ލިއޮނަލް މެސީގެ ހެޓްރިކާ އެކު 4-1 އިން ސެލްޓަ ވިގޯ ބަލިކޮށް ބާސެލޯނާ އިން ސްޕެނިޝް ލީގުގެ އެއް ވަނާގައި ހަމަޖެހިލައިފިއެވެ.
ރޭ ބާސެލޯނާ ދަނޑުގައި ކުޅުނު މެޗުގައި މެޗުގެ ފުރަތަމަ ގޯލު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ ކެޕްޓަން ލިއޮނެލް މެސީ އެވެ. އޭގެ ފަހުން މެޗުގެ 40 ވަނަ މިނެޓުގައި ސެލްޓަ ވިގޯ އިން ވަނީ މެސީ ކުރި ފައުލަކާއި ގުޅިގެން ލިބުނު ހިލޭ ޖެހުމަކުން ގޯލެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރު ކޮށްފައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ފަހު މިނެޓުގައި ބާސާއިން ވަނީ ލިބުނު ހިލޭ ޖެހުމަކުން އަނެއްކާވެސް ގޯލެއް ޖަހައި މެޗުގެ ލީޑު ނަގާފައެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ މެސީ އެވެ.
ދެވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި ބާސެލޯނާގެ ތިން ވަނަ ގޯލު އެޓީމަށް ކާމިޔާބު ކޮށްދީ މެސީ ވަނީ ހެޓްރިކް ހަދާފައެވެ. މި ގޯލުވެސް މެސީ ކާމިޔަބުކޮށްދީފައިވަނީ ހިލޭ ޖެހުމަކުންނެވެ. އޭގެ ފަހުން ސެލްޓަ ވިގޯ އިން ގިނަ ހަމަލާތަކެއް އުފެއްދިނަމަވެސް ބާސެލޯނާގެ ކީޕަރާއި ޑިފެންޑަރުން ވަނީ ސެލްޓަ ވީގޯ ގެ ހަމަލަތަށް ދިފާއުކޮށްފައެވެ. ބާސެލޯނާގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިނީ މެޗުގެ 85 ވަނަ މިނެޓުގައި ސާޖިއޯ ބުސްކެޓް އެވެ.
ރާއްޖޭން ސްޕޮންސާކޮށްފައިވާ ސެލްޓަ ވީގޯ އިން ވިޒިޓް މޯލްޑްވިސް އެޓީމުގެ ޖާޒީގައި ޖަހައިގެން ފުރަތަމަ ކުޅުނު މެޗު ކުޅެފައި މިވަނީ ބާސެލޯނާއާއި ދެކޮޅަށް ބާސެލޯނާގެ ސްޓޭޑިއަމްގައެވެ. މި މެޗު ބައްލަވާލެއްވުމަށް ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ބާސެލޯނާގެ ކޭމްޕް ނޯ ސްޓޭޑިއަމުގައި ވަޑައިގެން ހުންނެވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!