އަތޮޅުތެރޭގެ އެކިރަށްތަކުގައި ވައިގެ ބަނދަރުތައް ތަރައްގީކުރުމުގެ މަސައްކަތްތައްދަނީ ހިނގަމުން ކަމަށާއި މިކަމަށް 235.6 މިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓްރީން، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
އަންނަ އަހަރަށް ލަފާކުރައްވާ ދައުލަތުގެ ފަރާތުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު، ބަޖެޓު ހުށަހަޅުއްވަމުން ވިދާޅުވީ ފަތުރުވެރިކަން މުޅި ރާއްޖެއަށް ފުޅާކުރުމަށް، ރާއްޖޭގެ ކަންކޮޅުތަކުގައި އެއާޕޯޓްތައް ތަރައްގީކޮށް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތްތައް ދަނީ ކުރިއަށް ކަމަށެވެ. އަދި
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓާއި ހަނިމާދޫ އަދި އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަކީ މެދުރާއްޖޭގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނުގެ ފަތުރުވެރިކަމަށް ފަހިކަން ގެނުވާނެ އާބޮޅުތަކެއްކަން ފާހަގަކުރައްވާ އަމީރު ވިދާޅުވީ މިއީ ރާއްޖޭގެ އިޤްތިސާދުގެ ސަޕްލައި-ސައިޑް އެއްކޮށް ބަދަލުކޮށްލާނެ މަޝްރޫޢުތަކެއް ކަމަށެވެ.
މީގެ އިތުރުން ބަޖެޓަށް ލުއިކުރުމަށްޓަކައި ކްރޮސް ސަބްސިޑީ އުސޫލުން މިހާރުވެސް، ޑޮމެސްޓިކް އެއަރޕޯޓްތައް ތަރައްޤީކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.
ހަމަމިއާއެކު ދަތުރުފަތުރުގެ ނިޒާމަކުން ރަށްރަށާއި މީހުން ގުޅިފައި އޮތުމަކީ ސަރުކާރުން ތަސައްވުރުކުރާ ޖަޒީރާ ތަރައްޤީގެ މުހިއްމު އުންސުރެއް ކަމަށާއި ރާއްޖެ ޓްރާންސްޕޯޓް ލިންކުން ހަޤީޤަތަކަށް ހަދައިދެނީ މި ތަސައްވުރު ކަމަށް ވެސް ވިދާޅުވި އެވެ. އަދި އާރު.ޓީ.އެލްގެ ހިދުމަތާއިއެކު ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނެވިފައިވާ ކަމަށާއި ބޮޑު ތިލަދުންމަތި އެވަނީ އެފަސޭހައިގެ ތެރޭގައި ކަމަށް ވެސް ވިދާޅުވި އެވެ.
އަމީރު އިތުރަށް ވިދާޅުވީ ފަސޭހަކަމާއެކު، ބާރަށް ދުވާ ފެރީގެ ނިޒާމަކުން މުޅިރާއްޖެ ގުޅުން ކޮންމެހެން މުހިންމު ކަމަށާއި ކުރިއަށް އޮތް އަހަރުގެ ތެރޭގައި، އާރު.ޓީ.އެލް.ގެ އުޅަނދުފަހަރު، މުޅި ހުވަދޫ އެކުގައި އަމުނާ، ގަތާލުމަށް ކުރަންޖެހޭ ކަންކަން ފެށިފައިވާ ކަމަށެވެ. އަދި އާރު.ޓީ.އެލުން އީކުއޭޓަރ ހުރަސްކޮށް ފުވައްމުލަކާއި އައްޑޫ އަދި ހުވަދޫ އެކުގައި ގުޅައިލެވޭނެ ކަމަށާއި މުޅި ރާއްޖެ އެކުގައި ދަތުރުފަތުރުގެ ބޮޑު ވިއުގައަކުން ލާމަހާލެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ކަނޑު ދަތުރުފަތުރުގެ އިތުރުން، އެއްގަމު ދަތުރުފަތުރުގެ ލުއިފަސޭހަވެސް ރައްޔިތުންނަށް ހޯދައިދިނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް އެބަކުރަން. ގްރޭޓަރމާލޭގެ އެއްގަމު ދަތުރުފަތުރަށް ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި މާލޭގެ އެތެރޭގައި މިނީބަހުގެ ޚިދުމަތް ފެށިގެން އެބަހިނގާ. އަދި މާލެ އާއި ހުޅުމާލެ ވެސް ބަހުގެ ޚިދުމަތުން ވަނީ ގުޅާލެވިފައި." އަމީރު ވިދާޅުވި އެވެ.
2023 ވަނަ އަހަރުގެ ބަޖެޓު ހުށަހަޅުއްވަމުން އަމީރު ވިދާޅުވީ ގްރޭޓަރ މާލޭގެ އިތުރުން އައްޑޫ ސިޓީ އަދި ލާމު އަތޮޅުގައި ވެސް ބަހުގެ ހިދުމަތްވަނީ ފެށިފައި ކަމަށާއި މި ހިދުމަތް އަތްފޯރާ އަގެއްގައި ރައްޔިތުންނާ ހަމައަށް ގެންގޮސްދިނުމަށްޓަކައި މި އަހަރުގެ ބަޖެޓުގައި 300.6 މިލިއަން ރުފިޔާ ޓްރާންސްޕޯޓް ސަބްސިޑީގެ ގޮތުގައި ހިމެނިފައިވާނެ ކަމަށެވެ.
ފިނޭންސް މިނިސްޓަރ ވިދާޅުވީ ދަތުރުފަތުރުގެ ނިޒާމުގެ ލުއިފަސޭހަކަން ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ލިބޭނީ ލަފާފުރުމުގައި ހުރި ދަތިތަކަށް ވެސް ހައްލު ލިބިގެން ކަމަށާއި އަންނަ 2023 ވަނަ އަހަރުގެ ބަޖެޓުގައި 141 ރަށެއްގެ ބަނދަރު ހެދުމާއި އަޕްގްރޭޑްކުރުމުގެ މަޝްރޫއުތައް ހިމަނާފައިވާނެ ކަމަށެވެ. އަދި 50 އަށް ވުރެ ގިނަ ރަށެއްގެ މަގުތައް ރަނގަޅު ފެންވަރަކަށް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާނެ ކަމަށެވެ.
އަންނަ 2023 ވަނަ އަހަރަށް ލަފާކޮށް، އެކުލަވާލި 42.68 ބިލިއަން ރުފިޔާގެ ބަޖެޓެވެ.
ބަޖެޓުގެ ޖުމްލައަކީ 42,680,269,914 (ސާޅީސް ދެ ބިލިއަން، ހަ ސަތޭކަ އައްޑިހަ މިލިއަން، ދުއިސައްތަ ފަސްދޮޅަސް ނުވަ ހާސް، ނުވަސަތޭކަ ސާދަ) ރުފިޔާ އެވެ. މިއީ މިހިނގާ 2022 ވަނަ އަހަރަށް ލަފާކުރާ ބަޖެޓަށްވުރެ 4.0 އިންސައްތަ ދަށް އަދަދެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!