "އިހަވަންދޫ އިބްރާހީމް މުސްކުޅި ދޮންކަލޯ" ނަމަކަށް ކިޔާ ބޭކަލެއް ލިޔެފައިވާ ހަތިމެކެވެ. އަދި އިހަވަންދޫ މާ މިސްކިތަށް ފޮތްބައި ވަޤުފުކޮށް "ޢުޘްމާނު ކަލޯ" ނަމަކަށް ކިޔާ މީހަކަށް އެ ބަލަހައްޓަން ޙަވާލުކުރިކަމަށް ލިޔުއްވާފަވެއެވެ.
އަތު ލިޔުމުން ލިޔެފައިވާ ހަތިމު މިހާރު އިހަވަންދޫ ހިރިގަލު މިސްކިތުގައި ނެތް!
މި ހަތިމުގައި ޤުރުއާން ލިޔެފައިވަނީ ރީތި ޢަރަބި ލިޔުމަކުން ކަމަށް އޭނާ ލިޔުއްވާފަވެއެވެ. ސޫރަތް ފެށޭ ތާނގައި ސޫރަތުގެ ނަމާއި އާޔަތްތަކުގެ ޢަދަދާއި މައްކީ ނުވަތަ މަދަނީ ސޫރަތެއްކަން ބަޔާންކޮށްފައިވާއިރު، މި ބައިތައް ލިޔެފައިވަނީ ރަތްދެލިން ކަމަށާއި، ޤުރުއާނުގެ ބައިތައް ލިޔެފައިވަނީ ކަޅުދެލިންކަމަށް ހާތިމް ލިޔުއްވާފަވެއެވެ.
މިހަތިމުގެ ވާހަކަ އަލުން ވައިގައި ހިފުމާއި ގުޅިގެން މި ނޫހުގެ ފަރާތުން ވާހަކަ ދައްކާލި ހއ. އަތޮޅުގެ ބައެއް މީހުން ބުނާ ގޮތުގައި ހއ. މަތީ ރަށްފުޅުގައި ވެސް ކުރީން އަތުން ލިޔެފައިވާ ހަތިމުތަކެއް ހުއްޓެވެ. އެ މީހުން ބުނާގޮތުގައި އެ ހަތިމުތައް ވަނީ އޭރުގެ ވެރިކަމުގެ ފަރާތުން ވެރިރަށް މާލެއަށް ގެންގޮސްފައެވެ. އެ ހަތިމުތަކުގެ އިތުރުން މަތީރަށްފުޅުގައި ހުރި އާސާރީ، ތާރީޚީ އެތައް ތަރިކައެއް މާލެ ގެންދިޔަކަމަށް އެމީހުން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!