ރައްޔިތުންގެ މަޖިލީހުގެ އައު އިމާރާތުގައި ލިފްޓެއް ބެހެއްޓުމަށް އީއައިއޭ ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަން އިއުލާން ކޮށްފި އެވެ.

އެ އިދާރާ އިން ކުރައްވާފައިވާ އިއުލާނެއްގައި ވަނީ 13 ބުރީގެ އައު އިމާރާތުގެ ހުޅަނގު އުތުރު ކަނަށްވާގޮތަށް އިމާރާތް ކުރެވޭ އެނެކްސްގެ ތެރެއިން އިމާރާތުގެ ޓެރަސް ހިމެނޭގޮތަށް ކޮންމެ ބުރިއަކަށް ދެވޭގޮތަށް 21 މީހުންގެ ލިފްޓެއް ބެހެއްޓުމަށްޓަކައި ބޭނުންވާ ކަމަށެވެ. އަދި ތިމާވެއްޓަށް އަސަރު ފޯރާނެ ވަރު ބަޔާންކުރާ ރިޕޯޓް (އީ.އައި.އޭ) ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

Ad
rt

އެކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށައެޅުމަށް ހުޅުވާލާފައިވާއިރު، ބީލަން ހުށަހެޅުމަށް މިމަހުގެ 12 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީވުމަށާއި، މިމަހު 19ގެ ކުރިން ބޯޑު ހުށައެޅުމަށް މަޖިލީހުގެ އިއުލާނުގައި ވެއެވެ.

މަޖިލީހުގެ އައު އިމާރާތާއެކު މަޖިލީހުގެ އިދާރާއަށް ކުރިން އޮތް ޖާގައިގެ ދަތިކަމަށް ހައްލެއް ލިބިފައިވާ ކަމަށް އެ އިދާރާއިން ކުރިން ވަނީ ވިދާޅުވެފަ އެވެ.

މަޖިލީހުގެ 13 ބުރީގެ އައު ޢިމާރާތް ބޭނުންކުރަން ފަށާފައިވަނީ 2018 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އެ އިމާރާތުގައި މިހާރު ވެސް ދެ ލިފްޓް ހުންނައިރު، އެއީ މަޖިލީހުގެ މުވައްޒަފުންނާއި އިދާރީ ބޭނުމަށް ބޭނުންކުރާ ލިފްޓަކާއި މެންބަރުން ބޭނުންކުރުމަށް ހާއްސަ ލިފްޓެކެވެ.