ޔުއެފާ ޗެމްޕިއަންސްލީގުގައި އަންގާރަދުވަހުގެރޭ ކުޅުނުމެޗުން 2-0 ގެ ނަތީޖާއިން އޭސީމިލާން ބަލިކޮށް ޗެލްސީއިން ގުރޫޕްގެ އެއްވަނައަށް ޖެހިލައިފިއެވެ.

އޭސީމިލާން ދަނޑުގައި ކުޅުނު މެޗުގައި ޗެލްސީގެ ދެގޯލުވެސް ޖަހައިފައިވަނީ ފުރަތަމަ ހާފުގައެވެ.

Ad
rt

ފުރަތަމަގޯލު ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ އިޓަލީގެ މިޑްފީޑަރ ޖޯޖީނިއޯ އެވެ. މިއީ އޭރިޔާތެރެއިން މޭސަން މައުންޓް އަށް އޭސީ މިލާންގެ ޑިފެންޑަރ ފިކަޔާ ޓުމޯރީ ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ. މި ފައުލާ ގުޅިގެން ޖަރުމަނުގެ ރެފްރީ ޑެނިއެލް ސީބަޓް ވަނީ ޓުމޯރީއަށް ސީދާ ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވައިލާފައެވެ.

ދެވަނަ ގޯލު ޗެލްސީއަށް ޖަހައިދިނީ މެޗުގެ 34 ވަނަ މިނެޓުގައި މައުންޓްގެ އެހީތެރިކަމާއެކު އޮބަމަޔަންގް އެވެ.

9 ރީދޫ ކާޑް އަދި 1 ރަތްކާޑު ފެނިގެން ދިޔަ މެޗުގައި އޭސީ މިލާން އަށް ޗެލްސީގެ ގޯލާއި އަމާޒުކޮށް ފޮނުވައިލެވުނީ އެއްމެ ހަމަލާއެކެވެ.
ޗެލްސީ އިން ވަނީ އޭސީ މިލާންގެ ގޯލާއި އަމާޒުކޮށް 4 ހަމަލާއެއް ފޮނުވައިލާފައެވެ.

މި ނަތީޖާއާއި އެކު ގުރޫޕްގެ އެއްވަނައަށް ޗެލްސީ ޖެހިލިއިރު އޭސީ މިލާން އޮތީ ގުރޫޕްގެ އެންމެ ފުލުގައެވެ.

ދެވަނައިގައި ރެޑްބުލް ސަލްސްބާގް އޮތްއިރު ތިންވަނއިގައި އޮތީ ޑައިނަމޯ ޒަގްރާބް އެވެ. މި ދެޓީމް ރޭގައި ބައްދަލު ކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމް އެއްވަރު ވެގެންނެވެ.

ޗެމްޕިއަންސްލީގުގައި އަންގާރަދުވަހުގެރޭ ކުޅުނު އެހެންމެޗުތަކަށްބާލާއިރު މެންޗެސްޓާސިޓީ އަދި އެފްސީ ކޯޕަންހޭގް ބައްދަލު ކުރި މެޗު ނިމުނީ އެއްވެސްޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވިއެވެ. ހައިފާ އެފްސީ ވަނީ 2-0 ގެ ނަތީޖާއިން ޔުވެންޓަސް ބަލިކޮށްފައެވެ. ޝަކުތާ ޑޮނެޓްސް އަދި ރެޔާލް ބައްދަލު ކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމް އެއްވަރުވެގެންނެވެ. އެފްސީ ލައިބްޒިގް ވަނީ 2-0ގެ ނަތީޖާއިން ސެލްޓިކްސް މައްޗަށް ކުރިހޯދާފައެވެ. ބުރޯސިޔާޑޯޓްމަންޑް އަދި ސެވިއްޔާ ބައްދަލުކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމް އެއްވަރު ވެގެންނެވެ.

ޕީއެސްޖީ އަދި ބެންފިކާ ބައްދަލު ކުރި މެޗުވެސް ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމް އެއްވަރުވެގެންނެވެ.