މޯލްޑިވްސް ނެޝަނަލް ޕާޓީ، (އެމްއެންޕީ)ގެ ރިޔާސީ ޕްރައިމަރީ އަށް ކުރިމަތިލުމުގެ ސުންގަޑި މިއަދު 14:00 ގައި ހަމަވެފައިވާއިރު، އެ ޕްރައިމަރީގައި ވާދަކުރުމަށް ފޯމް ހުށަހަޅުއްވާފައި ވަނީ އެ ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް އެކަނިކަމުން ވާދަވެރިކަމެއްނެތި އެމްއެމްޕީގެ ޓިކެޓް ނާޒިމަށް ލިބިއްޖެއެވެ.
އެމްއެންޕީގެ ތަރުޖަމާނު، ކުރީގެ ޖެންޑާ މިނިސްޓަރު ސިދާތާ ޝަރީފް މިއަދު ވިދާޅުވެފައިވާ ގޮތުގައި، އެމްއެންޕީގެ ޕްރައިމަރީއަށް ކުރިމަތިލީ ޕާޓީގެ ރައީސް މުޙައްމަދު ނާޒިމް އެކަންޏެވެ.
އެހެންވެ އޭނާ ވަނީ ނާޒިމަށް މަރުޙަބާ ދަންނަވާފައެވެ.
''އެމްއެންޕީގެ އަސާސީ ޤަވައިދުގެ 36 ވަނަ މާއްދާގެ (ރ) އަދި ޕާޓީގެ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީ ކުރިޔަށް ގެންދާނެ އުސޫލުގެ 6 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތީން ޕްރައިމަރީއަށް ކުރިމަތިލީ ޕާޓީގެ ރައީސް މުޙައްމަދު ނާޒިމް އެކަނި ކަމުން، ޓިކެޓު ދިފާޢުކުރެއްވީތީ މަރުޙަބާ ކިޔަން'' ސިދާތާ ވިދާޅުވެފަވެއެވެ.
ޕްރައިމަރީގައި ވާދަކުރެއްވުމަށް ނާޒިމް ފޯމް ހުށަހެޅުއްވީ ވެސް އިއްޔެއެވެ. އެ ޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވައިލީ މި މަހުގެ 1 ވަނަ ދުވަހުއެވެ.
އެމްއެންޕީ އަކީ ނާޒިމްގެ އިތުރުން ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޟް އިސްވެ ތިއްބަވައިގެން އުފައްދަވާފައިވާ ޕާޓީ އެކެވެ. އެމްއެންޕީ ރަޖިސްޓަރީކޮށް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނީ 25 ނޮވެމްބަރު 2021 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!