ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ "އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022" ފުޓްބޯޅަ މުބާރާތުގެ ދެ ވަނަ މެޗު މިއަދު ހަވީރު ކުޅޭއިރު، މިއަދުގެ މެޗުގައި ވާދަކުރާ އެއް ޓީމުކަމުގައިވާ ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު (ސްކައި)ގެ އުއްމީދަކީ މުބާރާތުގެ ތަށި ހޯދުން ކަމަށާއި އަދި މިއަދުގެ މެޗުގައި ވާދަކުރާ އަނެއް ޓީމު، ކުޅުދުއްފުށީ އެކުވެރިންގެ ދިރުން (ކެޑް)ގެ އުއްމީދަކީ މުބާރާތުގެ ފައިނަލް ކުޅުން ކަމަށް ބުނެފިއެވެ.

މުބަރާތުގެ ދެވަނަ މެޗާ ގުޅިގެން ސްކައިގެ ކޯޗް އާދަމް އިލްހާމް އިސްމާއީލް ދިން ޕްރީމެޗް އިންޓަރވިއުގައި ބުނީ، އެ މުބާރާތަކީ ކޮންމެހެން ވެސް ކުޅުދުއްފުށީ ސިޓީގައި އޮންނަންޖެހޭ މުބާރާތެއް ކަމަށެވެ. އަދި އުއްމީދު ކުރަނީ ކޮންމެ އަހަރަކު އެ މުބާރާތް އޮތުން ކަމަށް ބުންޏެވެ.

Ad
rt

ކޯޗު އިލްހާމް ވަނީ ސިޓީ ކައުންސިލުން މިފަދަ މުބާރާތެއް ކުރިއަށް ގެންދާތީ ކައުންސިލަށާއި، ކައުންސިލް މެންބަރުންނަށާއި އަދި އެކަމުގައި ޝާމިލްވާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

އިލްހާމް ބުނީ، ސްކައި ޓީމު ނުކުންނަނީ މުބާރާތަށް ތައްޔާރުވެގެން ރަނގަޅު ކާމިޔާބެއް ހޯދުމުގެ އަޒުމުގައި ކަމަށެވެ. އަދި އުއްމީދަކީ މުބާރާތް ކާމިޔާބު ކުރުން ކަމަށް ބުންޏެވެ.

''އަޅުގަނޑުމެން ތައްޔާރުވާން ފަށައިފިން މުބާރާތް ޢިއުލާން ކުރިތަނާހެން، ޓީމުގައި އެންޖަރީ މައްސަލަ އެބަހުރި، އެންޖަރީގެ ސަބަބުން ބައެއް ކުޅުންތެރިންނަށް ނުކުޅެވޭ،'' އިލްހާމް ބުންޏެވެ.

އެޓީމާއި އިދިކޮޅަށް މިއަދު ހަވީރު ކުޅޭ ޓީމު ކެޑް އާއި ގޫޅޭގޮތުން އިލްހާމް ބުނީ ކެޑަކީ ވަރަށް ތަޖުރިބާކާރު ކުޅުންތެރިން ތިބި ޓީމެއް ކަމަށެވެ. އަދި ރަނގަޅު ފައިޓެއް ދޭނެކަމަށް ގަބޫލުކުރާކަމަށް ބުންޏެވެ.

އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗުގައި ކޮރަލްސްއަށް ބޮޑު މޮޅެއް

މުބަރާތުގެ ދެވަނަ މެޗާ ގުޅިގެން ކެޑްގެ ކެޕްޓަން މުހައްމަދު އާދަމް ދިން ޕްރީމެޗް އިންޓަރވިއުގައި ބުނީ، ބޮޑު ފުޓް ބޯޅަ މުބާރާތެއް ކުޅުދުއްފުށީގައި ބާއްވަން ޖެހިފައިވާ ކަމަށެވެ. އަދި އުއްމީދަކީ މި މުބާރާތުގެ ފައިނަލްގައި އެއްކޮޅުން ވާދަކުރުން ކަމަށް ބުންޏެވެ.

''ފުރަތަމަ މުބާރާތް ވީމަ އުންމީދަކީ އެއީ، ބައެއް ކުޅުންތެރިންގެ އެންޖަރީގެ މައްސަލަ އެބަހުރި، ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ޕްރެކްޓިސްކޮށްލާނެ ތަނެއް ނުލިބުން، އިދިކޮޅުން ސްކައި އޮތީ ވަރުގަދަ ސްކޮޑެއް، އެ ޓީމު ތައްޔާރުވާތާ 20 ނުނީ 15 ވަރަކަށް ދުވަސްވެއްޖެ'' މުހައްމަދު އާދަމް ބުންޏެވެ.

ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް ފުޓްބޯޅަ ދަނޑުގައި ސޮސައިޓީ ފޯ ކުޅުދުއްފުށީ ޔޫތު (ސްކައި) އާއި ކުޅުދުއްފުށީ އެކުވެރިންގެ ދިރުން (ކެޑް) މިއަދު ބައްދަލުކުރާ މެޗު ފަށާނީ 15:50 ގައެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރ އަކީ އެމްޓީސީސީއެވެ. ކޯސްޕޮންސަރއަކީ ފެނަކައެވެ. އަދި ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ތިލަދުންއެވެ.