މިފަހަކަށް އައިސް އެންމެ ހޫނު، ބަހުސެއްގެ ގޮތުގައި ކުރިއަށްދާ ޗާގޯސްގެ މައްސަލައިގާ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، ފުރަތަމަ ފަހަރަށް ވާހަކަފުޅު ދައްކަވައިފިއެވެ.

ރާއްޖޭ އިސްލާމް ވީ ދުވަހުގެ މުނާސަބާގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެ މައްސަލަ ޙައްލުކުރުމަށް މީގެ 30 އަހަރު ކުރިން، 1992 ވަނަ އަހަރު އޭރުގެ ދިވެހި ސަރުކާރުން އިނގިރޭސި ސަރުކާރާ އެކުގައި މަސައްކަތްކޮށް އޭރު އެއްބަސްވެފައި ވަނީ ފުށުއަރާ ސަރަޙައްދު ދެ ޤައުމަށް ހަމަހަމަވާ ގޮތަށް ބަހައިލުމަށް ކަމަށެވެ.

Ad
rt

އޭގެ ފަހުން، 2011 ވަނަ އަހަރު، އޭރުގެ ދިވެހި ސަރުކާރުން މޮރިޝަސް ސަރުކާރާ އެކުގައި މި މައްސަލަ ޙައްލުކުރުމަށް މަޝްވަރާ ކޮށް، އޭރު އެއްބަސްވެފައިވަނީ ދެ ޤައުމުގެ ދެމެދުގައި ވާހަކަ ދައްކައިގެން، ފުށުއަރާ ސަރަޙައްދުގެ މައްސަލަ ހައްލުކުރުމަށްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މި މައްސަލައިގައި އެކި ސަރުކާރުތަކުގައި ވާހަކަދައްކާފައި އޮތީ، އެކި ސަރުކާރުތަކާ އެކުކަމަށެވެ.

މީގެ އިތުރުން މި ސަރުކާރުން މިމައްސަލައިގައި މަސައްކަތް ކުރަމުން އަންނަނީ، ބައިނަލްއަޤުވާމީ ޓްރައިބިއުނަލެއްގައި ކަމާއި ވަކި ސަރުކާރާކާއެކު ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މޮރިޝަސް ސަރުކާރުން އިޓްލޮސްއަށް ހުށަހަޅާފައި އޮތް މައްސަލައިގައި ވެސް، ސަރުކާރުން މިހާރު ވެސް ދަމަހައްޓަމުން އަންނަނީ، ރާއްޖޭގެ އެންމެ މަތީ މަޞްލަޙަތު ދިފާޢުކުރުމުގެ ސިޔާސަތުކަމަށް ވިދާޅުވި އެވެ.

"މި މައްސަލައިގައިވެސް އަދި ޚާރިޖީ ދާއިރާއާ ގުޅޭ އެހެން ކަމެއްގައިވެސް، ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުމެއް ލިބޭ ފަދަ ނިންމުމެއް ނިންމައި، އަދި އެފަދަ ކަމަކަށް ޖާގަވެސް ނުދޭނެކަމުގެ ޔަޤީންކަން އަރުވަން. ރާއްޖޭގެ ސަރަޙައްދަކީ ކޮބައިކަން، ޤާނޫނުއަސާސީގައި ސާފުކޮށް އޮވޭ. އަދި ރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި އެހެން ގައުމެއްގެ ކަނޑުގެ ސަރަޙައްދާ ފުށުއަރާ ނަމަ ޢަމަލުކުރާނެ ގޮތް، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާ ބެހޭ ޤާނޫނުގައި ސާފުކޮށް ބަޔާންކޮށްފަވޭ." ރައީސް ވިދާޅުވި އެވެ.

މިކަންކަން މިހެންހުރި ނަމަވެސް މި މައްސަލައިގައި ވެސް ވަކި މީހެއް ނުވަތަ ވަކިބައެއްގެ އަމިއްލަ ބޭނުމަކަށް، ނުވަތަ ސިޔާސީ މަޤްޞަދެއް ޙާޞިލުކުރުމަށް، އަދި ކަމުގެ ޙަޤީޤަތް އެނގި ތިބެ، ކަނޑައެޅިގެން ދޮގު ވާހަކަތައް ފަތުރައިގެން ރައްޔިތުންގެ މެދުގައި ބައިބައިވުމާއި ބިރުވެރިކަން އުފައްދަން މަސައްކަތް ކުރާކަން ރައީސް ފާހަގަކުރެއްވި އެވެ.