މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން އިންތިޒާމްކޮށްގެން ބާއްވާ "ރިވެލި މަޢުރަޒު 2022" ފަށައިފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ހުނަރާއި، އުފެންދުންތެރިކަން ޢާންމުކޮށް، މަސައްކަތްތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް އެކަމަށް މަގުފަހިކޮށް ދިނުމުގެ ގޮތުން ޖެންޑަރ މިނިސްޓްރީން ބާއްވާ މި މައުރަޒު މިއަދު ރަސްމީކޮށް ހުޅުއްވައި ދެއްވީ، މިއަދު ހެނދުނު ދަރުބާރުގޭގައި މިކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.

Ad
rt

މި މަޢުރަޒު ހުޅުއްވައި ދެއްވައި، މަޢުރަޒު ބައްލަވާލެއްވުމުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ މަޢުރަޒުގައި އަމިއްލަ އުފެއްދުންތެރިކަމުގެ ދާއިރާއިންނާއި، ދަނޑުވެރިކަމާއި، ކާބޯތަކެތީގެ ދާއިރާއިން އުފެއްދުންތައް ބައިވެރިކުރެއްވި ފަރާތްތަކަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވާފައެވެ.

މި މަޢުރަޒުގެ މަޤުސަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކިބައިގައި ހުރި ތަފާތު ހުނަރުތައް މުޖުތަމަޢުއަށް ދައްކާލުމާއި، މިމައުރަޒުގައި އެފަދަ މީހުންނާއި ކުދިން ކުރަމުން އަންނަ މަސައްކަތްތަކާއި، ތައްޔާރުކުރާ ތަކެތި ދައްކާލުމާއި، މި ތަކެތި ވިއްކުމާއި، ވިއްކޭނެ މަގު ތަނަވަސްކޮށްދިނުމާއި، އެކަންތައްތަކާއި ބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމުގެ ފުރުޞަތު ހޯދައިދުނުމެވެ.

މި އަހަރުގެ މަޢުރަޒުގައި ބައިވެރިވި 95 ބައިވެރިން، އެފަރާތްތަކުގެ އުފެއްދުންތައް ހުށައަޅާފައި ވަނީ 5 ދާއިރާއަކުންނެވެ. އެ ދާއިރާތަކަކީ،

  • އަމިއްލަ އުފެއްދުންތެރިކަމުގެ ދާއިރާ
  • ދަނޑުވެރިކަމުގެ ދާއިރާ
  • ކާބޯތަކެތީގެ ދާއިރާ
  • ކުރެހުމުގެ ދާއިރާ
  • އަތްތެރި މަސައްކަތްކުރުމުގެ ދާއިރާ

މީގެ އިތުރުން މި އުފެއްދުންތައް ވިއްކުމަށް ބޭނުންވާ ބައިވެރިންނަށް އެ ފުރުޞަތު ވެސް ވަނީ ހުޅުވާލާފައެވެ.

މި މައުރަޒު ކުރިއަށް ދާނީ މިއަދާއި މާދަމާ، ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި ކުރިއަށް ގެންދާ މި މައުރަޒު ހުޅުވިފައި ހުންނާނީ ހެނދުނު 10:00 ން ހަވީރު 18:00 އަށް ރޭގަނޑު 20:00 އިން 22 އަށެވެ.