އުޙުދު ހަނގުރާމައިގައި މުސްލިމުން "ބަލިވުމުން" ލިބުނު ބައެއް ފައިދާ

image-49899-night-picture-mount-uhud-medina-night-mode-islamic-holy-pl-thumbnail

އުޙުދު ހަނގުރާމައިގެ ވާހަކަތައް ކިޔަމުންދާއިރު، ނަބިއްޔާ صلى الله عليه وسلم ހުންނެވުމާ އެކު ވެސް މުސްލިމުންނަށް އެ ހަނގުރާމައިން ބޮޑެތި ގެއްލުންތައް ކުރިމަތިވި ކުރިމަތިވުމާ މެދު ހައިރާންވެއެވެ. އެންމެ ބޮޑު ހައިރާންކަމެއް ލިބެނީ ޚުދު ނަބިއްޔާ صلى الله عليه وسلم އަށް ތަފާތު އެކިއެކި އަނިޔާތަކާއި ޒަޚަމްތައް ލިބިވަޑައިގަތުމުންނެވެ. އެހެނީ، އެއީ މާތް ﷲ އެންމެ ލޯބިވެވޮޑިގެންވާ އެ އިލާހުގެ ނަބިއްޔާއެވެ.

އެފަދަ ގެއްލުންތަކެއް މުސްލިމުންނަށް ލިބި، ކާފަރުންނަށް އުފާވެރިކަމެއް ކަމަށް އެ ހަނގުރާމަވެގެން ދިޔުމުގެ ގިނަގުނަ އިލާހީ ޙިކުމަތްޕުޅުތަކާއި މުސްލިމުންނަށް ލިބެންޖެހޭ ޢިބްރަތްތަކެއް ހުންނާނެ ކަމާ މެދަކު ޝައްކެއް ނެތެވެ. މި ލިޔުމުގައި އަޅުގަނޑު ބަލައިލާނީ، އެއިން ފެންނާންހުރި ބައެއް ޙިކުމަތްޕުޅުތަކާއި ޢިބްރަތްތަކަށެވެ.

އެގޮތުން، ފުރަތަމަ ކަމަކަށް ފާހަގަވަނީ، މާތް ނަބިއްޔާ صلى الله عليه وسلم ގެ މަތިވެރިކަމެވެ. އަދި އެކަލޭގެފާނުގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވުމުގެ މުހިންމުކަމާއި، އެ އަމުރުފުޅުތަކަށް ފުރިހަމައަށް ބޯނުލަނބައިފިއްޔާ މުސްލިމުންނަށް ކުރިމަތިވެދާނެ ގެއްލުމެއްގެ ބޮޑުކަން ހާމަވެގެންދިޔުމެވެ. މިއިން އެކަލޭގެފާނުގެ މަޤާމާއި މަތިވެރިކަން ވަރަށް ބޮޑަށް ހާމަވެއެވެ. އިސްލާމްދީނުގައި ކީރިތި ޤުރުއާނާ އެއްހަމައެއްގައި ތަޝްރީޢީ މަސްދަރެއްގެ ގޮތުން އެކަލޭގެފާނުގެ ސުންނަތަށް މުސްލިމުން ތަބާވާންޖެހޭ ސަބަބު ވެސް އެނގި ހާމަވެއެވެ.

ދެވަނައީ، އުޙުދުގެ މައިދާނަށް ދިޔުމަށް ޖޯޝާއި ފޯރި ދެއްކެވި ޒުވާން ޞަޙާބީންނަށް އުޙުދު ހަނގުރާމަވެގެން ދިޔައީ ތަޖުރިބާއިން ފުރިގެންވާ ހަނގުރާމައަކަށެވެ.

އެހެނީ، މި ހަނގުރާމައިގައި ދިމާވި ތަފާތު ކަންކަމުން، ކުރިޔަށް ދެން އަންނާން ހުރި ހަނގުރާމަތަކަށް ތައްޔާރުވާނެ ގޮތާއި ވިސްނުން ބަހައްޓާނެ ގޮތަކީ ކޮބައިކަން އެބޭކަލުންނަށް އެނގިގެން ދިޔުމެވެ. ހަނގުރާމައަކީ ހަމައެކަނި ޖޯޝާއި ފޯރި ނޫން ކަމާއި، އެއާ އެކު ވިސްނުމާއި ފިކުރާއި ރަނގަޅު ޕްލޭނަކާއި ސްޓްރެޓެޖީއެއްގެ މުހިންމުކަން ހާމަވެއެވެ.

އިސްލާމީ ދައުލަތުގެ އެހައި ކުރީކޮޅުގައި މި ފިލާވަޅު ޒުވާން ޞަޙާބީބޭކަލުންނަށް ލިބުމަށް މެދުވެރިވުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. އެހެނީ، ޒުވާނުންނަކީ ކޮންމެ ދައުލަތެއްގެ ވެސް އެންމެ ބޮޑު ރައުސުލްމާލެވެ. އަދި ދައުލަތެއްގެ ކާމިޔާބީއާއި ނާކާމިޔާބު ބިނާވާނީ އެ ދައުލަތެއްގެ ޒުވާނުންގެ ކެރިފޯރުންތެރިކަމާއި ލަޔާޤަތާއި ހުޝިޔާރުކަމުގެ މައްޗަށެވެ.

ތިންވަނައީ، ދައުލަތެއް ފެށިގެން އަންނަ ފުރަތަމަ މަރުޙަލާގައި، ތެދުވެރިންނާއި ދޮގުވެރިންނަކީ ކޮބައިކަން އެނގުމަކީ ވަރަށް މުހިންމު ކަމެކެވެ. މާތް ނަބިއްޔާ صلى الله عليه وسلم އަށް ޙަޤީޤަތުގައި ވެސް ތަބާވާ ތެދުވެރި މުއުމިނުންނަކީ ކޮބައިކަން މި ހަނގުރާމައިން އެނގުނެވެ. އަދި މުނާފިޤުންނާއި އެބައިމީހުންގެ ޒަޢީމަކީ ކޮބައިކަން ވެސް ފަޟީޙަތްވިއެވެ.

މުނާފިޤުންގެ ރުޙާނީ ލީޑަރު، ޢަބްދުﷲ ބުނު އުބައްޔު ބުނު ސަލޫލަށް ތަބާވާ މީހުންނަކީ ކޮބައިކަން އެނގިގެން ދިޔައެވެ. އެހެންކަމުން، ގާތް ކުރައްވަންވީ މީހުންނާއި ނުކުރައްވަންވީ ކޮން ބައެއްކަން މާތް ނަބިއްޔާ صلى الله عليه وسلم އަށް މި ހަނގުރާމައަށް ފަހު އިތުރަށް އެނގިވަޑައިގަތެވެ.

ހަތަރުވަނައީ، ނަޞްރަކީ ހަމައެކަނި މާތް ﷲ ގެ ޙަޟްރަތުން ލިބޭ އެއްޗެއް ކަމާއި، އެއީ އަދަދާއި ހަތިޔާރުގެ މޮޅުކަމުން ލިބޭ އެއްޗެއް ނޫން ކަން މި ހަނގުރާމައިން އެނގެއެވެ. އަދި މާތް ﷲ ގެ ދީނަށް ޓަކައި އުޅޭ ބަޔަކަށް އެކިއެކި ގެއްލުންތަކާއި މުޞީބާތްތައް ދިމާވުމަކީ ވެސް ޤަޟާޤަދަރަށް އީމާންވުމުގެ ތެރޭގައި ހިމެނޭ ކަމެއް ކަން އެނގި ހާމަވެއެވެ. މުސްލިމުންނަކީ އޮތީ މާތް ﷲ އާއި އެ އިލާހުގެ ރަސޫލާ صلى الله عليه وسلم ގެ އަމުރުފުޅުތަކަށް ވީވަރަކުން ބޯލެނބުންކަން ހާމަވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *