ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިރޭ އޮންނަ ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗު ބަލަން ދާ ފަރާތްތަކަށް ހާއްސަ އޮފާއެއް ތައާރަފު ކޮށްފިއެވެ.
މި ވިޒިޓް އެންޑް ވިން އޮފާގެ ދަށުން މިރޭގެ މެޗު ބަލަން ހުޅުމާލޭގައި އެ ކުންފުނިން ބަހައްޓާފައިވާ ބޮޑު ސްކްރީން ކައިރިއަށްދާ ފަރާތްތަކުގެ މެދުގައި ގުރުއަރު ނަގާނެއެވެ. އަދި ގުރުއަތުން ހިވޭ ފަސް މީހަކަށް 5000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ އެޗްޑީސީއާއި މީޑިއާ ނެޓް ގުޅިގެން ކުރިއަށްގެންދާ ލަކީޑްރޯއެކެވެ.
އެޗްޑީސީ އިން ވޯލްޑް ކަޕަށް ފެށި “ބޯޅަ ފޯރި” ކެމްޕޭނުގެ ދަށުން ގިނަ ހަރަކާތްތަކެއް ވަނީ ބާއްވައިފައެވެ. އެގޮތުން ހުޅުމާލޭގައި ސްކްރީން ބެހެއްޓުމާއި ކުޑަކުދިންގެ ހަވީރެއް ބޭއްވުން ހިމެނެއެވެ.
އެޗްޑީސީން ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި ބަހައްޓާފައިވަނީ ރާއްޖޭގައި މިހާތަނަށް ބެހެއްޓި އެންމެ ބޮޑު ދެ ސްކްރީނެެވެ. އެއީ 20 ފޫޓާއި 40 ފޫޓުގެ ބޮޑު ލެޑް ސްކްރީންތަކެކެވެ.
ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކްގައި ސްކްރީން ބަހައްޓާފައިވާއިރު ދެވަނަ ފިޔަވަހީގައި ސްކްރީން ބަހައްޓާފައިވަނީ ހިޔާ ސަރަހައްދުގައެވެ.
ވޯލްޑް ކަޕްގައި ފްރާންސާއި އާޖެންޓީނާ ބައްދަލު ކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 8:00 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!