ރަޝިއާއަކީ ޓެރަރިސްޓު ދައުލަތެއް ކަމަށް ނޭޓޯއިން ކަނޑައަޅައިފި

NATO-1

ރަޝިއާގައި އޮތީ ޓެރަރިސްޓު ދައުލަތެއް ކަމަށް ނޭޓޯގެ ޕާލަމެންޓްރީ އެސެމްބްލީން ނިންމައިފި އެވެ.

މިގޮތަށް ނިންމީ މެމްބަރު 30 ގައުމުގެ މަޖިލީސް މެމްބަރުން ތަމްސީލް ކުރާ ބައްދަލުވުމުގައި ނެގި ވޯޓެއްގައި އެވެ. މި ހުށަހެޅުމާއި ދެކޮޅަށް އެއްވެސް ގައުމަކުން ވޯޓެއް ނުލަ އެވެ.

މި ނިންމުމުގައި ބުނެފައިވަނީ ރަޝިއާއަކީ ނުރައްކާތެރި ހަނގުރާމަވެރި ގައުމެއް ކަމަށެވެ. އަދި އެ ގައުމުގައި އޮތް ލަޑިމިއާ ޕުޓިންގެ ސަރުކާރާއި ރަޝިއަން ފެޑަރޭޝަނަކީވެސް ޓެރަރިސްޓުންގެ ގޮތުގައި ވަނީ ނިންމާފައި އެވެ.

މި ވޯޓުގައި ކުރިން ރަޝިއާ އާއި ދެކޮޅު ވޯޓުތަކުގައި އެއްވެސް ކޮޅަކަށް ވޯޓުނުލާ ނޭޓޯގެ ގައުމުތަކުންވެސް ވަނީ ބައިވެރިވެފައި އެވެ. އޭގެ ތެރޭގައި ޕޮލެންޑު، ޗެޗިއާ، އެސްޓޯނިއާ އަދި ލަޓްވިއާ ހިމެނެ އެވެ.

މި ވޯޓު ނެގުމުގެ ކުރިން ނެޓޯ ޕާލަމެންޓުގެ ރައީސް ގެރީ ކޮންނޮލީ ވިދާޅުވީ އެ ވޯޓާއި އެކު ރަޝިއާއިން ޔޫކްރެއިންއަށް އަރައި ހިންގަމުންދަނީ ޓެރަރިސްޓު އަމަލުތަކެއް ކަމަށް ނޭޓޯގެ ގައުމުތަކުން ފާޅުގައި ގަބޫލު ކުރާކަން އެނގިގެންދާނެ ކަމަށެވެ. އަދި ރަޝިއާގެ އެ އަމަލާއި ގައުމުތަކުން ދެކޮޅުކަން ހާމަވާނެ ކަމަށް ވިދާޅުވި އެވެ.

ރަޝިއާ އަސްކަރިއްޔާއިން ޔޫކްރެއިންއަށް އަރައި ހަނގުރާމަ ފެށީ މިއަހަރުގެ ފެބްރުއަރީ 24 ވަނަ ދުވަހު އެވެ. އެ ހަނގުރާމަ ނިމޭނެ ދުވަހެއް ނޭނގޭއިރު ހަނގުރާމައިގައި ޔޫކްރެއިން ސުންނާފަތިވެ، އެތައް މިލިއަން މީހުން ވަނީ ހާލުގައި ޖެހިފައި އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *