ހދ. ހިރިމަރަދޫ މިސްކިތުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަސައްކަތް ފެށުމުގެ ގޮތުން އެރަށުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި މިސްކިތުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ އާއި ހިރިމަރަދޫ ކައުންސިލްގެ ރައީސް މުޙައްމަދު ވަޙީދެވެ.

Ad
rt

އެއް އަހަރުގެ ތެރޭގައި ނިންމުމަށް މި މަސައްކަތް ހަވާލުކޮށްފައިވަނީ ވޭވްލެންތް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ ކުންފުންޏާ ހަވާލުކުރީ 8,752,398.95 (އަށް މިލިއަން ހަތްލައްކަ ފަންސާސް ދެހާސް ތިންސަތޭކަ ނުވަދިހަ އަށެއް ޕޮއިންޓް ނުވައެއް ފަހެއް) ރުފިޔާ އަށެވެ.

ސަރުކާރުން ހަރަދުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގައި ހިރިމަރަދޫގައި އިމާރާތް ކުރާ މި މިސްކިތަކީ 300 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

މިރަސްމިއްޔާތުގައި މިނިސްޓްރީގެ އިސް ބައެއް ބޭފުޅުންނާއި ހިރިމަރަދޫ ކައުންސިލުން ބައިވެރިވެވަޑައިގެންނެވި އެވެ.

ހިރިމަރަދޫގައި މިސްކިތެއް އިމާރާތްކުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ 20 ޖެނުއަރީ 2022 ވަނަ ދުވަހު އެވެ.

މި އެއްބަސްވުމުގައި ވޭވް ލެންތް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކޮށްފައިވަނީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ޖަލީލެވެ. އަދި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ އިސްލާމިކް މިނިސްޓާ ޑރ. އަޙްމަދު ޒާހިރު ޢަލީ އެވެ.

މި މިސްކިތުގެ ޢަމަލީ މަސައްކަތް ފެށުމަށް ލަފާކޮށްފައިވާ ތާރީހަކީ ކުރިއަށް އޮތް ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހެވެ.

2021 ވަނަ އަހަރު ތައްޔާރުކުރި ޑިޒައިނަކަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ މި މިސްކިތުގެ މަސައްކަތް ނިމޭއިރު، އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން މިސްކިތް އޭސީ ކުރުމަށް ވަނީ ނިންމާފަ އެވެ. އަދި މިސްކިތުގެ ފާޚާނާއާއި، ވުޟޫކުރާ ބައި، ގުދަން އަދި މުއްނާރެއް ހުންނާނެ އެވެ.

މީގެ އިތުރުން އަންހެނުނަށް ވެސް ނަމާދުކުރެވޭނެ ގޮތަށް މިސްކިތުގައި އިންތިޒާމްތައް ހަމަޖެހިފައި ހުންނާނެ އެވެ.

ހިރިމަރަދޫގައި މިސްކިތް އިމާރާތްކުރުމަށް ނިންމާފައި މިވަނީ މިވަގުތު އެރަށުގައި ހުރި މިސްކިތުގެ ޖާގައިގެ ދަތިކަން ކުރިމަތިވެ، އައު މިސްކިތެއް އެރަށަށް ބޭނުންވެފައިވާތީކަމަށް އިސްލާމިކް މިނިސްޓްރީއިން ވިދާޅުވެ އެވެ.