ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަބުރުފުޅަށް ގެއްލުން ލިބޭ ގޮތަށް ޓްވީޓު ކުރެއްވި، މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) އާ ދެކޮޅަށް ހުށަހެޅުއްވި މައްސަލަ ސިވިލް ކޯޓުން ބަލައިގެންފި އެވެ.
މި މައްސަލަ ސިވިލް ކޯޓުން ބަލައިގެންފައި ވަނީ އިއްޔެ އެވެ.
މިއީ ކުރީގެ ރައީސް މައުމޫނުގެ ވެރިކަން ވައްޓާލުމަށް، 50 މީހަކު މަރާލައި އެ މީހުންގެ މަރުގެ މައްސަލަ މައުމޫނުގެ އިސްތަށިފުޅުގައި އަޅުވަން ނަޝީދު ރޭއްވެވި ކަމަށް ބުނެ، ޝަރީފް ކުރެއްވި ޓްވީޓެއްގެ މައްސަލަ އެވެ.
ނަޝީދުގެ ގާނޫނީ ޓީމުން ވިދާޅުވީ އެމަނިކުފާނުގެ އަބުރާ ބެހިވަޑައިގެން އަބުރަށް ގެއްލުން ލިބޭ ގޮތަށް ޝަރީފް ޓްވީޓް ކުރައްވާފައި ވާތީ އަބުރާ ބެހުމުގެ އަމަލެއް ހިންގާފައިވާ ކަމަށް ކަނޑައަޅައި ދީ، އަބުރާ ބެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު އެ ފަރާތުގެ ކިބައިން ނަގައިދިނުމަށް އެދިފައިވާ ކަމަށެވެ.
މީގެ އިތުރުން ނަޝީދަށް ނިސްބަތްކޮށް އިބްރާހިމް ޝަރީފް ނޮވެމްބަރު 25، 2022 1:37 ގައި ޕަބްލިޝްކޮށްފައިވާ ޓުވީޓުގައި ލިޔެފައިވާ ދޮގު ވާހަކަތަކުގެ ސަބަބުން އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ މައުނަވީ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 10 މިލިއަން ރުފިޔާ ނަގައިދިނުމަށް ވެސް އެދިފައި ވެއެވެ.
ޝަރީފް ކުރައްވާފައިވާ ޓްވީޓުގައި ވިދާޅުވެފައިވަނީ ނަޝީދު، 50 މީހުން މަރަން އުޅުއްވީ ކުލީ ސިފައިން ރާއްޖެ ގެނެސްގެން ކަމަށެވެ. އަދި ރާވާފައި އޮތީ އެމީހުން ނޫސްވެރިންގެ ގޮތުގައި ރާއްޖެ ގެނެސް އެމްޑީޕީގެ ބޮޑު މުޒާހަރާއެއްގެ ތެރެއިން 50 މީހުން މަރާލަން ކަމަށެވެ.
ހަމަމިއާއެކު އެ އަމަލު ހުއްޓުވަން އެމްޑީޕީގެ އޭރުގެ ޕާލިމަންޓަރީ ގުރޫޕުން ގަރާރެއް ފާސްކުރި ކަމަށް ވެސް ޝަރީފު ވަނީ ވިދާޅުވެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!