އިނގިރޭސި ލީގުގައި ހޮނިހިރުދުވަހު ކުޅުނުމެޗުން އެވަޓަން ބަލިކޮށް ޓޮޓެންހަމް ތާވަލުގެ ތިންވަނައިގައި 7 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
ހަތަރުވަނައިގައި އޮތް ޗެލްސީއަށްވުރެ ކުރީގައި ޓޮޓެންހަމް އޮތީ އިތުރަށް ދެމެޗު ކުޅެގެންނެވެ. ދެމެޗުން މޮޅުވިޔަސް ޗެލްސީއަށް ލިބޭނީ 4 ވަނައެވެ. ޗެލްސީ ދެމެޗުން މޮޅުވިޔަސް ލިބޭނީ ބާވިސް ޕޮއިންޓެވެ. ޓޮޓެންހަމް އޮތީ 23 ޕޮއިންޓާއެކުގައެވެ.
ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުނީ ލަނޑެއްނުޖެހި 0-0 ގެ ނަތީޖާއިންނެވެ.
މެޗުގެ ފުރަތަމަ ގޯލު ލިބުނު ޕެނަލްޓީއަކުން މެޗުގެ 59 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ހެރީ ކޭން އެވެ. ދެވަނަ ގޯލު މެޗުގެ 86 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޕިއަރ އެމިލް ހޮއިޕިއާގް އެވެ.
މި މެޗުގައި ޓޮޓެންހަމްއިން ވަނީ އެވަޓަންގެ ގޯލާއި އަމާޒުކޮށް 7 ހަމަލާއެއް ފޮނުވައިލާފައެވެ. އެވަޓަންއަށް އެއްމެ ހަމަލާއެއްވެސް ޓޮޓެންހަމްގެ ގޯލާއި އަމާޒު ކޮށްލެވިފައެއްނުވެއެވެ.
މި ނަތީޖާއާއި އެކު އެވަޓަންވަނީ ތާވަލުގެ 14 ވަނައަށް ވެއްޓިފައެވެ.
އިނގިރޭސި ލީގުގައި ހޮނިހިރުދުވަހުގެރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ބްރެންޓް ފޯޑް އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއިން ވަނީ ބްރައިޓަން މައްޗަށް ކުރި ހޯދާފައެވެ.
ލެސްޓާ އަދި ކްރިސްޓަލް ޕެލަސް މެޗު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވިއެވެ.
ފުލަމް އަދި ބޯންމައުތު މެޗު ނިމުނީ ދެޓީމު އެއްވަރު ވެގެންނެވެ. ފުލަމް ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއިންނެވެ.
ވުލްސް ދަނޑުގައި ކުޅުނު މެޗު ނަތިންހަމް ފޮރެސްޓް މައްޗަށް ވުލްސް ކުރި ހޯދީ 1-0 ގެ ނަތީޖާއިންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!