ހއ. އިހަވަންދޫ ހިރިގަލު މިސްކިތުގައި އޮތް އަތު ލިޔުމުން ލިޔެފައިވާ ހަތިމު މިހާރު އެ މިސްކިތުގައި ނެތް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އިހަވަންދޫން ''ތިލަދުން'' އަށް ވާހަކަ ދެއްކި މީހަކު ބުނީ އެ ހަތިމު މިހާރު ކުރިން އޮތް އިހަވަންދޫ އާސާރީ މިސްކިތެއް ކަމަށްވާ ހިރިގަލު މިސްކިތުގައި ނެތްކަމަށެވެ.
އެ ހަތިމު މިހާރު އޮތް ތަނެއް އިނގޭތޯ ބެލުމަށް އިހަވަންދޫ ކައުންސިލަށް ގުޅުމަށް ކުރި މަސައްކަތް މިހާތަނަށް ކާމިޔާބު ނުވިނަމަވެސް މައުލޫމާތު އެނގޭ މީހަކު ބުނީ އެ ހަތިމު ނުގެއްލޭނެކަން ޔަގީންވާ ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރަށްވާ ރައްޔިތުންގެ މަޖިލިސްގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު އިއްޔެ އިހަވަންދޫ އަށް ކުރެއްވި ކެމްޕެއިން ދަތުރެއްގައި ވަނީ އެ މިސްކިތަށް ވަޑައިގެން އެ މިސްކިތުގައި އޮތް އަތު ލިޔުމުން ލިޔެފައިވާ ހަތިމެއް ބައްލަވައި އެ ހަތިމުގެ ފޮޓޯ މީސް މީޑިއާގައި އާންމު ކުރަށްވާފައެވެ.
އެ ހަތިމުގެ ފޮޓޯ އާންމު ކުރައްވަމުން ނަޝީދު ވިދާޅުވެފައި ވަނީ، އެ ހަތިމަށް މިހާރު 250 އަށްވުރެ ގިނަ އަހަރު ވެދާނެކަމަށާއި، އެއީ އިހަވަންދޫ އިބްރާޙީމް ކަތީބުގެ އެންގުމަށް ލިޔެފައިވާ ހަތިމެއް ކަމަށެވެ. އަދި ހަތިމު ވަނީ ވަގުފް ކުރެވި، ވަގުފް ބަލަހައްޓާ އުސްމާން ކަލޯގެ ހަވާލުގައި ކަމަށް ވެސް ނަޝީދު ވިދާޅުވެފައެވެ.
ނަޝީދު ހަތިމު ނެންގެވީ ހުއްދަ ނުހޯދާ، ފޮޓޯ އާންމު ކުރުމުން ކަންބޮޑުވޭ: އިހަވަންދޫ ކައުންސިލް
މިހަތިމާގުޅޭ ގޮތުން އިވަންދޫ ކައުންސިލުން ވިދާޅުވީ، މިފަދަ މުހިންމު ތަރިކައެއް އޮތްކަން އާންމު ގޮތެއްގައި ފާޅުކޮށްފިނަމަ އެ ބެލުމުގެ ޝައުގު ގިނަ ބަޔަކު ހުންނާނެތީއާއި، އަދި އެ ހަތިމު ބަލަން ނަގަން ފަށައިފިނަމަ އަވަހަށް ހަލާކުވުމުގެ ފުރުސަތު ބޮޑުކަމަށެވެ.
''އަނެއްކާ މި ޒަމާނުގެ ގޮތުން އެ ހަތިމު ގެއްލުމުގެ ބިރުވެސް އޮވޭ، އެހެންވެ އަޅުގަނޑުމެން އެ ހަތިމުގެ ވާހަކަ ވަނީ މިރަށާއި ހަމައިން ހިފަހައްޓާފައި، މީޑިއާއަށް ފޮޓޯލައި، އެކަން އާންމުކޮށް ނަހަދަނީ ހަތިމުގެ ރައްކާތެރިކަމަށްޓަކައި'' އިހަވަންދޫ ކައުންސިލުން ވިދާޅުވެފަވެއެވެ.
އެ ކައުންސިލުން ވިދާޅުވެފައި ވަނީ އެ ހަތިމު ބަލަން ބޭނުން ފަރާތްތަކުން އެދިއްޖެ ނަމަ ހަތިމު ބެލުމުގެ އިންތިޒާމު ކައުންސިލްގެ ބެލުމުގެ ދަށުން ހަމަޖައްސާފައި އޮންނަ ކަމަށާއި، އަދި ހަތިމު ބަލަން އެދިއްޖެނަމަ ހަތިމު ދައްކާނެ މީހުން އެ މިސްކިތުގެ މުވައްޒަފުންގެ ތެރެއިން ކަނޑައަޅާފައި ތިބޭ ކަމަށެވެ.
މި ހަތިމު ބާއްވާފައި އޮތް އިހަވަންދޫ އިހުގެ ހުކުރު މިސްކިތް ނުވަތަ އިހަވަންދޫ އާޘާރީ މިސްކިތަކީ، ހިރިގަލުން ބިނާކޮށްފައިވާ، 300 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާ މިސްކިތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!