އެމްޑަބްލިއުއެސްސީގެ ''އާރޯ'' ޕްރިމިއަމް ފެން ތައާރަފު ކޮށްފި

MWSC WATER

މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން "އާރޯ" ޕްރިމިޔަމް ބްރޭންޑްގެ ފެން ތައާރަފް ކޮށްފި އެވެ.

ބިއްލޫރި ފުޅީގައި ބަންދުކޮށްގެން ނެރޭ "އާރޯ" ބްރޭންޑްގެ ފެނަކީ މައިގަނޑު ގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާއަށް އަމާޒުކޮށްގެން ނެރޭ ފެނެކެވެ. ރޭ ކްރޮސްރޯޑްސް މޯލްޑިވްސް ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މި ބްރޭންޑް ތައާރަފުކޮށްދެއްވީ މިނިސްޓަ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިޔޭޝަން އާއިޝަތު ނަހުލާ އެވެ.

މިރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، ކުންފުނިތަކުގެ އިސްވެރިންނާއި، އެމް.ޑަބްލިޔު.އެސް.ސީގެ ބޯޑު ޑިރެކްޓަރުންގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރައްވާ އެކި ފަރާތްތައް ބައިވެރިވި އެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވިދާޅުވީ ހަލުވި ދުވެއްޔެއްގައި ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރަމުންދާއިރު، މި އެ ސިނާއަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނީ، ދިވެހި އުފެއްދުންތައް ފަތުރުވެރިކަމުގެ ބާޒާރަށް ތައާރަފްކޮށް، އިޝްތިހާރުކޮށްގެންކަމަށެވެ. އަދި ބޭރުގެ އުފެއްދުންތަކާއި އެއްހަމައެއްގައި ދިވެހި މިފަދަ އުފެއްދުންތައް ފައިތިލަ ސާބިތުކުރުމަކީ، ފަތުރުވެރިކަމާއި އިޤްތިސާދީ ދާއިރާއިން ދިވެހިންނަށް  ލިބިދޭ މަންފާ އިތުރުކުރުމަށް އެޅިގެންދާ ފިޔަވަޅެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ގުދުރަތީ ރީތިކަން ސިފަވާގޮތައް ދިވެހި ހުނަރުވެރި ކުރެހުންތެރިންގެ ކުރެހުންތައް ހިމަނައިގެން ފަރުމާކޮށްފައިވާ "އާރޯ" ފެން ބާޒާރަށް ނެރެނީ 1 ލީޓަރު އަދި 500 އެމްއެލްގެ ބިއްލޫރި ފުޅީގައި ބަންދުކޮށްގެނެވެ. މިފުޅި ތައާރަފުވެގެން ދިއުމަކީ، ރާއްޖޭގައި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކަށް ބަރޯސާވާ މިންވަރު މަދުކޮށް، ސިންގަލް ޔޫސް ޕްލާސްޓިކް ފޭސްއައުޓްކުރުމަށް އަދުގެ ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލްވުމަށްޓަކައި އެޅި މުހިންމު ފިޔަވަޅެއް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.

"އާރޯ" ފެނަކީ ދިވެހި ރާއްޖޭގައި އެންމެ ފުރަތަމަ ޕްރިމިޔަމް ކޮލިޓީގައި އުފައްދައިގެން ބާޒާރަށް ނެރެވުނު ފެނެވެ. ކުރިމަގުގައި "އާރޯ" ބްރޭންޑުގެ އިތުރު އުފެއްދުންތައްވެސް ބާޒާރައް ނެރެ ތައާރަފުކުރުމަށް ވަނީ ހަމަޖެހިފައެވެ.

"އާރޯ" ފެން ގަންނަން ބޭނުންވާ ފަރާތްތަކަށް 7960022 އަށް ގުޅައިގެން ނުވަތަ ވެބްސައިޓް aro.mv މެދުވެރިކޮށް އޯޑަރު ކުރެވޭނެއެވެ.

އެމްޑަބްލިއުއެސްސީގެ އަމާޒަކީ ކުންފުނީގެ އޮޕަރޭޝަންތަކުގަ އާއި ޚިދުމަތްތައް ދިނުމުގައި ތިމާވެއްޓާއި ރައްޓެހި ގޮތްތައް ޚިޔާރުކުރުން ކަމަށް އެ ކުންފުނިން ބުންޏެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި