އަވަށްޓެރި އިންޑިއާއަށް އެތެރެވާއިރު، ކޯވިޑު ޓެސްޓު ހަދަންޖެހޭގޮތަށް އަނެއްކާވެސް ހަމަޖައްސައިފި އެވެ.
އެގައުމުން މިގޮތަށް އަމަލުކުރަން ނިންމާފައި މިވަނީ ކޯވިޑުގެ ކޭސްތައް އެގައުމުގައި އަނެއްކާ ވެސް އިތުރުވަމުން އަންނާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ނެވެ.
އިންޑިއާގެ ހެލްތު މިނިސްޓްރީން ވިދާޅުވެފައިވަނީ ކޯވިޑުން ރައްކާތެރިވުމަށް އައު ގައިޑްލައިނެއް ތައްޔާރުކޮށް، އެއަށް އަމަލު ކުރަން ފަށާފައިވާ ކަމަށެވެ.
އެގޮތުން މި ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުން ފެށިގެން އަމަލުކުރަމުންދާ އައު ގައިޑްލައިންގާއިވާ ގޮތުން އެ ގައުމަށް ދަތުރުކުރުމުގެ ކުރިން ޕަސިންޖަރުންގެ ރިޕޯޓްތައް ސަރުކާރުގެ ވެބްސައިޓަކަށް އަޕްލޯޑްކުރަން މިހާރުޖެހޭނެ އެވެ. އަދި ތާމަލް ސްކްރީނިންގ ވެސް ހަދަން ޖެހޭ ގޮތަށް މިހާރުވަނީ ހަމަޖައްސާފަ އެވެ.
މީގެ އިތުރުން އިންޑިއާގެ އެއާޕޯޓުތަކަށް އަންނަ ފަސިންޖަރުންގެ ތެރެއިން 2 އިންސައްތަ މީހުން ރެންޑަމްކޮށް ކޯވިޑް-19 އަށް ޓެސްޓު ކުރަން ވެސް ވަނީ ފަށާފަ އެވެ.
އަލަށް އެކުލަވާލައި އަމަލުކުރަން ފަށާފައިވާ ގައިޑްލައިންގައިވާ ގޮތުން ކޮވިޑްގެ އަލާމާތްތައް ފެންނަ ހިސާބުން އެކަހެރިކުރުމަށް ފެސިލިޓީއަށް ގެންދާނެ އެވެ. އަދި ގައިޑްލައިނާ އެއްގޮތަށް އެމީހަކު އެކަހެރި ވެސް ކުރާނެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!