އެމްއީއެސް ހިންގި އިމާރާތުގެ މައްސަލާގައި މަންދު ކޮލެޖް ހިންގާ މާލެ ހައި ކުންފުނިން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާ ދެކޮޅަށް އިސްތިއުނާފްކުރި މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުން ނިންމައިފި އެވެ.

އެމްއީއެސް އިމާރާތް މާލެ ހައި ކުންފުނި އަތުން 2013 ވަނަ އަހަރު ސަރުކާރުން އެތަން އަތުލީ ގާނޫނާ ހިލާފަށް ކަމަށް ވާތީ އެ މައްސަލާގައި 15 މިލިއަން ރުފިޔާގެ ބަދަލެއް ދައްކަން ސިވިލް ކޯޓުން ހުކުމްކުރި އެވެ.

Ad
rt

މާލެ ހައި ކުންފުނިން މިނިސްޓަރު އައިޝަތުގެ މައްޗަށް ދައުވާކުރީ ކޯޓުން ފައިސާ ދައްކަން ދިން އެއް މަސް ތެރޭގައި ފައިސާ ނުދެއްކި ކަމަށް ބުނެ އޭނާގެ އިހުމާލު އޮތްކަމަށް ކަނޑައެޅުމަށެވެ. އެކަމަކު ކޯޓުން ނިންމީ އިހުމާލެއް ނެތް ކަމަށެވެ.

އެ ނިންމުން އިސްތިއުނާފް ކުރަން މާލެ ހައި ކުންފުނިން ހައި ކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ރަޖިސްޓްރާ އިއްޔެ ނިންމި ނިންމުމުގައިވަނީ ދަށު ކޯޓުގެ ނިންމުމުގައި އޮތް ގޯހެއް ނުވަތަ ކުށެއް ބުނެ ދެވިފައިނުވާތީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ނިންމީ ކަމަށެވެ.

މިއީ މިނިސްޓަރަކާ ދެކޮޅަށް މިފަދަ ދައުވާއެއް ކުރި ފުރަތަމަ ފަހަރެވެ.