ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނުޖަހާފައިވާ ފޮޓޯއެއް ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް ވައިބާ ގުރޫޕަކަށް ފޮނުވުމަކީ އިންސާނީ ކަރާމާތަށް އަރައިގަތުމުގެ އަމަލެއްކަމަށާއި އެއީ ލާ އިންސާނީ މަންޒަރުތަކެއް ސިފަކޮށްދޭ ކުރެހުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ބުނެފިއެވެ.

ލާ އިންސާނީ މަންޒަރުތަކެއް ސިފަކޮށްދޭ ކުރެހުމެއް ހައިލަމް ފޮނުވުމުން އެކަން ކުށްވެރިކޮށް މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކާއި އެންޓި ޓޯޗާ ގާނޫނުގެ ދަށުން ވެސް އެފަދަ ކަންކަމަށް ހިތްވަރު ދިނުމަކީ ވެސް މަނާ ކަމެއް ކަމަށެވެ. އަދި ހައިލަމް އެ ފޮޓޯ ފޮނުއްވުމަކީ އިންސާނީ ކަރާމާތާ ހިލާފު އަމަލެއް ކަމަށް ވެސް ބުނެފައިވެއެވެ.

Ad
rt

ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އަނިޔާވެރިކަމާއި ލާއިންސާނީ އަމަލުތަކުން ނަފްސާނީ އަދި ޖިސްމާނީ އަނިޔާ ލިބިދޭނެ ކަންކަމުން ދައުލަތުގެ މަގާމެއްގައި ހުރި މީހަކު އަރައިގަނެގެން ނުވާނެ ކަމަށާއި އެހެންކަމުން އެފަދަ އަމަލެއް ތަކުރާރުވިޔަ ނުދިނުމަށް ދައުލަތުން ފިޔަވަޅުތައް އެޅުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ.

19ވަނަ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މުޤައްރިރަކީ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަޙްމޫދު އެވެ. މުޤައްރިރުގެ ނައިބަކީ ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދުއެވެ.

ކްރިމިނަލް ކޯޓުގެ ރީކްރިއޭޝަން ކްލަބުގެ ވައިބަރު ގުރޫޕަށް ހައިލަމް ފޮނުއްވި ވި ފޮޓޯގައި ފެންނަނީ ނޮވެމްބަރު 3، 1988 ގައި ކުލީ ސިފައިންނާއެކު ރާއްޖެ އެރި އަބްދުﷲ ލުތުފީ އާއި ސަގަރު އަހުމަދު ނާސިރާއި އެ ބަގާވާތުގައި ބައިވެރިވި ބައެއް ދިވެހިންގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުފުޅުގައި ޗޭނުޖަހައި ގަންހިންގާ މަންޒަރު ދައްކުވައިދޭ ކުރެހުމެކެވެ.

އެ މައްސަލައާ ގުޅިގެން ހައިލަމް ވަނީ ފޮޓޯ ފޮނުވުނީ ކުރެހުމުގައި ރައީސް ސޯލިހާއި ރައީސް ނަޝީދަށް ނިސްބަތްކުރެވޭ ފަދަ ކުރެހުމެއްކަން ނޭނގި ކަމަށް ވިދާޅުވެ އެކަމަށް މައާފަށް އެދިވަޑައިގެންފައެވެ. ނަމަވެސް އެ މައްސަލައިގައި އޭނާ ވަނީ ސަސްޕެންޑުކޮށްފައެވެ.