ގްލޯބަލް ބަޔޯޑައިވަރސިޓީ ފްރޭމްވޯކްގެ ލަނޑުދަނޑިތައް ހާޞިލްކުރުމުގައި، ވެށި ހިމާޔަތްކުރުމަށާއި، ގެއްލުންތައް ފޫބެއްދުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް، އެއްބާލުލުން ދެއްވުމަށް ނައިބު ރައީސް ނައިބު ފައިޞަލް ނަސީމް ސަރުކާރުތަކަށް ގޮވައިލައްވައިފިއެވެ.

އެމަނިކުފާނު މިފަދައިން ގޮވައިލެއްވީ، މިހާރު ކުރިއަށްދާ، ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވަރސިޓީގެ 15 ވަނަ ކޮންފަރެންސްގައި ދެއްވި ވީޑިއޯ މެސެޖުގައެވެ.

Ad
rt

ނައިބު ރައީސްގެ މެސެޖުގައި ވިދާޅުވީ، ރާއްޖެއަކީ "ޕޮލިޓިކަލް ވިޝަން: ދި 10 ޕޮއިންޓް ޕްލޭން ފޯ ފައިނޭންސިން ބަޔޯޑައިވާސިޓީ" ގެ ފައުންޑިން މެމްބަރެއް ކަމަށެވެ. އަދި ތަރައްޤީވަމުން އަންނަ ކުދިޖަޒީރާ ޤައުމުތަކަކީ، ދިރުންތައް ނެތިދިޔުމާއި، ވައިފެން ތަޣައްޔަރުވުމާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑަށް ނުރައްކަލަށް ހުށައެޅިފައިވާ ޤައުމުތައް ކަމަށް ވިދާޅުވެފަވެއެވެ.

މީގެ އިތުރުން ނައިބު ރައީސް ވަނީ، އިކުއެޑޯ، ގެބޮން އަދި އިނގިރޭސިވިލާތާއެކު ރާއްޖެއިން އިސްނަގައިގެން ކުރިއަށް ގެންދާ މި ޕްލޭންގެ ލަނޑުދަނޑިތައް ހާޞިލްކުރުމުގައި، ވެށި ހިމާޔަތްކުރުމަށާއި، ގެއްލުންތައް ފޫބެއްދުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް، އެއްބާލުލުން ދެއްވުމަށް ސަރުކާރުތަކަށް ގޮވާލައްވާފައެވެ.

ޖަޒީރާ ޤައުމުތަކަކީ، ހިކިފަސްތަނަށްވުރެ ކަނޑުގެ ސަރަޙައްދު ބޮޑު ޤައުމުތަކަށް ވުމުން، ލިބިފައިވާ މުއްސަނދިކަމަކީ، ގޮނޑުދޮށްތަކާއި، ކަނޑުގެ ދިރުންތަކުގެ މުއްސަނދިކަން ކަމަށާއި، ގްލޯބަލް ބަޔޯޑަިއވަރސިޓީ ފްރޭމްވޯކް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެކުލަވާލައި ނިންމުމަށް މަސައްކަތް ކުރެވެމުންދާއިރު، ދިރުންތައް ނެތިދިޔުމާއި، ލިބޭގެއްލުންތައް ހުއްޓުވައި، ނުވަތަ އިޢާދަ ކުރުމަށްޓަކައި، ޢަމަލީގޮތުން ކުރެވޭނެ ކަންކަމާއި ވަޞީލަތްތައް ކަށަވަރުކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައި ވެސް އެމަނިކުފާނުގެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ.

ނައިބު ރައީސްގެ މެސެޖުގައި ވަނީ، އިންސާނުންގެ އަމަލުތަކުގެ ސަބަބުން، ޤުދުރަތީ ނިޒާމްތައް ހަލާކުވެ، ދިރުންތައް މުޅިން ނެތި ފަނާވެގެން ނުދާނެކަން ކަށަވަރުކޮށްދެއްވުމަށް ވެސް ގޮވާލައްވާފައެވެ.