ގަވައިދާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަނިކޮށް އަތުލައިގަތް ސްރީލަންކާގެ ތިން މަސް ބޯޓުގައި ބާނާފައި ހުރި ގިނަ އަދަދެއްގެ މިޔަރާއި އެހެން ބާވަތްތަކުގެ މަސް ހުރިކަމަށާއި، އެ މަސް ބޯޓުތައް މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
ޤަވާޢިދާ ޚިލާފަށް ރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަމުންދަނިކޮށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ސްރީލަންކާގެ ތިން މަސް ބޯޓާއި ގުޅޭ މައުލޫމާތު ހާމަކުރައްވަމުން އެމްއެންޑީއެފުން ވިދާޅުވީ، މި ބޯޓްތައް ހިފަހައްޓާފައި ވަނީ އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ޣާޒީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ޕެޓްރޯލްކުރުމުގެ ތެރެއިން ކަމަށެވެ.
މިގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ޤަވާޢިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދަނިކޮށް ހިފެހެއްޓި ދެ ބޯޓެއް، ކޯސްޓްގާޑް ޝިޕް ޣާޒީގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ނޮވެންބަރު 30 ވަނަ ދުވަހުއެވެ. ސްރީލަންކާގެ މި ދެ ބޯޓަކީ "ބަނޫޒަން" ނަމަކަށް ކިޔާ ބޯޓަކާއި "ރަތު 01" ނަމަކަށް ކިޔާ ބޯޓެކެވެ. މި ދެ ބޯޓްގެ ތެރެއިން ކޮންމެ ބޯޓެއްގައި ވެސް ސްރީލަންކާގެ ހަ ފަޅުވެރިން ތިއްބެވެ.
ކޯސްޓްގާޑު ޝިޕް ޣާޒީން އަތުލައިގަތް ސްރީލަންކާގެ ތިންވަނަ މަސް ބޯޓަކީ "ލަކްޕްވިޔާ ދެނެތު" ނަމަކަށް ކިޔާ މަސް ބޯޓެކެވެ. މި ބޯޓުގައި ހަތް ފަޅުވެރިން ތިއްބެވެ. ރާއްޖޭގެ ސަރަހައްދުން ޤަވާޢިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ މި ބޯޓް ކޯސްޓްގާޑު ޝިޕް ޣާޒީގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ ޑިސެންބަރު 1 ވަނަ ދުވަހުއެވެ.
''މި ބޯޓްތަކުން ގިނަ އަދަދަކަށް މިޔަރު ބާނާފައިހުރި، ބައެއް އެހެން ބާވަތްތަކުގެ މަސް ވެސް ހުރި'' އެމްއެންޑީއެފުން ވިދާޅުވެފަވެއެވެ.
ކޯސްޓްގާޑު ޝިޕް ޣާޒީގެ ބެލުމުގެ ދަށުން މި ބޯޓްތައް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު، މި ބޯޓްތައް ދޫނިދޫއާ ހަމައަށް އާދެވޭނެ ކަމަށް ލަފާކުރެވެނީ މިރޭ ދަންވަރު 1 ޖަހާކަންހާއިރުކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!