ރައްޓެއްސެއްގެ ކައިވެންޏަށް ރ. މީދޫއަށް އަހަރެން ދިޔައީމެވެ. އަހަންނަށް ލިބުނީވެސް އެންމެ ފަސްދުވަހުގެ ކުރު ޗުއްޓީއެކެވެ. އެހެންކަމުން މާބޮޑު ތައްޔާރީއެއް ނުވަމެވެ. މީގެ ކުރިން ރާއްޖެތެރޭ ރަށަކަށް ދަންޏާ އަހަރެން އަބަދުވެސް ވަރަށް ބޮޑަށް ތައްޔާރުވަމެވެ. ފީނަން ގޮސް މަސްބާނާ، ބާބެކިޔު ހެދުމަކީ އަހަރެން ވަރަށް ކުރާހިތްވާ ކަންތައްތަކެވެ. އެހެނަސް ލިބުނު ދުވަސްކޮޅު މަދުކަމުން އަހަރެން ނިންމީ ޕާޓީ ނިންމާފައި އަވަހަށް މާލެ އައުމަށެވެ.

އަހަރެން ހުރީ އެކުވެރިޔާ ފަޒާލްގެ ގޭގައެވެ. އެގޭ ހުރިހާ އެންމެންވެސް އަހަންނަށް ވަރަށް ހެވެ. އަބަދުވެސް އަހަރެން ބޭނުންވާ ކަމެއް އޮތްތޯ އަހާ، ބޭނުން ހުރިހާ ކަމެއްވެސް އެންމެ ފުރިހަމައަށް ކޮށްދެއެވެ.

Ad
rt

ހެނދުނު ސައިބޮއިގެން ފަޒާލް އާއިއެކު އަހަރެން ދިޔައީ އެރަށު ސްކޫލަށެވެ. އޭރު ރަށުގެ ޒުވާންފުރައިގެ ފިރެހެންކުދިންތައް އަވަދިނެތި އެތަން ރީތި ކުރުމުގައި އުޅެއެވެ.ދެޖީބަށް އަތް ޖަހާލައިގެން އަހަންނަށް ހުރެވުނީ ބީރައްޓެހި ގޮތަކަށެވެ.

" އޭ އެހެރީ ހާދަ ސަޅި ބިޓެއް! މާލޭ މީހެއް ކަންނޭނގެ!"

ތަންކޮޅެއް ދުރުން އިވުނީ އަންހެން އަޑެކެވެ. އެއަޑަށް ބޭއިޙްތިޔާރުގައި އަހަންނަށް ފަހަތް ބަލައިލެވުނެވެ. އޭރު މާތަކެއް ހިފައިގެން ދެތިން އަންހެން ކުދިން ކޮންމެވެސް މަސައްކަތެއްގައި ތިއްބެވެ. އަހަރެން ބަލާލުމާއެކު އެކުދިން ރަކިވެ ހޭންފެށިއެވެ. އެވަގުތު ފަޒާލްވެސް އަހަރެން ގާތަށް އައިސް ހުއްޓުނެވެ.

" އޭ ހާދަ ވަރަކަށް ތި ބަލަނީ! ހައްތަހާވެސް އެތިބީ މީހުންގެ އަނބިން!"

ފަޒާލްގެ ޖުމްލައިން އަހަރެން ހައިރާންވިއެވެ. ދެންމެ އެމީހުން އަހަންނާބެހޭ ގޮތުން ދެއްކި ވާހަކަތައް އަހަންނަށް އިވުނެވެ.

" އެކަމަކުވެސް މިހާރުވެސް ސެޓު ވާނެ ކަންނޭނގެ! "

މަޖަލަކަށް ހަދާފައި އަހަރެން ބުނީމެވެ.

" އޭ އެއެއްނޫނޭ! ކޮބާތަ ލަހުފާ! މަށާ މީޓްވެސް ނުކޮށްދޭ!

އަހަރެން ބުނީ ފަޒާލްގެ ވާންއުޅޭ އަނބިމީހާގެ ވާހަކައެވެ. މީދޫއަށް އައިފަހުންވެސް ލަހުފާ އާއި ދިމާނުވާތީއެވެ.

" ލަހޫވެސް ވާނެ ކޮންމެވެސް ދިމާލެއްގަ! "

ފަރާތްފަރާތް ހޯދާލަމުން ފަޒާލް ބުންޏެވެ. އެވަގުތު މީހަކު ގޮވާލުމުން ފަޒާލް އެދިމާލަށް ހިނގައިގަތެވެ. އަހަރެންވެސް އޭނާއަށް އެހީތެރިވުމަށް ފަހަތުން ދިޔައީމެވެ.

ރޭގަނޑުގެ ވަގުތެވެ. ފަޒާލް އާއި ލަހުފާ ކައިވެނި ކުރެވި، ޕާޓީ ފެށިއްޖެއެވެ. ވެވުނުހާ ރީއްޗެއް ވެގެން މީހުންތައް ބައިހަދާފައި ސްކޫލް ހޯލްތެރެއަށް ވަންނަމުންދެއެވެ. ފަޒާލް ފިޔަވާ އެރަށުގައި އަހަރެންގެ އިތުރު ރައްޓެއްސަކު ނުހުރެއެވެ. އެހެންކަމުން ޕާޓީތެރޭގައި ހުންނަން އަހަރެން ވަރަށް ފޫހިވެއްޖެއެވެ. ތަންކޮޅެއް ދުރުގައި ހުރި މޭޒެއް ކައިރީ އެކަނިމާއެކަނި އިނދެ ނޫޑްލްސްކޮޅެއް ކާލީމެވެ. އެއަށްފަހު އަހަރެން ބެލީ އެތަނުން ދެވޭތޯއެވެ. މިރޭ ދެން ފަޒާލްއެއް ނުފެންނާނެތާއޭވެސް އަހަރެންގެ ހިތަށް އެރިއެވެ.

ސްކޫލްގެ ބިއްދަށު ފަރާތު ދޮރަކުން ނިކުމެ މަގު އޮތްދިގަށް އަހަރެން ހިނގައިގަތީމެވެ. ރަށުތެރޭގައިވެސް ވަނީ ފަޅުކަމެވެ. ވާނީވެސް އެހެންތާއެވެ. ރަށު ރައްޔިތުން ކަހަލަ ގޮތަކަށް އެތިބީ ޕާޓީއަށްގޮހެވެ.

އަތޮޅުތެރޭގެ ރަށްރަށް ހާދަ ހިތްފަސޭހައޭ އަހަރެންގެ ހިތަށް އަރަމުންދިޔައެވެ. ދުއްވާ އެއްޗެހި މަދުވެފައި ހަމަހިމޭނެވެ. ޖެހޭ ތާޒާ ވައިރޯޅިތަކުން ހަށިގަނޑަށްވެސް އެހާ އަރާމެވެ. ހަލަބޮލިކަން ނެތްކަމީ އެންމެ ބޮޑު ހިތްހަމަޖެހުމެވެ.

ގަސްތަކުގެތެރެއިން އިވޭ ކުދިކުދި ދިރޭ އެއްޗެހީގެ އަޑު ފިޔަވާ އިތުރު އެއްވެސް އަޑެއް އަހަންނަކަށް ނީވެއެވެ. ލަސްފިޔަވަޅުތަކެއްގައި ހިނގަމުން ގޮސް އަހަންނަށް ނިކުމެވުނީ ރަށުގެ އަތިރިމައްޗަށެވެ. އެއާއެކު އަހަރެން ހައިރާންވީމެވެ. ކުރިމަތިން ފެންނަ އޮތް މޫދުވަނީ ނޫކުލައިން ދިއްލާލައިފައެވެ. ރެދަން ލައިފައިވާ ރާޅުތައް ގޮނޑުދަށަށް ބީއްސަމުން ދާއިރު ހާދަ ހިތްގައިމެވެ. މި ރީތި މަންޒަރު އަހަރެންގެ ޙަޔާތުގައިވެސް މިފެނުނީ އަލަށެވެ.

އަވަހަށް ފޯނު ނަގާ ފޮޓޯ ނަގަން ފެށީމެވެ. ލައިގެން ހުރި އަޅިކުލައިގެ ފަޓްލޫން ކުޑަކޮށް އޮޅާލީ މޫދަށް އެރިލާ ހިތުންނެވެ. އެހެންކަމުން މަޑުމަޑުން، ފިނިފިނި މޫދުގައި ފައިޖައްސާލީމެވެ. އެއަށްފަހު އަވަސް އަވަހަށް ރެދަނުގައި އަތްލައި ކުޅެން ފެށީމެވެ. މިރޭ މިގޮނޑުދަށުގައި ރަސްކަން ކުރާނީ ހަމައެކަނި އަހަންނޭ ހިތަށް އެރިއެވެ. ދުވަހަކުވެސް އެހާ ރީތި މަންޒަރެއް އަހަރެން ނުދެކެމެވެ. މި ރީތި މޫސުމުގައި އެ އޮމާން މޫދުގައިވެސް އޮތީ ހަމަހިމޭންކަމުގެ ސާލެއް ލެވިފައިކަހަލައެވެ.

މޫދުގެ އައްސޭރިފަށުގައި ހުރެ، ހަނދުވަރުގެ ފަނޑުއަލީގެ ތެރޭގައި ގޮނޑުދޮށުގައި އަހަރެން ހިނގަންފެށީމެވެ. ހަސްތީތެރެއިން މިހާ ރީތި މަންޒަރެއް އަހަރެން ދުވަހަކުވެސް ނުދެކެމޭ އަނެއްކާވެސް ހިތަށް އެރިއެވެ. ގޮނޑުދޮށުގެ އެއްކޮޅުން އަނެއްކޮޅަށް ހިނގާ ނިމުނު އިރުވެސް އަހަރެންގެ ހިތެއް ނުފުރުނެވެ. ޖީބުގައި އޮތް ފޯނަށް މެސެޖެއް އައިއަޑު އިވުމުން ފޯންނަގާ ގަޑި ބަލާލީމެވެ. އޭރު ގަޑިން ބާރަ ޖަހަނީއެވެ. ރެދަނުގެ އަވައިގައި ޖެހި ރޭ ދެބައިވީކަންވެސް އަހަންނަކަށް ނޭނގުނެވެ.

ހިތާދެކޮޅަށް އަހަރެން އެއްގަމަށް އަރަން އެނބުރުނު ވަގުތު ތަންކޮޅެއް ދުރުގައި މީހަކު ހުރިހެން ހީވިއެވެ. އޭނާވެސް ހުރީ ރާޅު ޖަހާފަށުގައެވެ. ރެދަންތަކުގެ ނޫއަލިން އޭނާވެސް ރެދަނާ ކުޅެމުންދާކަން އެނގެއެވެ. ވިހުރެމުންދާ އިސްތަށިގަނޑުން އެއީ އަންހެންކުއްޖެއްކަން އެނގުމުން އަހަރެން ޝައުޤުވެރިވިއެވެ. އެއީ ވަގުތުގެ ގޮތުންނެވެ. މިހާ ދަންގަޑިއެއްގައި އަންހެން ކުއްޖަކު އެކަނިމާއެކަނި އައިސް ގޮނޑުދަށުގައި ހުރީތީ އަހަރެން ހައިރާންވީމެވެ. އަހަރެންގެ މިސްރާބު ބަދަލުކޮށްލާ ހިތްވެއްޖެއެވެ. އިތުރު މީހެއްގެ ހިލަމެއްވެސް ނެތުމުން އޭނާ އެކަނި ބަހައްޓާފައިވެސް ދާހިތެއް ނުވިއެވެ. ތަންކޮޅަކަށް ގޮސް ފޯނުގެ ލައިޓް ދިއްލާލުމަށްފަހު ނިއްވާލީމެވެ.

އެއީ ހަމަ އަންހެން ކުއްޖެކެވެ. ފަސްބައިދިގު، ރަތްކުލައިގެ ރީތި ހެދުމެއްގައި ހުރި އެ އަންހެން ކުއްޖާއަކީ ހިމަތޮޅި ހަށިގަނޑެއްގެ ވެރިއެކެވެ. އޭނާ އެއައީ ޕާޓީ ނިންމާލާފައިކަން އަހަންނަށް ޔަޤީންވީ އޭނާ ލައިފައިހުރި ޕާޓީ ފާޑު ހެދުމުންނެވެ. އެކުއްޖާގެ ފަހަތުގައި ހުރެ އަހަރެން ކަރުކެހިލީމެވެ. ގޮވާލާނެ ނަމެއް ނޭނގޭތީއެވެ. އެހެނަސް އޭނާ ފަހަތް ބަލައެއްނުލިއެވެ. އަޑު ނީވެނީ ކަމަށް ހީކޮށް ތަންކޮޅެއް ބާރަށް ކެއްސާލީމެވެ. ދެންވެސް އޭނާ ބަލައެއްނުލިއެވެ. ދިއްލިފައިވާ ނޫކުލައިގެ ރެދަންތަކުގައި ފައި ހާކާލަ ހާކާލާ އޭނާ ހުރީއެވެ.

" ބިރެއްވެސް ނުގަނޭތަ؟ "

ވަގުތު ބޭކާރު ނުކޮށް އަހަރެން ސުވާލުކުރީ އޭނާ އާއި އެއްހަމައަކަށް އަރާފައެވެ. އޭނާ ބަލައިލީ ދެނެވެ. އެފަނޑު އަލީގެ ތެރެއިން އަހަރެން އޭނާއަށް ހިނިތުންވުން ރައްދުކުރީމެވެ.

" ކޮންކަމަކާ ބިރު ގަންނަންވީ ؟ "

އޭނާގެ ރީތި އަޑުން އަހަރެންގެ ހިތް ފަތަހަ ކުރި ކަހަލައެވެ.

" މިގަޑީގަ... އެކަނިމާއެކަނި މިތާ ހުންނަން ބިރެއް ނުގަނޭތަ ހަމަ؟ "

" ހޫމް." އޭނާގެ ޖަވާބު ކުރެވެ.

" ޕާޓީ ނިމުނީތަ؟ "

އަހަރެން ސުވާލުކޮށްލީމެވެ. ނަމަވެސް ޖަވާބެއް ނުދިނެވެ. އަހަންނަށް ފުރަގަސްދިނުމަށްފަހު އޭނާ ކުރިއަށް ހިނގައިގަތީއެވެ. އަހަރެންވެސް ހިނގައިގަތީމެވެ.

" އަހަރެން މިއުޅެނީ ގެއަށް ދާން.. އެކަމަކު މިގަޑީގަ ތިކުއްޖާ ބަހައްޓާފަ ދާކަށް ނުކެރޭނެ! ހިނގާ އަހަންނާއެކު ދާން.."

އަހަރެން ތަންކޮޅެއް ބާރަށް ބުނީމެވެ. އެއާއެކު އޭނާ ހުއްޓި އަހަންނާ ދިމާލަށް ބަލާލިއެވެ.

" ރޫބީ.. އަހަރެންގެ ނަމަކީ ރޫބީ،"

" މީ މާޒިން.." އޭނާ ނުވެސް އަހަނީސް އަހަރެން އަވަސް އަވަހަށް ބުނީމެވެ. އަހަރެންގެ އަޑަށް ސަމާލުކަން ނުދީ އޭނާ ވާހަކަ ދައްކަން ފެށިއެވެ.

"އަހަރެން އުޅޭހިތްވަނީ މިތާ.. ރެދަންލާ ވަގުތަކީ އަހަރެން އެންމެ ހިތްހަމަޖެހޭ ވަގުތު.. މިކަހަލަ ރޭރެޔަށް އަހަރެން ވަރަށް އިންތިޒާރުކުރަން.. ރެދަންތަކާ އެއްފަދައިން އަހަރެންވެސް މުޅި ރޭ ހޭދަކުރަނީ މި ގޮނޑުދަށުގައި.."

އޭނާގެ ވާހަކައިން އަހަރެން އަޖައިބުވިއެވެ. އަންހެން ކުއްޖަކު މުޅި ރޭ ގޮނޑުދޮށެއްގައި ހޭދަކުރާނީ ހާދަ ޖެހިލުންކުޑަވީމަތާއެވެ. އަހަންނަށްވުރެ ވެސް އޭނާ ބިރުކުޑައެވެ.

" ނަސީބެއްނު ތިހެން އުޅެނިކޮށް ޖިންނިއެއް އަވަނުލާކަން.. " މަޖަލަކަށް ހަދާފައި އަހަރެން އެހެން ބުނީ އޭނާ ބިރުގަންނަވާލާށެވެ.

އެހެނަސް ބިރުގަތުމުގެ ބަދަލުގައި އޭނާ ފެށީ ހޭށެވެ.

" ޖިންނީންނެއް ނޫން! އިންސީން އަވަލާނީ... " ރޫބީ އެހެން ބުނުމުން އަހަންނަށްވެސް ހެވުނެވެ.

" އަސްލު ތިބުނީ ތެދެއް! ތިކަހަލަ ރީތި ކުދިންނާ އަވަލާނެ ކިތަންމެ މީހަކު ވާނެ! "

އަހަރެން ދުރުދުރުން ފެށީމެވެ. އޭނާވެސް އެފަދަ އިޝާރާތެއް ކުރޭތޯއެވެ.

" އާނ! ހަމަ އެގޮތަށް ތިހާ ފިރެހެންވަންތަ ފިރެހެނުން މިކަހަލަ ހަމަހިމޭން ވަގުތު ތަކުގައި ފެންނަހާ އެއްޗަކާ ކުޅެމުން ދުވަންޏާ އަވަލާނެ ކިތަންމެ ޖިންނީންނެއްވެސް ވާނެ! "

އެހެން ބުނުމަށްފަހު ބާރުބާރަށް އޭނާ ހޭންފެށިއެވެ. ހަނދުވަރުގެ ރިހި އަލީގެ ތެރެއިން އަހަރެންގެ ލޮލުގައި އަޅައިގަތީ އޭނާގެ ހިމަދިގު ދޮން ކަނދުރާއެވެ. އެ ކަނދުރާގައި ބީހިލަން އަހަރެންގެ ހިތް އެދެން ފެށީ ކީއްވެކަމެއް އަހަންނަކަށް ނޭނގުނެވެ. އޭރުވެސް އޭނާ ހަމަ ހެނީއެވެ. އަލިވިލެންދެންވެސް އޭނާ އާއިއެކު ހުންނަން އަހަރެން ބޭނުންވިއެވެ. އިރުގެ ރަން ދޯދިތަކުން އޭނާގެ ރީތިކަން ބަލާލަން ބޭނުންވިއެވެ. އެ ތޫލިއަޑާއި އެއްވަރަށް އޭނާވެސް ރީތިވާނެކަން އަހަންނަށް ޔަޤީނެވެ.

" ތިކުއްޖާހާ ރީތިއްޔާ މައްސަލައެއް ނެތޭ ޖިންނިއަކަށް ވިޔަސް... "

އަހަރެން ބޭނުންވީ އަހަރެން ބުނެލާ ބަސްތަކުން އޭނާގެ ހިތް ދަމައިގަންނާށެވެ. އަހަރެން ހައިރާންވީ ދެނެވެ. އަހަންނާ ތަންކޮޅެއްދުރުގައި ހުރި އެ ޒުވާން އަންހެންކުއްޖާ އަހަންނާދިމާލަށް އެހެރަ އަންނަނީއެވެ. ފަހަތަށް ޖެހިލަންވެސް ނުކެރިފައި އަހަންނަށް ހުރެވުނީއެވެ. އޭނާ އައިސް ހުއްޓުނީ އަހަންނާ ދާދި ގާތުގައެވެ. އޭނާގެ ނޭވާގެ ހޫނުކަން އަހަންނަށް އިޙްސާސްވާހާވެސް ގާތުގައެވެ. އެއީ ކުރިން އަހަރެން ބޭނުންވި ގޮތެވެ. އެހެނަސް މިހާރު އަހަރެންގެ ހިތް ނުތަނަވަސްވެއްޖެއެވެ. ޖެހިލުމެއްނެތި އޭނާ އެހާ ގާތްވީމައެވެ. އަހަންނަކީ މީގެ ކުރިން ދުވަހަކުވެސް އަންހެންކުއްޖަކާ އެހާ ވަރަށްވެސް ގާތްވެފައިވާ މީހެއް ނޫނެވެ. އެެހެންކަމުން އަހަންނަށް ތަފާތު އިޙުސާސްތަކެއް ކުރެވެންފެށިއެވެ.

" އަހަރެން ހަމަ އެހާވެސް ރީތީތަ؟ "

އޭނާގެ ރާގު ބަދަލުވެއްޖެއެވެ. އަހަންނަށް ހިންދިރުވާލެވުނެވެ. ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. ކުއްލިއަކަށް އަހަރެންގެ އަތުގެ އިނގިލިތަކުން ފެށިގެން ކަނދުރާ އާއި ހަމައަށް އޭނާގެ އަތް ހިންގާލިއެވެ. އަހަންނަށް ހުރެވުނީ ހަރަކާތް ހުއްޓި ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. މިއީ ހާދަހާ ޖެހިލުންކުޑަ މަންޖެއެކޭ އަހަރެންގެ ހިތަށް އެރިއެވެ. އެއާއިއެކު އޭނާ އަހަރެންގެ އަތުގައި ހިފާ އެއްގަމަށް މިސްރާބުޖެހިއެވެ. އިންކާރު ކުރާހިތެއް ނުވިއެވެ. ކުރީގައި ހުރީ އެ ރޫބީއެވެ. އަދިވެސް އޭނާ އަހަރެންގެ އަތަކުން ދުލެއް ނުކުރެއެވެ.

" ވަލުތެރެއަށް؟ ނުކެރޭނެ އަހަންނަކަށް... "

އަހަރެން ހުއްޓުނީ ކުރިމަތިން ފެންނަން އޮތް ގަސްބޯ އަނދިރި ވަލަށް އޭނާ ވަންނަން ދިޔުމުންނެވެ. އެއީ މިދަންވަރު ފަހަރެއްގައިވެސް އަހަރެން ވަންނާނެ ތަނެއް ނޫނެވެ.

" ކިހިނެއްވީ ؟ އާދެބަލަ! މިތާ ގޮނޑުދޮށުގައި ތިއްބާ މީހަކަށް ފެނިދާނެ! އޭރުން މާދަމާ ރަށުތެރޭން އިވޭ އަޑު އެހާ ރީއްޗެއް ނުވާނެ! "

އެއީވެސް ތެދެކޭ އަހަރެން ހިތަށް އެރިއެވެ. އެހެނަސް އަހަންނަކަށް ހަމަ އެއްގޮތަކަށްވެސް ނުކެރުނެވެ. އެކުއްޖާއަށްވުރެ އަހަރެން ފިނޑީތާއޭ ހިތަށް އެރުމާއެކު އަމިއްލަ ނަފްސު އަހަންނަށް މަލާމާތްކުރިއެވެ. އެހެންކަމުން ފުރުޞަތުގެ ބޭނުން ހިފަން އަހަރެންވެސް ބޭނުންވިއެވެ.

" އާނ އޯކޭ ހިނގާ!... "

ހިތާދެކޮޅަށް އެހެން ބުނެވުނު އިރުވެސް އަހަރެންގެ ހިތް އޮތީ ބިރުން ތެޅިތެޅިއެވެ. އެއީ އެސަރަޙައްދު އަނދިރިކަމުންނެވެ. ގަސްތަކުގެ ތެރެއިން އެތެރެވެ، އޭނާ ކުރިއަށް ހިނގަމުންދަނީ ފަސޭހަކަމާއެކުއެވެ. އެތާ އެތެރެއިން ތަނެއް ދޮރެއް ނޭނގެއެވެ. ގަހެއް ނޫނީ ރުކެއްގައިވެސް ޖެހިދާނޭ ހިތާ އަހަރެން ޖީބަށް އަތްކޮއްޕާލާ ފޯނު ނެގީމެވެ. އެހިސާބުން އޭނާ އަހަރެންގެ އަތުން ދޫކޮށްލިއެވެ. ސިއްސައިގެންގޮސް އަހަރެންގެ އަތުން ފޯނު ދޫވެ ވެއްޓުނެވެ.

" އޭ! ކޮބާ؟ " އޭނާގެ ގައިގައި އަތްޖެހޭތޯ ބަލަމުން އަހަރެން ބުނެލީމެވެ. އެހެނަސް އެއްވެސް ހިލަމެއް ނުވިއެވެ. އިސާހިތަކު އަހަރެންގެ ހިތް، އިތުރަށް ބިރުގަންނަން ފަށައިފިއެވެ. ފިޔަވަޅެއްވެސް އަޅަން ނުކެރި އަހަރެން ހުރީ ހުރިތާނގައެވެ. ހުރެވުނީ ކިހާ ހިސާބެއްގައިކަމެއްވެސް ނޭނގެއެވެ. ގޮނޑުދަށަށް ރާޅުޖަހާއަޑު ފިޔަވާ އިތުރު އެއްވެސް އަޑެއް އެސަރަޙައްދަކުން ނީވެއެވެ. ބިރުން ހުރެ ހުރިގޮތަށް އިށީނީ ފޯނު އަތުޖެހޭތޯއެވެ. އެހެނަސް ފޯނެއްވެސް އަތަކު ނުޖެހުނެވެ.

ކުއްލިއަކަށް އަހަރެން ސިއްސައިގެންދިޔައީ ދާދި ގާތުން އިވުނު އަޑުންނެވެ. އޭނާގެ އަޑުގައިވަނީ ހިތްދަތިކަމެވެ.

" އާދައިގެ މަތިން އަހަރެން މިރޭވެސް ގޮނޑުދޮށަށް ދިޔައީ ރެދަންތަކާއެކު މޫދުގައި ކުޅެލަން.. ރެދަންކޮޅެއްގެ ސިފައިގައި އަހަރެން އުޅުނީ ވަރަށް މަޖަލުގަ.. އެކަމަކު މާޒިން އައިސް އަހަރެންގެ ގައިގައި ފައިންޖަހާ އަތަށް ނަގާ ، މައްޗަށް އެއްލާ އަހަރެންގެ އެތަންމިތަނަށް އަނިޔާދީފި! ތީއީތަ އިންސާނުންގެ ގޮތަކީ..؟ އިންސާނުންނާހެދި އަހަރެމެންނަށް މިނިވަންކަމެއްވެސް ނެތް"

އަހަރެންގެ ކަންފަތުގައި ގުގުމަމުންދިޔަ އަޑުން އަހަންނަށް ހީވީ ފުރާނަވެސް ދިޔަހެންނެވެ. ދުއްވައިގަންނަން ބޭނުންވި ނަމަވެސް އެވަރުކުރަންވެސް އަހަންނަކަށް ނުކެރުނެވެ. އަހަންނަށް އެއިވެނީ ޖިންނިއެއްގެ އަޑުކަން ޤަބޫލުކުރާކަށް ބޭނުމެއްނުވިއެވެ.

" އަހަރެން ތެދުވީ މާޒިންގެ ކިބައިން ބަދަލުހިފަން... އެކަމަކު.. އަހަންނަށް ފެނުނީ މިދުނިޔެއިން ދުވަހަކުވެސް ނުދެކޭހާ ރީތި އިންސާނެއް! ފުރަތަމަ ނަޒަރުންވެސް އަހަންނަށް މާޒިންދެކެ ލޯބިވެވުނު. އެކަމަކު އެނގޭތަ؟ އިންސާނުންދެކެ ލޯބިވުމެއް އަހަރެމެންނަކަށް ނުވެ! އިންސާނުންނާ ކައިވެނިކުރުމެއްވެސް ނޯވެ!"

އޭނާ ދައްކާ ވާހަކަ އަޑުއިވުނު ނަމަވެސް ބިރުން ހުރި ވަރުން އަހަންނަށް ކޮޅަށް ހުރެވެނީވެސް ކިރިޔާއެވެ.

" ބިރު ނުގަނޭ! އަހަރެންގެ ފަރާތުން މާޒިންއަށް އެއްވެސް ގޯނާއެއް ނުވާނެ."

އޭނާގެ ޖުމްލަ އާއިއެކު މުޅިތަނަށް ގަދަ އައްޔެއް ވެރިވެގެން ދިޔައެވެ. އެއާއިއެކު އަހަރެންގެ ކުރިމަތިން ފާޅުވީ ދުވަހަކުވެސް ނުދެކޭހާ ރީތި އަންހެން ކުއްޖެކެވެ. އޭނާގެ މޫނުމަތީގައި ހިނިތުންވުމެއްނެތެވެ. އުދާސްވެރިކަމާއި ހިތްދަތިކަން ފިޔަވާ އެރީތި މޫނުން އިތުރު އެއްޗެއް އަހަންނަކަށް ނުފެނެއެވެ. ކަރުނައިން ފުރިގެންވާ ލޮލަކުން އޭނާ އަހަންނަށް ބަލަމުންދެއެވެ. އަހަރެންދެކެ އޭނާ ލޯބިވާވަރު އެދެލޮލުން ހެކިދޭ ކަހަލައެވެ.

" މާޒިން..ދެން ދޭ! އަހަންނާ ދުރަށްދޭ! އަހަރެން ދުވަހަކުވެސް މާޒިންއަށް އުނދަގުލެއް ނުކުރާނަން.. ނުވެސް ފެންނާނަން.. އެކަމަކު އަބަދުވެސް ހަނދާން ބަހައްޓައްޗޭ އަހަރެން މާޒިންދެކެ ލޯބިވާވަރު! އަދި... އަދި މިގޮތަށް ރެދަންލާ ކޮންމެ ރެއެއްގައިވެސް އަހަރެން މަތިން ހަނދާންކުރައްޗޭ! އެފަދަ ކޮންމެ ރެޔެއްގައިވެސް ކޮންމެވެސް ބަނދަރެއްގައި މާޒިންގެ ހަނދާނުގަ އަހަރެން ވާނެކަން ހަނދާން ކުރައްޗޭ! "

އޭނާގެ އަސަރުގަދަ ޖުމްލަތަކުން އަހަރެންގެ ހިތަށް ތަދުވިއެވެ. ބޭއިޙްތިޔާރުގައި އަހަންނަށް އޭނާ އާއި ދިމާލަށް ދެވުނެވެ. އޭރުވެސް އެ ރީތި އަންހެންކުއްޖާ ހުއްޓުމެއްނެތި ގިސްލަމުންދިޔައެވެ. ތުރުތުރުއަޅާ ޙާލު އަހަރެންގެ ދެއަތުން އޭނާގެ މޫނުގައި ހިފަހައްޓާލެވުނެވެ. އެއާއިއެކު އޭނާ އަހަރެންގެ ގައިގައި ބާރުބާރަށް އޮޅުލައިގަތެވެ. ދުރަށް ދާން ބޭނުންވި ނަމަވެސް ދުރަށް ދެވޭގޮތެއްނުވިއެވެ. ދުރަށް ދާހިތެއް ނުވިއެވެ. އެއީ އިންސާނެއް ނޫންކަމެއްވެސް އަހަންނަކަށް އިޙްސާސެއް ނުވެއެވެ.

އޭގެ ފަހުން މިހާރު ފަސްވަރަކަށް އަހަރުވެއްޖެއެވެ. އެރޭވީކަންތަކަށް ފަހު، އަހަންނަށް އޭނާގެ އެއްވެސް އިޝާރާތެއް ނުވެއެވެ. އެހެނަސް އަބަދުވެސް އަހަރެންގެ ހިތުގައި އެރޭގެ ހަނދާންތައް ބިންވަޅުނެގިފައިވެއެވެ. އެލޯބި އަހަންނަށް އަދިވެސް އިޙްސާސްވެއެވެ. ނަމަވެސް އޭގެ ފަހުން އަހަރެން ދުވަހަކުވެސް ރެދަން ބަލާކަށް ނުދަމެވެ.

ކައިވެނީގެ ތިންވަނަ އަހަރު ފާހަގަކުރުމަށްޓަކައި ކ.ތުލުސްދޫއަށް އަހަރެން ދިޔައީ އަނބިމީހާ ނިޝާއާއިއެކު ޗުއްޓީ ހޭދަކޮށްލާށެވެ. އެރަށުގައި ހޭދަކުރާ އެންމެ ފަހު ރޭ ރައްޓެއްސެއްގެ ސައިކަލްގައި އަހަރެމެން ނިކުތީ ބުރެއް ޖަހާލާށެވެ.

" ހޭ ރެދަން ރެދަން... އަޅެ ލޯބި ޕްލީޒް.. ހިނގާބަލަ މިފަހަރު ހިނގާބަލަ ! "

އަހަރެންގެ ބުރަކަށީގައި ޖަހާލަމުން ނިޝާ ތެޅިގަތެވެ. ރެދަނޭ ބުނުމާއެކު އަހަރެންގެ ހިތް ނުތަނަވަސްވެގެން ދިޔައެވެ.

" ދޭބަލަ ގޮސް ބަލާލަން.. އެތާ އެއުޅެނީނު ބައިވަރު މީހުންވެސް... "

އެތަނަށް ދާކަށް އަހަރެން ބޭނުމެއް ނޫނެވެ. އެއީ ފަނޑުވުމެއްނެތި އަހަރެންގެ ހިތުގައިވާ ރޫބީގެ ލޯބީގެ ސަބަބުންނެވެ. އެއީ ފާޅުކުރުމެއްނުވާ ސިއްރު ލޯތްބެކެވެ. މިރޭވެސް ކޮންމެވެސް ތަނެއްގެ ގޮނޑުދޮށުގައި ހުރެ އޭނާ އަހަރެންގެ ހަނދާންކުރާނެކަން އަހަންނަށް ޔަޤީނެވެ.

" ދެން ނޫން... ކީއްވެތަ ދެން ރެދަން ދެކެ އެހާ ފޫހިވަނީ ؟ އެއްފަހަރުވެސް ނުދާނެ" އޭނާ ރުޅި އައިސް އަހަންނާ ސުވާލުކުރިއެވެ.

" ފޫއްސެއްނުވެ! އެއްގޮތަކަށްވެސް ފޫއްސެއްނުވެ! އެއީ މި ދުނިޔެއިން އަހަންނަށް ފެނުނު އެންމެ ރީތި މަންޒަރު.. އެމަންޒަރު އެންމެ ފުރަތަމަ ފެނުނު ރޭ ދުވަހަކުވެސް އަހަންނަށް ނުލިބޭހާ އުފާވެރިކަން ލިބުނު.. ރެދަންލާ ކޮންމެ ރެޔަކީވެސް އަހަންނަށް ވަރަށް ޚާއްސަ ރެޔެއް! "

ބޭއިޙްތިޔާރުގައި އަހަންނަށް ބުނެވުނެވެ. އެއާއިއެކު އޭނާ އަހަރެންގެ އަތުގައި ހިފާ ދަމައިގަތެވެ. އިތުރު ގޮތެއް ނެތުމުން ސައިކަލުން ފައިބައިގެން އަހަރެން ހިނގައިގަތީމެވެ.

" ކިތަންމެ ރީއްޗަސް ނުދާންވެގެންނު ތި ހުންނަނީ.." ނިޝާ ވާހަކަ ދެއްކީ ރުންކުރު ގޮތަކަށެވެ.

" ކުރުސި ކިޔަައްޗޭ! " އަހަރެން އަވަސް އަވަހަށް އޭނާއަށް ހަނދާންކޮށްދިނީމެވެ.

ހޫއްސޭ ބުނެ އޭނާ ގޮނޑުދަަށަށް ފޭބިއެވެ. އަދި ގޮތްގޮތަށް ފޮޓޯ ނަގަން ފެށިއެވެ. އެމަންޒަރު ބަލަން ހުރެ ދެޖީބަށް އަތް ޖަހާލުމަށްފަހު އަަހަރެން ދެލޯ މަރާލީމެވެ. އަދި ފުން ނޭވާތަކެއް ދޫކުރަންފެށީ ހިތަށްވާ އުނދަގުލުން ސަލާމަތްވުމަށްޓަކައެވެ. މީހުންގެ އަޑުގަދަވާންފެށުމުން އަހަރެން ދެލޯ ހުޅުވާލާ އަނބިމީހާ ކޮބައިތޯ ބަލާލީމެވެ. އެހެނަސް ފޮޓޯ ނަގަން އެއްވަމުންދާ މީހުން ގިނަކަމުން އަހަންނަށް އޭނާ ފެންނަ ވަރެއް ނުވިއެވެ.

ނިޝާއަށް ގުޅާލަން ފޯނު ނަގަމުން، ދުރަށް އެއްލި ކަޅިއަކުން އަހަރެން ސިހިގެންދިޔައެވެ. ތަންކޮޅެއް އެއްގަމުގައި އަހަންނާދިމާލަށް ބަލަހައްޓައިގެން އެހުރީ ރޫބީއެވެ. ބުނާހިތްވަނީ އެއީ އަހަރެންގެ ރޫބީއެވެ. އަދިވެސް އެ ރީތިކަމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. މިހާރު ކުރިއަށްވުރެވެސް ރީތިހެން އަހަންނަށް ހީވިއެވެ. ވިސްނުމެއްނެތި އޭނާ އާއި ދިމާއަށް ހިނގައިގަނެވުނެވެ. އޭނާ ޖެހިލީ ފަހަތަށެވެ. އެހެންކަމުން އަހަރެން ހުއްޓުނީމެވެ. އޭނާގެ އެދެލޮލުން އަދިވެސް ފެންނަނީ ކަރުނައެވެ. ނަމަވެސް ކަރުނުން ފުރިގެންވާ ދެލޮލުތެރެއިން އަހަންނަށްޓަކައިވާ ލޯބި އަހަންނަށް ފެންނަ ކަހަލައެވެ. ކުއްލިއަކަށް ދުރުން އައި ކުޑަ ފިރެހެންކުއްޖެއް އޭނާގެ އަތުގައި ހިފިއެވެ. އަދި އަހަންނާ ދިމާލަށް ބަލާލަމުން ބުންޏެވެ.

" ބައްޕާ؟؟ މަންމާ! އެހެރީ ބައްޕަ! "

ސުވާލުގެ ނަޒަރަކުންއަހަރެން ރޫބީއަށް ބަލައިލީމެވެ. އެއާއެކު ބޯޖަހާލަމުން އޭނާ މަޑުމަޑުން ދެލޯ މަރާލިއެވެ. އަހަންނަށް ތެޅިގަނެވުނެވެ. ތެދެކެވެ. އެ ކުޑަކުއްޖާ އަހަންނާ ހާދަ ވައްތަރެވެ. މަންމަމެން އަތުގައި ހުރި އަހަރެންގެ ކުޑައިރުގެ ފޮޓޯތަކުގައިވަނީ ހަމަ އެ ސޫރައެވެ. އެއީ އަހަރެންގެ ދަރިއެއްކަން އަހަންނަށް ޔަޤީންވީ ދެނެވެ. ބާރުބާރަށް އެދިމާލަށް ދާން ފެތިން ފިޔަވަޅެއް އެޅުމާއެކު އަނބިމީހާ އައިސް އަހަރެންގެ އަތުގައި ހިފައިފިއެވެ.

" ހިނގާ ދެން ދާން.... މާ މީހުން ގިނަވެއްޖެ! "

އަހަންނަށް ހަދާނެގޮތް ހުސްވިއެވެ. އަހަރެންގެ އަތުގައި ހިފައިގެން އޭނާ އެއްގަމަށް ދާން ހިނގައިގަތެވެ. އިތުރު ގޮތެއް ނެތުމުން އަހަރެން އޭނާ އާއިއެކު ހިނގައިގަތީމެވެ. ކުޑަކުއްޖާ ހުރީ ރޫބީގެ ގައިގައި ބައްދާލައިގެންނެވެ. އަދި ދެރަވެފައި ހުރެ އަހަންނަށް ބަލަމުން ދިޔައެވެ. އަހަރެންގެ ހިތަށް ހާދަ ތަދުވިއެވެ. އަހަންނަށްވެސް އިރުއިރުކޮޅުން ފަހަތް ބަލާލެވެއެވެ. ރޫބީ ރޮމުންދާ މަންޒަރު ބަލަން އަހަންނަށް ކެތްވަނީކީ ނޫނެވެ. އެހެނަސް އަހަންނަށް ކުރެވޭނެ އެއްވެސްކަމެއް ނެތެވެ. ސައިކަލާ ދިމާލަށް އައުމުގެ ކުރިން އެންމެ ފަހު ފަހަރަކަށް އަހަރެން ފަހަތް ބަލާލިއިރު އެމީހުންނެއް ނެތެވެ. އެކިދިމަދިމާލަށް އަހަރެން ނަޒަރު ހިންގާލީމެވެ. އެހެނަސް އެއްވެސް ދިމާލަކުން ނުފެނުނެވެ. އަހަރެން މާޔޫސްވިއެވެ. އިންތިހާއަށްވެސް ދެރަވިއެވެ.

އެތައް އަހަރެއް ފާއިތުވެއްޖެއެވެ. އޭގެ ފަހުން ރެދަން ލާ ކޮންމެ ރެޔަކު އެހުރި ތާކުން އަހަރެން އަތިރިމައްޗަށް ދަމެވެ. އެހެނަސް ރޫބީގެ އެއްވެސް ހިލަމެއް އަހަންނަކަށް ނުވެއެވެ. އޭނާގެ އިންތިޒާރުގައި އަހަރެން އެތައް ވަގުތެއް އަތިރިމަތީގައި ހޭދަކުރަމެވެ. އެެހެނަސް ރޫބީއެއް ނާދެއެވެ. އެންމެ ފަހަރަކު ނަމަވެސް ބައްދަލު ވެލުމަށް އަހަރެންގެ ހިތް ހާދަ އެދެއެވެ. ވާހަކަ ދައްކާލުމަށް ހާދަ ބޭނުމެވެ. އެހެނަސް.. ރޫބީ އަހަންނަށް ގެއްލިއްޖެއެވެ. އެރޭ އޭނާ އަހަންނަށް އެ ފެނިލީ އަހަރެންގެ ދަރިފުޅު ދައްކާލަންބާއެވެ؟ އަދި އޭނާ އަހަރެންދެކެ ވާ ލޯބި ހަނދާންކޮށްދޭންބާއެވެ؟ ރޫބީއަށް ނޭނގުނަސް އަހަރެންވެސް ރޫބީދެކެ އިންތިހާއަށް ލޯބިވަމެވެ. އަހަރެން ދުނިޔޭގައި ހުރިހާ ހިނދަކު ރެދަންލާ ކޮންމެ ރެޔަކު އަތިރިމަތީ އިނދެ ރޫބީއަށް އިންތިޒާރުކުރާނަމެވެ. ކޮންމެވެސް ދުވަހަކުން ބައްދަލްވާނެކަމުގެ ފޮނި އުންމީދުގައެވެ.

( ނިމުނީ)

(ނިމުނީ)