ހއ މޮޅަދޫ ސިއްޙީ މަރުކަޒުގައި ފުރަތަމަ ފަހަރަށް މާބަނޑު މީހަކު ވިއްސައިފި އެވެ.
އެރަށު ސިއްހީ މަރުކަޒުގެ ފޭސްބުކްގައި އާންމުކޮށްފައިވާ ލިޔުމެއްގައި ވަނީ ކުއްލިއަކަށް ނަގަންޖެހުނު މިކޭސް މެނޭޖްކުރުމުގައި މަރުކަޒުގެ ޑޮކްޓަރާއި ނަރުހުން އަދި މަރުކަޒުގެ އެންމެ ހާ މުއައްޒަފުންގެ އަގުހުރި މަސައްކަތް ނުހަނު އުފަލާއެކު ފާހަގަ ކުރާ ކަމަށެވެ.
މިކަމުގައި އެ އަތޮޅު ހޯރަފުށި ސިއްޙީ މަރުކަޒުގެ ފަރާތުން ވެދެއްވި އަވަސް އެހީތެރިކަން ވެސް ފާހަގަކޮށް، މަރުކަޒުގެ ވެރިންނާއި މުއައްޒަފުންނަށް ވެސް ވަނީ ޝުކުރު ދަންނަވާފަ އެވެ.
މީގެ އިތުރުން މިކަމުގައި އާއިލާގެ ފަރާތުން ދެއްކެވި ކެތްތެރިކަމާއި ދެއްވި އެއްބާރުލެއްވުމަށް ޝުކުރުދަންނަވާ ކަމަށާއި މިފުރުޞަތުގައި އާއިލާއަށް ލިބިލެއްވި އުފަލުގައި ބައިވެރިވެ މަރުކަޒުގެ އެންމެހާ މުވައްޒަފުންގެ ނަމުގައި މަރުހަބާ ދަންނަވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
"މާތްރަސްކަލާނގެ ތަނަވަސް ރަަޙްމަތާއި އެކު ދެމައިން ވެސް ސަލާމަތާއި ރައްކާތެރިކަމާއިއެކު މިހާރު ވަނީ އަތޮޅު ހޮސްޕިޓަލް އަށް ބަދަލު ކުރެވިފައެވެ."
މޮޅަދޫ ސިއްހީ މަރުކަޒުން ބުނެފައި ވެއެވެ.
މިކަމުގައި އެކި ގޮތްގޮތުން އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ޚާއްސަކޮށް ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އަށް ޝުކުރުދަންނަވާ ކަމަށް ވެސް އެ މަރުކަޒުން ބުނެފައި ވެއެވެ.
މާލެއާ ގާތްގަޑަކަށް 318 ކިލޯ މީޓަރު ދުރުގައި އޮންނަ މޮޅަދޫގެ އާބާދީ އަކީ ގާތްގަޑަކަށް 409 މީހުންނެވެ. އެެއީ އެރަށުގައި އެކި މަސައްކަތް ކުރުމަށް އުޅޭ ބިދޭސީންނާ ވެސް އެކުގަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!