ދިރާގު ޓީވީ އާއި ދިރާގު ޕްލޭގެ ހިދުމަތް ހުއްޓާލަން އެ ކުންފުނީގެ ބޯޑުން ނިންމައިފިއެވެ.

މިގޮތަށް ނިންމައި ދިރާގުން ވަނީ މިއަދު ބަޔާނެއް ނެރެފައެވެ. އެ ކުންފުނީގެ ބަޔާނުގައި ބުނީ 29 ޖަނަވަރީ 2023 ގައި ދިރާގުގެ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސްގެ މުއްދަތު ހަމަވާތީ، ލައިސަންސް އާ ކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅި ކަމަށާއި ނަމަވެސް ޖެނުއަރީ 2022 ގައި އެ ކޮމީޝަނުން ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދަށް ގެނައި އިސްލާހަށް ހަވާލާދީ، ދިރާގަކީ ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ދޫކުރުމަށް ޝަރުތު ފުރިހަމަނުވާ ކުންފުންޏެއްކަމަށް  ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

Ad
rt

މި އިސްލާހުގައި ބޭރުގެ ހިއްސާދާރުން ހިމެނޭ ކުންފުނިތަކަށް ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދިނުން ވަނީ މަނާކޮށްފައެވެ. މި ބަދަލާ ގުޅިގެން، އެކަން ހައްލުކުރުމަށް ކަމާބެހޭ އިދާރާތަކާއިއެކު މި އަހަރު ތެރޭގައި ދިރާގުން ގިނަ މަސައްކަތްތަކެއް ވެސް ކުރިއެވެ.

ނަމަވެސް ލައިސަންސް އާ ވާނެކަމުގެ ޔަގީންކަމެއް ނެތުމުގެ ސަބަބުން ޕްލޭންތަކާއި އެއްގޮތަށް ދިރާގުގެ ރީބްރޯޑްކާސްޓްކުރުމުގެ ވިޔަފާރި ފުޅާކޮށް ކުރިއަށް ނުގެންދެވި ގެއްލުންވެފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން ބުނީ ރެގިއުލޭޓަރީ ގޮތުން ކުރިމަތިވެފައިވާ
ގޮންޖެހުންތަކަށް ރިއާޔަތްކޮށް،  ކުންފުންޏާއި ހިއްސާދާރުންގެ ރައްކަލާއި މަންފާއަށާއި އަދި ކުންފުންޏަށް ލިބޭނެ ގެއްލުން އިތުރުވިޔަ ނުދިނުމަށްޓަކައި، ދިރާގުޓީވީ އަދި ދިރާގުޕްލޭގެ ޚިދުމަތް ހުއްޓާލުމަށް ދިރާގު ބޯޑުންވަނީ ނިންމާފައިވާ ކަމަށެވެ.

އެގޮތުން، ޚިދުމަތް ހުއްޓާލުމުގެ 30 ދުވަސް ކުރިން ކަސްޓަމަރުންނަށް އެންގުމަށް ލާޒިމްކޮށްފައިވާތީ، 29 ޖަނަވަރީ 2023 އަކީ ދިރާގުޓީވީ އަދި ދިރާގުޕްލޭ ޚިދުމަތް ފޯރުކޮށްދިނުމުގެ އެންމެފަހު ދުވަސްކަމުގައި ވަނީ ބުނެފައެވެ.