ރާއްޖޭގެ ފުރަތަމަ ހެލްދީ އައިލެންޑްއަކަށް އއ. އުކުޅަސް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.
"އުޖާލާ އުކުޅަސް" ގެ ނަމުގައި ކުރިއަށް ގެންދާ މި ހަރަކާތާއި ގުޅޭގޮތުން "ތިލަދުން" އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި އުކުޅަސް ހޯޕް ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް އިބްރާހިމް އަނީލް ވިދާޅުވީ މިއީ އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު އަފްޢާލް ގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.
އޭނާ ވިދާޅުވީ މިއީ އަފްޢާލް އެރަށަށް ވަޑައިގަތުމުން އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމެއް އެ ރަށުގައި ހެލްތު ކޭމްޕެއް ބޭއްވުމަށް އެދުމުން އަފްޢާލް ދެއްވި ޚިޔާލެއްގެ މައްޗަށް ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.
"އަފްޢާލް މިރަށަށް ވަޑައިގަތީ ޗުއްޓީއެއްގަ. ދެން އަޅުގަނޑުމެން ޖަމިއްޔާ އިން އެދުނީ މިރަށުގަ ހެލްތު ކޭމްޕެއް ބާއްވައިދިނުމަށް. އެއީ މިރަށަކީ ހައިޕޮޓެންޝަން އާއި ހަކުރުބައްޔާއި ލޭމައްޗަށް ދިއުން ފަދަ ބަލިތައް ގިނަ ރަށަކަށްވާތީ. ދެން އަފްޢާލް ވިދާޅުވީ ހިނގާށޭ އަބަދު ޑޮކްޓަރަށް ދެއްކުމުގެ ބަދަލުގައި ޑޮކްޓަރު ގާތަށް ދިއުން މަދުކުރުމަށް ކަމެއްކުރަން. ދެން އަފްޢާލް ދެއްވި ޚިޔާލެއް މީ މިރަށް ހެލްދީ އައިލެންޑަކަށް ހެދުމަށް މަސައްކަތް ކުރުން." އަނީލް ވިދާޅުވި އެވެ.
އަނީލް އިތުރަށް ވިދާޅުވީ އެރަށުގެ ރައްޔިތުންނަކީ ޢާންމުގޮތެއްގައި ވެސް ހެލިފެލިވެ އުޅުން މަދު ރައްޔިތެއް ދިރިއުޅޭ ރަށަކަށް ވެފައި، އަފްޢާލް ވިދާޅުވިގޮތަށް ލައިފް ސްޓައިލަަށް ބަދަލު ގެނެވިއްޖެނަމަ، ދުޅަހެޔޮ ސިއްހަތަކާއެކު ދިރިއުޅުމަށް މަގުފަހިވާނެ ކަމަށް ގަބޫލުކުރެވުނު ކަމަށެވެ. އަދި އެކަމުގެ އަމަލީ މަސައްކަތް ކުރަން ނިންމި ކަމަށެވެ.
އެގޮތުން މި އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހު އެ ހަރަކާތް ލޯންޗުކޮށް، އެދުވަހުގެ ރޭ އެކަމާއިގުޅޭ ވާކްޝޮޕެއް ވެސް ބާއްވާ ބައިވެރިންގެ ޚިޔާލު އެއްކޮށްފައިވާ ކަމަށާއި މި ހަރަކާތް ފެށުމުގެ ގޮތުން އެރަށް ވަށާ (ދުވެފަ، ހިނގާފަ) ބުރެއް ޖަހާފައިވާއިރު، މި ހަރަކާތުގެ ލޯގޯ "އުޖާލާ އުކުޅަސް" ވެސް އިފްތިތާހުކޮށްފައިވާ ކަމަށް އަނީލް ވިދާޅުވި އެވެ.
ރަށުގެ ގިނަ ރައްޔިތުންނާއި އެކި މުވައްސަަސާތަކުގެ ފުރިހަމަ އެއްބާރުލުމާއެކު 63 ބައިވެރިންގެ ޚިޔާލާއި މަޝްވަރާ މިހާރުވަނީ އެއްކުރެވިފައި ކަމަށާއި މި ޚިޔާލާއި މަޝްވަރާގެ އަލީގައި އެކްޝަން ޕްލޭނެއް ކަމާއިބެހޭ އެކްސްޕާޓުންގެ އެހީތެރިކަމާއެކު އެކުލަވާލުމަށް ނިންމާފައިވާ ކަމަށް ވެސް އަނީލް ވިދާޅުވި އެވެ.
އަނީލް އިތުރަށް ވިދާޅުވީ އެރަށުގައި އިންޑޯ އަދި އައުޓް ޑޯ ޖިމެއް ވެސް ހުންނަކަމަށާއި އެހެންނަމަވެސް އެތަނުގެ ބޭނުން އެންމެރަނގަޅަށް ނުހިފޭ ކަމަށެވެ.
މީގެ އިތުރުން އެރަށަކީ މަދިރި ވެސް ގިނަ އަދި މަދިރީގެ ޒަރީއާއިން ޖެހޭ ބަލިތައް ވެސް އިތުރު ރަށަކަށްވާތީ، މަދިރި ނައްތާލެވިފައިވާ ރަށަކަށް ހެދުމަށް ވެސް މި ހަރަކާތުން އެހީތެރިކަން ލިބޭނެ ކަމަށް ވެސް އަނީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއީ ވަރަށް ދުރުރާސްތާ ޕްލޭނެއް ކަމަށާއި މީގެ 15 ވަރަކަށް އަހަރުފަހުން އުކުޅަހަކީ ހައިޕޮޓެންޝަން އާއި ހަކުރުބައްޔާއި ލޭމައްޗަށް ދިއުން ފަދަ ބަލިތައް އެެއްގޮތަކަށް ވެސް ނެތް ރަށަކަށް ހެދުމަކީ އަމާޒު ކަމަށެވެ.
މި ހަރަކާތާއި ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު އަފްޢާލް "ތިލަދުން" އަށް ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވެސް މިހާރު އެންމެބޮޑަށް ބާރުއަޅާ އެއްކަމަކީ ހެލްދީ ސިޓީ ކުރިއެރުވުން ކަމަށެވެ. އެގޮތުން ދުޅަހެޔޮ ސިއްހަތަކަށް ބާރުއެޅުމާއެކު ތަރައްގީވުމަކީ ޑަބްލިއުއެޗްއޯ އިން އެންމެބާރުއަޅާ އެއްކަންތައް ކަމަށް ވެސް އަފްޢާލް ވިދާޅުވި އެވެ.
"އެމީހުން (އުކުޅަހު ރައްޔިތުން) ގެ އެބަހުރި ހެލްދީ އައިލެންޑަކަށް އެރަށް ހެދުމުގެ ޝައުގުވެރިކަން. އެކަން ފުރަތަމަ ދުވަހު ވެސް ހާމަކޮށްދިން. ދުޅަހެޔޮ ސިއްހަތަކަށް ހެލިފެލިވެ އުޅުމަކީ ކިހާ މުހިންމު ކަމެއްކަން އެމީހުން ބަލައިގެންފި. ޕޮލިސީތައް ހަދާއިރު، ކޮމިއުނިޓީއަކީ ވަރަށްމުހިންމު ދައުރެއް އަދާކުރާ ބައެއް. އެހެންވެ، އުކުޅަހުގެ މި ހަރަކާތުގެ ސަބަބުން ވަރަށްގިނަ ބަޔަކަށް މަންފާކުރާނެ. ފިލާވަޅެއް ލިބޭނެ." ސިއްހީ ދާއިރާގެ ތަޖުރިބާކާރު އަފްޢާލް ވިދާޅުވި އެވެ.
އަފްޢާލް އިތުރަށް ވިދާޅުވީ އުކުޅަހުގެ ރައްޔިތުންގެ ކިބައިން ފެނުނީ މީހަކު ނުވަތަ ބަޔަކު ބުނީތީ ކަމެއް ކުރާ އުސޫލު ނޫން ކަމަށާއި ކޮމިއުނިޓީއަށް ވިސްނިގެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ކުރާކަމެއްގެ ގޮތުގައި ކަމަށެވެ. މިފަދަ ކަންކަމަކީ ވަރަށް ޗެލެންޖިންގ ކަމެއްކަން ފާހަގަކުރައްވާ އަފްޢާލް ވިދާޅުވީ އުކުޅަހުގެ ކޮމިއުނިޓީން މިކަމަށް އިސްނެގުމަކީ މިކަން ހާސިލުކުރުމަށް އެންމެރަނގަޅު "ސައިން" ކަމަށެވެ.
އުކުޅަހު ހޯޕް ޖަމިއްޔާއިން ވަނީ މި ހަރަކާތް ހިންގެވުމަށް އަފްޢާލް ވެދެއްވާ އެހީތެރިކަން ފާހަގަކޮށް ޚާއްސަ ޝުކުރެއް އަދާކުރައްވާފަ އެވެ. އަދި އުކުޅަހު ކައުންސިލްގެ އިދާރާ، އުކުޅަހު ޞިއްޙީ މަރުކަޒު، އުކުޅަހު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ، އުކުޅަހު ޕޮލިސް ޕޯސްޓް، އުކުޅަހު މެޖިސްޓްރޭޓް ކޯޓް، އުކުޅަސް ސްޓެލްކޯ، އެސް.ޓީ.އޯ އުކުޅަސް ފާމަސީ، ގްލޯރިއަސް ސްޕޯޓްސް ކްލަބުން މިކަމަށް ދެއްވާ ތަރުހީބާއި އެއްބާރުލުން ވެސް ފާހަގަކޮށް ވަނީ ޝުކުރުއަދާކޮށްފަ އެވެ.
އުކުޅަހުގެ އާބާދީ އަކީ 1144 ނަމަވެސް އެރަށުގައި 2000 މީހުން މިހާރު އަންނަނީ ދިރިއުޅެމުން ނެވެ. އެއީ އެކި މަސައްކަތް ކުރުމަށް އެރަށުގައި އުޅޭ ބިދޭސީންނާ ވެސް އެކުގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!