ރާއްޖޭގެ އުތުރާއި ދެކުނުގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާއިބެހޭ ގައުމީ އިދާރާ އިން ވިދާޅުވެއްޖެ އެވެ.

އެ އިދާރާއިން މިހެން ވިދާޅުވީ މިއަދުގެ އިރު އޮއްސުމާއި ހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގ ގަ އެވެ.

Ad
rt

އެ ބްލެޓިންގ ގައި ވިދާޅުވެފައިވަނީ އެ ސަރަހައްދުގެ ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ހުޅަނގުދެކުނާއި ހުޅަނގުން، މެދުރާއްޖެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު ފަސް މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރައްވާފައިވާއިރު، ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް ވަނީ ލަފާކުރައްވާފަ އެވެ.

މީގެ އިތުރުން އުތުރާއި މެދުރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރައްވާފައިވިޔަސް، ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވާނެކަމަށް ވަނީ ލަފާކުރައްވާފަ އެވެ. އަދި ރާޅުގެ އުސްމިން ހުންނާނެކަމަށް ލަފާކުރައްވާފައިވަނީ މެދުރާއްޖެއާއި އުތުރުގައި ތިން ފޫޓާއި ހަ ފޫޓާއި ދެމެދު އަދި ދެކުނުގައި ދެ ފޫޓާއި ހަތަރު ފޫޓާއި ދެމެދުގަ އެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާއިން ވަނީ އުތުރާއި މެދުރާއްޖޭގެ ސަރަހައްދުގައި ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން، މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފަ އެވެ.