ގަތަރުގައި މިހާރު ކުރިއަށްދާ ދުނިޔޭގެ ތައްޓަށް ކުޅޭ ފުޓްބޯޅަ މުބާރާތުގައި އިއްޔެއަކީ މުޅި ދުނިޔެ ވެސް ސިއްސުވާލި ދުވަހެކެވެ.
ސަބަބަކީ، ގްރޫޕް ސީ ގައި ހިމެނޭ ފުޓްބޯޅައިގެ ގަދަބާރު އަދި އެމީހަކަށްޓަކައި ފުޓްބޯޅަ ސަޕޯޓަރުން "މަރުދޭ" ލިއޮނަލް މެސީ އާއިއެކު ނުކުތް އާޖެންޓީނާގެ މައްޗަށް ފަހަތުން އަރައި، ސައުދީން ކާމިޔާބު ހޯދުމުން ނެވެ.
ދެކުނު އެމެރިކާގެ ގަދަބާރެއް ގޮތުގައި އޮތް އަދި ބައިނަލްއަގްވާމީ ފުޓްބޯޅާގައި ކުލަގަދަ ކާމިޔާބުތަކެއް ހޯދާފައިވާ އާޖެންޓީނާ ތަފާތު ބޮޑުނަތީޖާއަކުން މޮޅުވާނެ ކަމަށް ގިނަ ބަޔަކު ހީކޮށްގެން ތިއްބައި، އެ ވަހުމް އަނބުރައިލީ ފްރާންސް އަށް އުފަން ހާވޭ ރެނާޑްގެ އިރުޝާދުގެ ދަށުން ނުކުތް ސައުދީ އަރަބިއްޔާ އެވެ.
އާޖެންޓީނާ ލަނޑެއް ޖަހާފައިވަނިކޮށް ފަހަތުން އަރައި، 2 ލަނޑު ޖަހައި މެޗު ކާމިޔާބުކޮށް، އޭޝިއާގައި ވެސް ފުޓްބޯޅައިން އުހަށް ދެވިދާނެ ފެންވަރުގެ ޓީމުތައް އެބަތިބިކަން ދައްކުވައިދިނީ ކޯޗު ރެނާޑްގެ މޮޅު ރޭވުންތެރިކަމުން ނެވެ.
އިއްޔެގެ މި މެޗުގެ ވާހަކަ ކިޔުންތެރިންނަށް އިތުރަށް ކިޔައިދިނުމުގެ ބޭނުމެއް މިހާރުނެތަތީ، ސައުދީ ކޯޗު ހާވޭ ރެނާޑުގެ ކެރިއަރަށް ކުރުގޮތަކަށް ބަލައިލެވޭތޯ މަސައްކަތް ކުރާނަމެވެ.
އަޅުގަނޑަކީ ފުޓްބޯޅައިގެ މާހިރަކަށް އަދި ފުޓްބޯޅަ ދިރާސާކުރާ މީހަކަށް ނުވާތީ، މިފަދަ ކަންކަން ކުރައްވާ އެހެން ބޭފުޅުންނާ އެއްވަރަށް އަޅުގަނޑުގެ ގަލަން ނުހިނގުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އެކަމަށް މައާފް ކުރައްވާނެ ކަމަށް ވެސް އުއްމީދު ކުރަމެވެ.
1980 ވަނަ އަހަރުގެ ކުރީކޮޅު ފުޓްބޯޅަ ކުޅެން ފެށި، ރެނާޑު ވަނީ ފްރާންސްގެ ދެވަނަ ޑިވިޜަންގެ ޓީމުތަކަށް ކުޅެފަ އެވެ. ޑިފެންޑަރެއްގެ ރޯލު އަދާކުރަމުން ގެންދިޔަ ރެނާޑް ފުޓުބޯޅަ ކުޅުމާ ދުރަށް ދާން ޖެހުނީ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ނުކެޅެ ގިނަ ދުވަސްތަކެއްވެ، އަލުން އެނބުރި ކުޅުމުގެ ތެރެއަށް އައުމުން ވެސް ކުރީގެ ފޯމަށް ނައުމުން ނެވެ.
އެހާހިސާބުން ކުޅުން ހުއްޓައިލާ ކޯޗިންގ އާ ދިމާލަށް މިސްރާބު ޖެހިއިރު، އެންމެފުރަތަމަ ނުކުތީ ފްރާންސްގެ ސްޕޯޓިން ކްލަބު ޑި ޑްރަގީނިއަން ގެ ކޯޗުގެ ގޮތުގަ އެވެ. ހަބަރުފަތުރާ ވަސީލަތްތަކުން ހާމަކުރާ ގޮތުގައި އޭރު ލިބޭ އާމްދަނީ އިތުރުކުރުމަށް އޭނާ ވަނީ ތަންތަން ސާފުކުރާ މީހެއްގެ (ކްލީނަރ) ވަޒީފާ ވެސް އަދާކޮށްފަ އެވެ. އެކަމަކު އެއީ ކޯޗިންގ ތަމްރީނުތަކަށް ފަހު ލިބޭ ހުސްވަގުތުތަކުގަ އެވެ.
ވޯލްޑް ކަޕް ކުޅޭ ޓީމެއްގެ ކޯޗެއްގެ މަގާމު އަދާކުރުމަކީ އަމިއްލަ ކްލީނިންގ ކުންފުންޏެއް ވެސް އުފައްދައިގެން މަސައްކަތް ކުރަމުން އަންނަ ރެނާޑުގެ އޭރުވެސް ދެކެމުން އައި ހުވަފެނެކެވެ.
ހަރުފަތަކަށްފަހު ހަރުފަތެއް ގިރާކުރަމުން އައިސް، އޭނާ ވަނީ އިންގެލެންޑުގެ ކެމްބްރިޖް ޔުނައިޓެޑާއި ވިއެޓްނާމް އަދި ފްރާންސްގެ ކްލަބުތަކަށް ވެސް ކޯޗުކަން ކޮށްދީފަ އެވެ.
ގޮންޖެހުންތަކާ ހަނގުރާނަ ކުރަމުން އައިސް 2007 ވަނަ އަހަރު، ރެނާޑު ވަނީ ގާނާގެ އެސިސްޓެންޓް ކޯޗުގެ މަގާމާ ހަވާލުވެފަ އެވެ. އުމުރުން މިހާރު 54 އަހަރުގެ ރެނާޑުގެ އުއްމީދުތަކުގައި ކުލަޖެހެން ފެށީ އެހިސާބުން ކަމަށް ބެލެވެން ފެށި އެވެ. އެގޮތުން އެފްރިކާގެ އެކި ޓީމުތަކަށް ގިނަ ކާމިޔާބީތަކެއް އޭނާ ވަނީ ހޯދައިދީފަ އެވެ. އޭގެތެރޭގައި 2012 ވަނަ އަހަރުގެ އެފްރިކަން ނޭޝަންސް ކަޕް، ޒެމްބިއާއަށް ފުރަތަމަ ފަހަރަށް ކާމިޔާބުކޮށްދިނުމާއި 2015 ވަނަ އަހަރު ބޭއްވި އެފްރިކަން ނޭޝަންސް ކަޕް އައިވަރީ ކޯސްޓްއަށް ކާމިޔާބުކޮށްދިނުން ހިމެނެ އެވެ. އެހެންވެ، ގިނަ ޓީމުތަކެއްގެ ލޯ ރެނާޑަށް އަމާޒުވި އެވެ.
އޭނާގެ އިތުރު ކާމިޔާބީތަކަށް ބަލާލާއިރު، މޮރޮކޯގެ ކޯޗު ކަމާއިހަވާލުވެ، އެ ގައުމު ވޯލްޑް ކަޕަށް ކޮލިފައިކޮށްދިނުން ވެސް ހިމެނެ އެވެ. މިއީ 20 އަހަރުގެ މެދުކެނޑުމަކަށް ފަހު، މޮރޮކޯ ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ފަހަރުވެސް މެއެވެ. އަދި ތަފާތު ދެ ޓީމަކާ އެކު އެފްރިކަން ނޭޝަންސް ކަޕް ކާމިޔާބުކުރި ފުރަތަމަ އަދި ހަމައެކަނި ކޯޗަކީ ވެސް ރެނާޑެވެ.
ސައުދީ އަރަބިއްޔާގެ ކޯޗުކަމާ 2019 ވަނަ އަހަރު ހަވާލުވުމަށްފަހު، މިހައިތަނަށް ކުޅުނު 32 މެޗުގެ ތެރެއިން 17 މެޗުން ވަނީ އެޓީމު މޮޅުކޮށްދީފަ އެވެ. އަދި 10 މެޗުން ވަނީ އެއްވަރުވެފަ އެވެ.
ކަންމިހެން އޮތްއިރު، މިފަހަރުގެ ވޯލްޑް ކަޕަށް ސައުދީން ވެސް ނުކުތީ އުއްމީދުތަކަކާއި އެކުގަ އެވެ. އެންމެ މެޗަކުން ނަމަވެސް މޮޅުވެ، ގައުމު ހެއްވާލުމަށެވެ. އޭނާ އެކަން ކޮށްދީފި އެވެ. ރެނާޑުގެ އިރުޝާދާއެކު އެ ޓީމުން އިއްޔެވަނީ ވަރުގަދަ އާޖެންޓީނާ ބަލިކޮށް، މުޅި ދުނިޔެ ހައިރާން ކޮށްލައިފި އެވެ. ސައުދީގެ ރައްޔިތުންނާއި އިސްލާމީ އަދި އެހެނިހެން ގައުމުތަކަށް އީދެއް ގެނުވައިފި އެވެ.
ހަމަޔަގީނުން ވެސް އާޖެންޓީނާ ފަދަ ގައުމެއްގެ މައްޗަށް ސައުދީން މި ހޯދި ކާމިޔާބަކީ "ރަން އަކުރުން" ފަވާލެވޭނެ ބޮޑު ކާމިޔާބީއެކެވެ. މި ކާމިޔާބީ އަކީ ގިނަ ޒަމާންތަކަކަށް ދެމިގެންދާނެ ތާރީހީ ކާމިޔާބަކަށް ވާނެއެވެ. ކަން މިހެން އޮތްއިރު، އެކަމުގެ މޭސްތިރިއެއްގެ ގޮތުގައި ހުރި ހާވޭ ރެނާޑު "ބަތަލަކަށް" ނުވާންވީ އެއްވެސް ސަބަބެއް ނެތް ތާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!