•  
  •  
  •  
  •  
  •  
  •  
  •  

އަޅުގަޑުމެންގެ ދުވަސްތައް މިއަދު ވޭތިކުރަން ޖެހިފައިވަނީ ނުތަނަވަސްކަމާ، މާޔޫސްކަމާ، އިންތިހާދަރަޖައިގެ ކަންބޮޑުވުންތަކާ އެކުގައެވެ. އެއީ މިއަދުގެ ހަގީގަތެވެ. ކަން އޮތްގޮތެވެ. ހިތްހަމަނުޖެހުމުން ފުރިގެންވާ، ކުދިކުދި އެތައްކަމަކާ ކޮންމެ ދުވަހަކުވެސް ކުރިމަތިލާންޖެހެއެވެ. ދިރިއުޅުމުގެ ކޮންމެ ހިނދުކޮޅެއް ވޭތުކުރަންޖެހިފައި މިވަނީ އެގޮތުގައެވެ. އެއީ  ހަލަބޮލި މިޒަމާނުގެ އިންސާނީ ހަގީގަތެވެ.

މިހަލަބޮލިކަމުގެ ތެރޭގައި ދިރިއުޅުމުގެ ދުވަސްތައް ތަހައްމަލު ކުރަމުންދާ މީހުންނަށް، ނުރުހުމުގެ ބަސްތަކުން ވާހަކަދެއްކުމަށް ފަރިތަވެއެވެ. ތިމާގެ އެތެރޭގައި ކެކިއުތުރިއަރަމުންދާ ނެގެޓިވް އެނާރޖީ ގެ ސަބަބުން އުފެދިފައިވާ ނުތަނަވަސްކަން ބޭރުކޮށްލުމަށް އޮތް މަގެއްކަމުގައި އެކަން ވެގެންދެއެވެ. ކުދިކުދި ހިތްހަމަނުޖެހުންތަކަށް އޮތް ލުޔަކީ އެއީހެންވެސް ހީވެއެވެ. އެހެންނަމަވެސް، ހަގީގަތަކީ އެއެއްނޫނެވެ.  އިންސާނީ ޠަބީޢަތުގެ ގާނޫނު ނިޔާކުރާގޮތުން އަޅުގަޑުމެން ކޮންމެ މީހަކަށްވެސް ދެވޭނީ އެމީހަކަށް ލިބިފައިވާ ނުވަތަ އެމީހެއްގެ ކިބައިގައި ހުރި އެއްޗެކެވެ. އެހެންކަމުން ތިމާގެ ނުތަނަވަސްކަމުގެ ބައެއް އެހެންމީހުންނަށް ދެވެނީއެވެ. ހަގީގަތަކީ އެއީއެވެ.

އަޅުގަޑުމެން އިންސާނުންނަށްވީތީ، އަޅުގަޑުމެންގެ މިޒާޖުގައި ހުރި މިސިފަޔާއިމެދު ފަރުވާތެރިވުމަކީ މުހިންމުކަމެކެވެ. އަދި ތިމާގެ ފުށުން އަނެކާއަށް ހިތްހަމަޖެހުމާއި އުފާވެރިކަމުގެ ޒައްރެއްގެ މިންވަރު ނަމަވެސް ފޯރުކޮށްދެވޭތޯ ބެލުމަށް އިސްކަންދިނުމަކީ ބޭނުންތެރިކަމެކެވެ. އޭގެ ފައިދާ ތިމާއަށާއި އެހެންމީހުންނަށް ކުރާނެއެވެ. އަދި މުޖުތަމައުގެ މެދުގައި ހަމަޖެހުމާއި އުފާވެރިކަން އިތުރުވެ ފެތުރިގެން ދިޔުމަށް މަގުފަހިވެގެންދާނެއެވެ.

ހަގީގަތަކީ އެއީ އެވެ. އެހެންކަމުން، އެއީ އެއީ ސަދަގާތެއް ފަދަ ކަމެއްކަމުގައި ބެލިދާނެއެވެ.

މީހަކާ ބައްދަލުވާއިރު ނުވަތަ ފޯނުން ދިމާވެގެން ވާހަކަ ދައްކާއިރު، ހިތްހެޔޮކަމާއި ހިނިތުންވުމާއިއެކު ހުރެ ވާހަކަ ދެއްކުމަށް އާދަކުރުމުން، ނުރުހުމުގެ ބަސްތަކުން ވާހަކަދެއްކުމާ ދުރުހެލިވެވިދާނެއެވެ. މިފަދަ ވަގުތެއްގެ އެންމެ ފުރަތަމަ ހިނދުކޮޅުގައި އެމީހެއްގެ ހުރި ރަގަޅު ސިފައެއް ނުވަތަ ތިމާ ރުހޭކަމެއް ހިތަށް ގެނައުމަށް މަސައްކަތްކުރާށެވެ. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެކަމަށް ބުނަނީ ހަމަ ރަގަޅު ވާހަކަ އެކެވެ. ތިމާ ރުހޭ މީހެއްގެ އައިބެއް ހުއްޓަސް އެކަމެއް ފަހަނައަޅާ އެމީހަކާ ދޭތެރޭ ވިސްނުމަކީ އިންސާނީ ޠަބީޢަތުގެ ބައެކެވެ.

މީހަކާ ވާހަކަދައްކަން ފަށާއިރު ނުވަތަ ބައްދަލުވާ ވަގުތު، އަމިއްލަޔަށް ބޭނުންވާ ކަންކަން އެމީހަކަށް ހުށަހަޅާ ތިމާގެ އިހްސާސްތައް އެމީހަކާ ދިމާއަށް އޮއްސާލުމުގެ ބަދަލުގައި، އެމީހާގެ ހިތްހެޔޮކަން ލިބޭނެ ބަސްތަކަކުން އެމީހަކާ ވާހަކަދައްކާ އެމީހަކު ބުނަން އޮތް އެއްޗެއް ބެލުމަށް އިސްކަންދީ ސުވާލުކޮށް، ވާހަކަ ދެއްކުމަށް ހިތްވަރުލިބޭ ބަސްތަކާއި އިޝާރާތްތައް ބޭނުން ކުރުމަށް އާދަކުރެވިދާނެއެވެ. އަދި އެމީހާއާއި ރަގަޅު ގާތް ގުޅުމެއް އުފެއްދުމަށް، ދިމާވާ ފުރަތަމަ 20 ސިކުންތުގެ ބޭނުން ހިފިދާނެއެވެ. މިގޮތަށް އަމަލު ބަހައްޓައިފިނަމަ އެހެންމީހުންނާއި ރަގަޅު ގާތްގުޅުމެއް އޮންނަމީހަކަށް ވެވިދާނެއެވެ. އަދި އެމީހުންގެ ހެޔޮބަސްތަކާއި ހެޔޮއެދުން ތިމާޔަށް އޮންނާނެއެވެ.

މީހަކާ ވާހަކަދައްކަން ލިބޭ ކޮންމެ ފުރުޞަތެއްގައި ތިމާގެ ނުރުހުން އެމީހާއަށް ނަގުލުކުރުމުގެ ބަސްތަކުން ވާހަކަދެއްކުމަކީ ފަސޭހަކަމެކެވެ. އަނެކާ ދަށްކޮށްލާ ނިކަމެތިކޮށްލާ ކަމުނުދާކަން ދެއްކުމަށް ވާހަކަ ދެއްކުމަކީ ތިމާޔަށްވެސް އަދި އެބަސްތައް ރައްދުވާމީހާއަށް ވެސް ނަފްސާނީގޮތުން ގެއްލުންހުރި ކަމެކެވެ. އެކަމުން އެކަކަށްވެސް ކުރާނެ ފައިދާއެއް ނެތެވެ. ބޯދާ ޒަމާނުގައި، މީހުން އިސްލާހުކޮށް ރަގަޅުކުރުމަށް އޮތްމަގަކީ އެއީ ކަމުގައި ގަބޫލުކުރިޔަސް މިހާރު އެވިސްނުމާއި ފިކުރަކީ ތަހުޒީބު މުޖުތަމައުތަކުގައި ބަލައިގަންނަ ކަންކަމެއް ނޫނެވެ.

އެހެންމީހުންގެ ރުހުމާއި މަގުބޫލުކަން އަދި އަމިއްލަ ނަފްސާނީ ދުޅަހެޔޮކަން ލިބިގަތުމަށް ބޭނުންކަމުގައި ވަނީނަމަ، ތިމާ އެހެންމީހުންނާއި ވާހަކަ ދެއްކުމަށް ލިބޭ ދަނޑިވަޅުތަކުގައި ހެޔޮބަސްތަކުން އެމީހުންނާއި މުޚާޠަބު ކުރުމަކީ މުހިންމު ކަމެކެވެ. މީހެއްގެ ރަނގަޅު ކުރަންޖެހޭ ކަމެއްގެ ވާހަކައެއް ނުވަތަ އެމީހަކު ނުރުހޭނެ ވާހަކައެއް ބުނަން ބޭނުންވާ ދަނޑިވަޅުތަކުގައި ވެސް، ދައްކާ ވާހަކައިގައި ނުރުހުމުގެ ބަސްތަކުން ވާހަކަ ދެއްކުމުގެ ބަދަލުގައި ހިތްހެޔޮކަމާއިއެކު ވާހަކަ ދެއްކިދާނެއެވެ.

ތިމާ ދައްކާވާހަކައިގެ ފަސްބައިކުޅަ ހަތަރުބަޔަކީ އަނެކާ ހިތްހަމަޖެހޭނެ ބަސްތަކުން މުޚާޠަބު ކުރެވޭ ވަގުތުކަމުގައި ހަދައިފިނަމަ، ތިމާ ބުނާ އެއްޗަކުން ހާސިލުކުރަން ބޭނުންވާ ނަތީޖާ ނެރުމަށް މަގުފަހިކުރެވިދާނެއެވެ. އަދި އެފަދަ ވާހަކަ ދެއްކުމުގައި ވާހަކަދެއްކުމަށް ހޭދަކުރާ ވަގުތުގެ ފަސްބައިކުޅަ އެއްބައިގައި ތިމާ ވާހަކަދައްކާ، ދެންހުރި ވަގުތުތަކުގައި އަނެކާގެ ވާހަކަ އަޑުއެހުމަށް އިސްކަންދީފިނަމަ، ވާހަކަ ދެއްކުމުގެ އުފަލާއި ހިތްހަމަޖެހުން އަދި އޭގެ ފޮނިމީރު، ދެފަރާތަށްވެސް ލިބޭނެއެވެ.

ޚިޔާލު

Your email address will not be published.

More in ރިޕޯޓް