އިޝްތިހާރުގައި ކުށް ލިޔެވިފައިވަނީ އިޝްތިހާރުނަކަލު ކުރުމުގައި އޮޅުމަކުން ކަމަށާއި ޝާއިއު ކުރިއިރު، އެކަން ފާހަގަކުރެވިފައި ނުވާތީ، އެވިޑް ކޮލެޖުން މައާފަށް އެދިއްޖެ އެވެ.
އެ ކޮލެޖުން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ، އޭސީސީއޭ އެޕްލައިޑް ނޮލެޖު އަދި އޭސީސީއޭ ސްޓްރެޓިޖިކް ޕްރޮފެޝަނަލް ޕްރޮގްރާމް އެ ކޮލެޖުގެ އިންސްޓަގްރާމުގައި އިޝްތިހާރުކުރިއިރު، އެ ދެ ކޯހުގެ މުއްދަތާއި ލެވެލް ބަޔާން ކުރުމުގައި ކުށް ލިޔެވިފައިވާ ކަމަށެވެ.
އެގޮތުން ރަނގަޅު ގޮތަކީ އޭސީސީއޭ އެޕްލައިޑް ނޮލެޖް ޕްރޮގްރާމުގެ މުއްދަކީ 1 އަހަރު ކަމަށާއި ލެވެލްއަކީ 5 ކަމަށް އެ ބަޔާނުގައި ވެއެވެ. އަދި އޭސީސީއޭ ސްޓްރެޓިޖިކް ޕްރޮފެޝަނަލް ޕްރޮގްރާމަކީ ތިން އަހަރުގެ ޕްރޮގްރާމެއް ކަމަށާއި އެއީ ލެވެލް 7 ގެ ޕްރޮގްރާމެއް ކަމަށެވެ.
އެ ކޮލެޖުގެ ބަޔާނުގައި އިތުރަށް ވިދާޅުވީ މިއީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގައި އެކްރެޑިޓް ކޮށްފައިވާ ދެ ޕްރޮގްރާމް ކަމަށާއި އެ ދެ ޕްރޮގްރާމް ހިންގުމުގެ ހުއްދަ، އެ އޮތޯރިޓީން އެ ކޮލެޖަށް ދޫކޮށްފައިވާ ކަމަށެވެ.
"ލިޔެވިފައިވާ ކުށް މި ކޮލެޖުގެ ސަމާލުކަމަށް ރަސްމީކޮށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންނެވީ އެކަމާ ގުޅޭގޮތުން ނޫސް ބަޔާނެއް ނެރުމަށްފަހު، އެ ނޫސް ބަޔާނުގެ ނަކަލާއެކުގައެވެ. މިގޮތަށް އެމްކިޔުއޭ އިން އަމަލު ކުރެއްވުމުގެ ސަބަބުން އިޝްތިހާރު ވަގުތުން އިސްލާހު ކުރުމަށް އޮތް ފުރުސަތު މިކޮލެޖަށް ގެއްލިގެން ދިޔައެވެ. ހަމައެހެންމެ، ނުނިޔަތެއްގައި އިޝްތިހާރު ކުރިކަމުގައި ދޭހަވާ ފަދަ ގޮތަކަށް ނޫސް ބަޔާން ނެރުއްވާފައިވާތީ ވެސް މި ކޮލެޖުން ހިތާމަ ކުރަމެވެ."
އެވިޑް ކޮލެޖުގެ ނޫސް ބަޔާނުގައި ވެއެވެ.
މީގެ އިތުރުން ރާއްޖޭގައި މަތީ ތައުލީމު ދޭ މަރުކަޒުތަކުން ކުރާ މިންނެތް މަސައްކަތްތައް ވަޒަން ކުރައްވައި، އެ މަރުކަޒުތަކުގެ ކުރިއެރުމަށް އެއްހަމައަކުން މަގުފަހިކޮށްދެއްވުމަށް ވެސް ވަނީ އެދިލައްވާފަ އެވެ. އަދި އިތުބާރު ހިފޭ ގޮތަށް އެތަންތަން ނަގަހައްޓައިދެއްވުމަކީ ބެލެނިވެރިފަރާތަށް ވެސް އެންމެ ފައިދާ ހުރި ގޮތް ކަމުގައި ދެކޭ ކަމަށް ވެސް ވިދާޅުވި އެވެ.
މިއީ އެ ކޮލެޖުގައި މިހާރުވެސް ހިންގަމުންދާ ދެ ޕްރޮގްރާމުކަން ދޭހަވާގޮތަށް ބައެއް މީޑިއާގައި ލިޔުއްވާފައިވިޔަސް، އެއީ މިހައިތަނަށް އެ ކޮލެޖުގައި ހިންގަން ފަށާއި ނުވާ ދެ ޕްރޮގްރާމު ކަމަށް ވެސް އެވިޑް ކޮލެޖުން ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!