ދިވެހިރާއްޖެއަށް ފަތުރުވެރިކަން ތަޢާރަފް ކުރިތާ، ނުވަތަ ދިވެހި ފަތުރުވެރިކަން އުފަންކުރިތާ 50 އަހަރު "ދިވެހި ފަތުރުވެރިކަމުގެ ރަން އަހަރު" ފާހަގަކުރުމުގެ ގޮތުން "މެދުރާއްޖެ ތެރޭގައި" އަންނަނީ ގިނަ ހަފްލާތަކާއި ރަސްމިއްޔާތުތައް ބާއްވަމުންނެވެ.

ފަތުރުވެރިކަމަށް 25 އަހަރު ފުރުނު އިރު "ހިންދު އެ މާ ކަނޑު ތެރޭ، މަލަ ފެހި ރުއްގަސް ހެދޭ" މި ޖަޒީރާތަކުގައި ޓޫރިޒަމަށް ފައްކާވެފައި އޮތީ މެދު ރާއްޖެ ތެރެއެވެ. އެއިރު ފަތުރުވެރިކަމުގެ ނަފާ ސީދާ ގޮތެއްގައި ލިބެމުން އައީ "ދިޔަދޮއްވެއްގެ ދެކޮޅު ބައްދާލާ، މެދުން ފެންނަގާ ބީދައިން" ބައްޓަން ކުރެވިފައިވާ ސިނާއަތެއްގެ ގޮތުގަ އެވެ.

Ad
d

މި ސިނާއަތުން ވަޒީފާއެއް ހޯދުމަށް އުތުރާއި ދެކުނުގެ ރައްޔިތުންނަށް ޖެހިފައިވަނީ މެދުރާއްޖެ ތެރެއަށް ނުވަތަ މާލެ ސަރަހައްދަށް މިސްރާބު ޖަހާށެވެ. މިފަހަކަށް އައިސް މިކަން މަޑުމަޑުން ބަދަލުވާން ފެށީ މާލެ އަތޮޅުގައި ފަޅުރަށްތަކާއި ފަޅުތައް ހުސްވުމުންނެވެ. ރާއްޖޭގެ ފަތުރުވެރިކަން އެކި ކަންކޮޅުތަކަށް ފަތުރާލުން ވެގެންގޮސްފައިވަނީ ރާއްޖޭގައި ފަތުރުވެރިކަން ތަޢާރަފްކުރުމަށް ވުރެއް ބުރަބޮޑު ކަމަކަށެވެ. މިކަމުގައި ސަރުކާރުތަކުން އައީ ފަހަތުފަޔަށް ބުރަވަމުންކަމީ ފެންނަން އޮތް ހަގީގަތެކެވެ. ރާއްޖޭގެ އެންމެ އުތުރާއި ދެކުނުގައި ފަތުރުވެރިކަން ފީޒިބަލް ކުރުމަކީ، ނުވަތަ ރިޒޯޓެއް ހިންގުމަކީ ބޮޑު ގޮންޖެހުމެއް ކަމުގައި އަންނަނީ ބުނަމުންނެވެ. ތަފާތު ސަބަބުތަކާއި ބަހަނާތަކާއި އެކު އެވެ.

މި ހުސްވި ސެޕްޓެންބަރު މަހުގެ ނިޔަލަށް ރާއްޖޭގައި 166 ރިޒޯޓާއި، 3 ޔޮޓް މެރީނާއާއި، 13 ޓޫރިސްޓް ހޮޓަލާއި، 721 ގެސްޓްހައުސް ހިންގަމުން އެބަދެއެވެ. އޭގެ އިތުރުން، ހޯމް ސްޓޭ 4 ގެސްޓްހައުސްއާއި، 147 ޓޫރިސްޓް އުޅަނދާއި، 7 ބެއަރ ބޯޓް ރަޖިސްޓްރީކޮށް ހިންގަމުން ގެންދާއިރު އެނދުގެ ޢަދަދަކީ ޖުމްލަ 57436 އެވެ.

ފަތުރުވެރިކަމުގެ އުދަރެސް ފުޅާކޮށް، މި ޞިނާޢަތު ސިންދަފާތު ކުރުމަށް ސަރުކާރުތަކުން "ބަރަވެލި ދުވެލީގައި" މިސްރާބު ހިފާފައިވާއިރު ރާއްޖޭގެ އެންމެ އުތުރުން ތިލަދުންމަތީގެ އަދަދު ތަކަށް ބަލާލަން ޖެހެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ހއ. އަތޮޅުގައި މިވަގުތު ހިންގަމުން އަންނަނީ 2 ރިޒޯޓެވެ. އެއީ 223 ރޫމުގައި 446 އެނދެވެ. ހދ. އަތޮޅުގައި އެންމެ ރިޒޯޓެކެވެ. އެއީ 59 ރޫމުގައި 118 އެނދެވެ. 45 ހާހާއި ގާތްކުރާ އާބާދީއެއް އޮންނަ އުތުރުގެ ދެއަތޮޅުގައި ޖުމްލަ 3 ރިޒޯޓުގައި 564 އެނދެވެ.

ދިވެހިރާއްޖޭގެ ޤައުމީ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން ބޭއްވެވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނީ، 17 ނޮވެންބަރު 2018 އިން ފެށިގެން މިދިޔަ ސެޕްޓެންބަރު މަހުގެ ނިޔަލަށް، ރާއްޖޭގައި އަލަށް 33 ރިޒޯޓާއި، 471 ގެސްޓްހައުސް ހުޅުވައިފި ކަމުގައެވެ. އެއީ، 8385 ކޮޓަރި ނުވަތަ 16783 އެނދެވެ.

ހއ. އަތޮޅާއި ހދ. އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް 14 ފަޅުރަށެއް އޮތީ ކަނޑައަޅާ އެކި މަރުހަލާތަކުގަ އެވެ. ހއ. އަތޮޅުގެ މީހުން ދިރިއުޅޭ ތިން ރަށެއްގައި ސިޓީ ހޮޓާ ތަރައްޤީ ކުރުމަށް ބިން ދޫކޮށްފައިވެއެވެ. އެއީ އުލިގަމާއި ވަށަފަރު އަދި ކެލައިންނެވެ. ހދ. އަތޮޅު ނޮޅިވަރަންފަރުން ވެސް ބޮޑުބައެއް ވަނީ ފަތުރުވެރިކަން ތަރައްޤީކުރުމަށް ދޫކޮށްފަ އެވެ. ހަނިމާދޫގައި ސިޓީ ހޮޓަލެއް ތަރައްޤީކޮށް އަންނަނީ ޚިދުމަތް ދެމުންނެވެ.

ހއ. އަތޮޅުން ފަތުރުވެރިކަމަށް ދޫކޮށްފައިވާ ފަޅުރަށްތަކަކީ ނަރިދޫ، ބެރިންމަދޫ، އަލިދޫ، އަލިދުއްފަރުފިނޮޅު، މާފިނޮޅު، މެދަފުށި އަދި ގާމަތިކުޅުދޫ އެވެ. ހދ. އަތޮޅުން ދޫކޮށްފައިވާ ފަޅުރަށްތަކަކީ، ހޮނޑައިދޫ، ނާގޯށި، ކުޑަމުރައިދޫ، މުއިރި އަދި ދިއްޕަރުފުއްޓެވެ. މީގެ އިތުރުން ވައިކަރަމުރައިދޫގެ އެއްބަޔާއި ކުޑަފަރުފަސްގަނޑު ހިއްކައިގެން ރިޒޯޓެއް ތަރައްޤީ ކުރުމަށް ހުޅުވާލާފައިވެއެވެ.

ކްލޯސް ބިޑަަށް ހުޅުވާލައިގެން ވިއްކި ރަށްރަށުގެ ލިސްޓުގައި 4 ރަށެއް!

2016 ވަނަ އަހަރު ބިޑު ކުރުމެއް ނެތި ކުއްޔަށް ދިނުމަށް ނިންމި ރަށްރަށަށް ބަލާއިރު، 22.6 ހެކްޓަރުގެ ހއ. ވަނގާރު (އެކުއިޒިޝަން: 2.8 މިލިޔަން ޑޮލަރު)، ހއ. ގާމަތިކުޅުދޫ (އެކުއިޒިޝަން: 1.6 މިލިޔަން ޑޮލަރު)، ހދ. ދިއްޕަރުފުށި (އެކުއިޒިޝަން: 1.02 މިލިޔަން ޑޮލަރު)، ހދ. މުއިރި (އެކުއިޒިޝަން: 6.7 މިލިޔަން ޑޮލަރު). މިރަށްތައް ދީފައިވާ ފަރާތްތަކާއި ހުޅުވޭނެކަމަށް ބުނާ ތާރީޚް އަދި އިތުރު މަޢުލޫމާތެއް ފަސޭހަ ތަހުމަތެއްގައި ލިބެން ނެތެވެ. މިއީ އެމްއެންޕީއާރުސީގެ ދުވަސްވަރު ދެވިފައިވާ ރަށްތަކެކެވެ.

2019 ވަނަ އަހަރު އަލަށް ހުޅުވާލި ރަށްތައް

ހއ އަތޮޅުން ހަތަރު ރަށެއް ފަތުރުވެރިކަމަށް ދޫކުރާ ރަށްތަކުގެ ތެރޭގައި 2019 ވަނަ އަހަރު ހިމަނާފައިވަނީ ހއ މާފިނޮޅު، (425 އެނދު) ދައްޕަރު (1000 އެނދު)، މެދަފުށި (317 އެނދު) އަދި އަލިދުއްފަރުފިނޮޅު (233 އެނދު) އެވެ.

ހދ އަތޮޅުގެ ތިން ރަށެއް ވަނީ ހިމަނާފަ އެވެ. އެއީ ހދ ހޮނޑައިދޫ (19.10 ހެކްޓަރ، 500 އެނދު)، ހދ ކުޑަފަރުފަސްގަނޑު (1.20 ހެކްޓަރ، 233 އެނދު)، އަދި ހދ ވައިކަރަމުރައިދޫ (15 ހެކްޓަރ، 436 އެނދު) އެވެ.

މިރަށްތަކުގެ ތެރެއިން ރިޒޯޓް ތަރައްގީ ކުރަން ހަވާލުކުރެވުނީ ހއ. އަލިދުއްފަރުފިނޮޅު އެކަންޏެވެ.

ހއ. ނަރިދޫ

މިރަށް ފަތުރުވެރިކަމަށް ހުޅުވާލާފައިވަނީ 2006 ވަނަ އަހަރުގެ ފަހުކޮޅުގަ އެވެ. ކުލި ކޮންޓްރޯލްނުކޮށް ބީލަމަށް ލުމުން މިރަށުގެ ބީލަން ކާމިޔާބު ކުރެއްވީ ހ. އިރުވެލިގޭ ޢަލީ ޒާޙިރެވެ. އެރަށުގެ ލީސް އެޑްވާންސް ރެންޓްގެ ގޮތުގައި ސަރުކާރަށް ދައްކަވަންޖެހުނު 10 އަހަރުގެ ކުލީގެ %15 ސަރުކާރަށް ދެއްކެވުމާއި އެކު އެރަށުގެ އެއްބަސްވުމުގައި ސޮއިކުރީ 2006 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ. އެއީ 14،248،800.00 (ސާދަ މިލިއަން ދުއިސައްތަ ސާޅީސް އަށްހާސް އަށްސަތޭކަ) އެމެރިކާ ޑޮލަރެވެ. ހއ. އަތޮޅުގެ ވެރިކަން ކުރާ ދިއްދޫ އާއި ވަށަފަރާއި ދެމެދު އޮތް އެރަށުގެ ބޮޑުމިނަކީ 13.2 ކިލޯ މީޓަރެވެ. އެރަށުގައި ތަރައްޤީ ކުރުމަށް ނިންމާފައިވަނީ 150 ކޮޓަރި އެވެ.

މިރަށުގައި އެއްވެސް މަސައްކަތެއް ނުފެށި އޮތުމުން 2010 ވަނަ އަހަރު މިރަށުގެ އެގްރީމެންޓް ބާތިލުކުރުމަށް ސަރުކާރުން ނިންމި އެވެ. ނަމަވެސް އެގްރިމެންޓު ބާތިލުކުރުމަށް ސަރުކާރުން ކަނޑައެޅިތާ ތިން މަސް ފަހުން، އެކަން އެވަގުތު ކުރިއަށް ނުގެންދިއުމަށް ވަޒީރުންގެ މަޖިލީހުން ފަހުން ނިންމި އެވެ.

މީގެ 16 އަހަރު ކުރިން މިރަށުގައި ރިޒޯޓެއް ތަރައްޤީ ކުރުމަށް ސޮއިކުރުން ފިޔަވާ އެއްވެސް މަސައްކަތެއް ކޮށްފައިވާކަމުގެ ނިޝާނެއް މިރަށުން ފެންނާކަށް ނެތެވެ. ހުޅުވޭނެ ވަކިތާރީހެއް އަދި ނޭންގެ އެވެ.

ހއ. ބެރިންމަދޫ

15.4 ހެކްޓަރުގެ ބެރިންމަދުއަކީ މީގެ ކުރިން މީހުން ދިރި އުޅުނު ރަށެކެވެ. 2006 ވަނަ އަހަރު ބެރިންމަދޫ މީހުން ހއ. ހޯރަފުއްޓަށް ބަދަލުކުރުމަށްފަހު ޖެހިގެން އައި އަހަރު އެރަށް ވަނީ ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް ބަޔަކާ ހަވާލުކޮށްފަ އެވެ. އެހެންނަމަވެސް ފަހުން އެރަށުގެ ބަދަލުގައި އެފަރާތަށް އެހެން ރަށެއް ވަނީ ދީފައި އެވެ.

އެއަށްފަހު އަލުން އެރަށް ބީލަމަށް ހުޅުވާލުމާއި އެކު އެންމެ މަތީ އެކުއިޒިޝަން ފީއެއް ހުށަހަޅައިގެން ބީލަން ކާމިޔާބުކުރީ އިޓަލީގެ ފްރަންކީން ޖުޒެއްޕޭ ނަމަކަށް ކިޔާ މީހެކެވެ. 2012 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 12 ވަނަދުވަހު އޭނާއަށް ބެރިންމަދޫ ހަވާލުކުރީ 50 އަހަރަށެވެ. އެރަށުގައި ތަރައްޤީކުރުމަށް ނިންމާފައިވަނީ 200 އެނދުގެ ރިޒޯޓެކެވެ.

2017 ވަނަ އަހަރު އެރަށް އެހެން ބަޔަކަށް ދިނުމަށް ނިންމާފައިވާތީ، އެރަށާ ގުޅޭ އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްތޯ ބެލުމަށް ޓޫރިޒަމް މިނިސްޓްރީން އިއުލާން ކުރި އެވެ. އެރަށުގެ މަސައްކަތް ހުއްޓިފައި އޮންނަތާ ވަރަށް ދުވަސް ވެއްޖެ އެވެ. އެރަށުގައި ކޮންމެވެސް ވަރަކަށް އިމާރާތްތަކެއް ކޮށްފައިވާއިރު އެތަންތަން މިހާރު ހުރީ ވީރާނާވާން ދޫކޮށްލެވިފަ އެވެ.

ހއ. އަލިދޫ

މިއީ ކުރިން ރިޒޯޓެއްގެ ގޮތުގައި އޮޕަރޭޓް ކުރަމުން އައި ރަށެކެވެ. ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ އާއިލީ މަސްލަހަތު އޮންނަ ޔޮޓް ޓުއާސް އަށް ދޫކޮށްފައިވާ އަލިދޫ ރިޒޯޓް ވަގުތީ ގޮތުން ބަންދުކުރީ 2014 ގައި މޫސުން ގޯސްވުމުގެ ސަބަބުން އެ ރަށަށް ގެއްލުންތަކެއް ލިބުމުން، މަރާމާތު ކުރުމަށެވެ.

ޔޮޓް ޓުއާޒް މޯލްޑިވްސްއަށް 22 މިލިއަން ޑޮލަރު (339 މިލިއަން ރުފިޔާ) ދައްކަން އެލައިޑް އިންޝުއަރެންސްގެ މައްޗަށް ކުރި ހުކުމް ހައި ކޯޓުން ބާތިލްކުރި މައްސަލަ ޔޮޓް ޓުއާޒް އިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ މިއަހަރުގެ ޖުލައިމަހުއެވެ. ވޭތުވެދިޔަ 5 ވަރަކަށް އަހަރު އެރަށުގެ ޚަބަރުތައް އިވެމުންދިޔައީ ކޯޓުތަކުގެ ތެރެއިންނެވެ.

ހދ. ކުޑަމުރައިދޫ

ކުޑަމުރައިދޫގައި ރިޒޯޓެއް ހެދުމަށް 2006 ވަނަ އަހަރު ސަރުކާރުން ޖޭއެޗް ރިސޯޓްސްއަށް ދޫކޮށް، އެކަމުގެ އެއްބަސްވު ހަތަރު ފަހަރެއްގެ މަތިން އާ ކުރި އެވެ. އަދި 2013 ވަނަ އަހަރު އެއްބަސްވުމަށް ގެނައި ހަތަރު ވަނަ ބަދަލުގެ ދަށުން ޖޭއެޗްގެ މާލީ ގާބިލުކަން ދައްކައިދޭ ފައިނޭޝަލް ޑޮކިއުމަންޓްތައް. އެއްބަސްވި މުއްދަތުގައި ހުށަނާޅާ ކަމަށް ބުނެ ފެބްރުއަރީ 2015 ގައި ސަރުކާރުން އެ އެއްބަސްވުން ބާތިލްކުރި އެވެ. އެއްބަސްވުން ބާތިލްކުރީ ޖޭއެޗްއަށް ހަތް ދުވަހުގެ ނޯޓިސްއެއް ދީފަ އެވެ.

އެ މައްސަލަ ޖޭއެޗްއިން ސިވިލް ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުން 2016 ގައި ހުކުމް ކުރީ ޖޭއެޗް ރިޒޯޓްސްއާ އެއްކޮޅަށެވެ. އެ ހުކުމުގައި ވަނީ އެއްބަސްވުން ބާތިލްކުރީ ގޯސްކޮށް ކަމަށާއި އެއްބަސްވުން ދެމިއޮންނާނެ ކަމަށެވެ. އަދި ބަދަލު ހޯދުމަށް ޖޭއެޗްއަށް ދައުވާ ކުރެވިދާނެ ކަމަށް ވެސް ކަނޑައެޅި އެވެ. ހައި ކޯޓުން މި ހުކުމަށް ތާއީދު ކުރި އެވެ. ހައި ކޯޓުގެ ހުކުމް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، ހދ. ކުޑަމުރައިދޫގައި ރިޒޯޓެއް ތަރައްގީކުރުމުގެ އެއްބަސްވުން ސަރުކާރުން ބާތިލްކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ނިންމީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 08 ވަނަ ދުވަހު އެވެ.

ހދ. އަތޮޅުގައި އޮތް އެންމެ ހިތްގައިމު ރަށްކަމުގައިވާ ކުޑަމުރައިދޫގައި ވަގުތީ އިމާރާތެއް އެޅުން ފިޔަވާ އިތުރު މަސައްކަތެއް އެރަށުގައި ނުކުރެއެވެ. ކުޑަމުރައިދޫން ގަވައިދާ ހިލާފަށް ކޮޅުވެއްޓިއަކަށް ވެލިބަރުކޮށްގެން ތްރީއޭ ކޮމްފެނީން ހަދަމުންދާ އެހެން ރަށަކަށް ގެންދަނިކޮށް 2011 ވަނަ އަހަރު ވަނީ އަތުލައިގަނެފަ އެވެ. މިރަށް ހުޅުވާނެ ވަކި ތާރީޚެއް ހަވާލުވެގެން އުޅޭ ކުންފުނިން މީގެ ކުރިން އިޢުލާންކޮށްފައިނުވަނީ އެއްވެސް ވަރަކަށް އަމަލީ މަސައްކަތް ކުރިއަށް ނުދާތީ ކަމަށް ގަބޫލުކުރެވެއެވެ.

ހދ. ނާގޯށި

ނާގޯށި ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް 2006 ވަނަ އަހަރު ސެޕްޓެމްބަރ މަހު 17 ވަނަ ދުވަހު ދޫކޮށްފައިވަނީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށެވެ. 2007 ވަނަ އަަހަރުގެ ޑިސެމްބަރ މަހު ތެރޭގައި ނާގޯށި ތަރައްގީ ކުރުމަށް އެމްޓީޑީސީ އިން ތްރީކޭ އިންޓަނޭޝަނަލް ކުންފުންޏާ ހަވާލުކުރި އެވެ. މަަސައްކަތް ފެށޭވަރުވީ 2009 ވަަަނަ އަހަރުގެ ތެރޭގައެވެ. ކާލްސަން ހޮޓެލްސް، ރެޑިސަން ބްރޭންޑްގެ ރިޒޯޓެއްގެ ގޮތުގައި ހުޅުވުމަށް ވަރަށް ބާރަށް މަސައްކަތްކުރަމުންގޮސް މަސައްކަތް މެދުކެނޑުނެވެ. އެއަށްފަހު މަސައްކަތް ފެށީ 2015 އަހަރުގެ ނޮވެމްބަރ މަހު ތެރޭގަ އެވެ. މަސައްކަތް މެދު ކެނޑުނު އިރު 50 އިންސައްތަ މަސައްކަތް ނިމިފައި ހުރި ކަމަށް އޭރު އެމްޓީޑީސީއިން ބުނެފައިވެއެވެ. ހަގީގަތުގައި ނިމިފައިވަނީ 37 އިންސައްތަ އެވެ.

2015 ވަނަ އަހަރު އަލުން މަސައްކަތް ފެށުނުއިރު ރާނާ ސިމެންތި ޖެހިފައިހުރީ 180 ކޮޓަރީގަ އެވެ. އަދި މޫދުގައި އެޅުމަށް ހަމަޖެހިފައިވާ 100 ކޮޓަރިތައް ފެނުންމައްޗަށް އަރާވަރެއް ނުވި އެވެ. ޖެހިފައިހުރީ ހަމައެކަނި ތަނބުތަކެވެ. މިހާރު ހުރީ ވީރާނާވެފަ އެވެ. އެއިރު ކޮންމެވެސް ވަރަކަށް ނިމިފައިހުރި ރިސެޕްޝަން، ރެސްޓޯރެންޓް، އިންޖީނުގެ ރާނާ ހިޔާކުރި ގޮތަށް މިހާރު ހުރީ ވީރާނާވާން ކައިރިވެފަ އެވެ.

2017 ވަނަ އަހަރު އޭޕްރިލް މަހަކީ ރިޒޯޓް ހުޅުވުމަށް ހެޑްލައިން އަޅާލި 3 ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ރިޒޯޓް ހުޅުވުމަށް ނިންމާ އިޢުލާންކޮށް ސުރުހީ އެޅީ 2010 ވަނަ އަހަރުގެ އޭޕްރިލް 17 ގަ އެވެ. ދެން ނިންމީ 2012 ޖުލައި މަހު ތެރޭގަ އެވެ. އެއަށްފަހު އެތައްފަހަރަކު "އަންނަ އަހަރު، ނާގޯށި ހުޅުވަނީ" މިފަދަ އެތައް ސުރުޙީތަކެއް އެޅިގެން ދިޔަ އެވެ. ނަމަވެސް އެ އަންނަން ބުނި އަންނަ އަހަރެއްވެސް ނައެވެ.

ނާގޯއްޓަކީ އެމްޓީޑީސީ އުފައްދައި އެންމެ ފުރަތަމަ އެ ކުންފުންޏާ ހަވާލު ކުރި ރަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ކުރީގެ ސަރުކާރުތަކަށް އެ ރަށް ތަރައްގީއެއް ނުކުރެވުނެވެ. އެ ރަށް ތަރައްގީކޮށް މި ދައުރުގައި ހުޅުވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.

އެ ރަށުގެ މަސައްކަތް އަލުން އެމްޓީޑީސީއާ ހަވާލު ކުރީ 2020 ވަނަ އަހަރު އެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލު ކުރީ ތިން އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ނާގޯށީގައި ތަަރައްގީ ކުރާ ރިޒޯޓު ވެގެންދާނީ ރާއްޖޭގެ އެންމެ ބޮޑު އެއް ޓޫރިޒަމް ޕްރޮޖެކްޓަށް ކަމަށް އެމްޓީޑީސީން ބުނެއެވެ. މިހާރު އެ ރިޒޯޓުގައި 835 ކޮޓަރި ތަރައްގީ ކުރަން ކިޔާއިރު އެއީ 1670 އެނދެވެ. މިޕްރޮޖެކްޓަކީ ބޮޑު ޕްރޮޖެކްޓަކަށްވުމުން އެތަން ތަރައްގީ ކުރަން ރާވާފައިވަނީ ފޭސްތަކަކަށް ބަހާލައިގެންނެވެ.

ދުބާއީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ރޯ ގަލަދާރީއާ ހަވާލުކޮށްގެން، ނާގޯށި ތަރައްގީކުރަން އަލުން ފަށާފައިވަނީ މިއަހަރު މެދު ތެރޭގަ އެވެ. ރޯ ގަލަދާރީން ނާގޯށި ތަރައްގީކުރަނީ އެމްޓީޑީސީއާ ގުޅިގެން ޖޮއިންޓް ވެންޗާއެއް އުފައްދައިގެންނެވެ. އެމްޓީޑީސީން ލަފާކުރާ ގޮތުގައި ނާގޯށި ތަރައްގީކޮށް ނިމޭއިރު 300-400 މިލިއަން ޑޮލަރު ހަރަދުވާނެ އެވެ. މިއީ އެންމެ ރަށެއް ތަރައްގީކުރަން އެހާ ބޮޑު އިންވެސްޓަމަންޓެއް ކުރާ ފުރަތަމަ ފަހަރެވެ.

މިރަށުގެ އަމަލީ މަސައްކަތް ފެށުން މިހާރު އޮތީ ވަރަށް ގާތުގަ އެވެ. އީއައިއޭ ރިޕޯޓް އީޕީއޭއިން އެޕްރޫވްކޮށްފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. އެރިޕޯޓް ޓޫރިޒަމް މިނިސްޓްރީއަށް ހުށައެޅުމާއި އެކު އެރަށުގެ އަމަލީ މަސައްކަތް ކުރުމަށް ހުއްދަ ދޭނެކަމަށް ބެލެވެއެވެ. މިރަށް ނިންމާ އޮޕަރޭޝަންއަށް ގެންނަން މަދުވެގެން އަދި ތިން އަހަރު ނަގާނެކަމަށް އަންދާޒާ ކުރެއެވެ.

މިފަހަރުވެސް އިންތިޒާރު މިކުރެވެނީ މިރަށް ހުޅުވޭނެ ދުވަހަކަށެވެ. "ހުޅުވެނީ، އަންނަ އަހަރު ހުޅުވަނީ" މިފަދަ ސުރުހީއަކަށް ނޫނެވެ. "އެންމެ ފަހުން ނާގޯށި ހުޅުވައިފި" މިފަދަ ސުރުހީއަކަށެވެ.

އުލިގަމު ޔޮޓު މެރީނާ އާއި ސިޓީ ހޮޓާ ޕްރޮޖެކްޓް މިހާރު ވީރާނާވެފައި!

މިލިސްޓުން އެންމެ ފުރަތަމަ ޖާގަ ހޯދަނީ، އެންމެ އުތުރުން "އުލިގަމު ޔޮޓު މެރީނާ އާއި ސިޓީ ހޮޓާ ޕްރޮޖެކްޓް" އެވެ. އުލިގަމަކީ ރާއްޖޭގެ ރަށްތަކުގެ ތެރެއިން އެންމެ ގިނަ ޔޮޓު ބަނދަރު ކުރާ ރަށެވެ. އެހެންކަމުން އެ ރަށުގެ ޓޫރިޒަމް ކުރިއެރުވުމަށް ޔޮޓު މެރީނާއެއް ތަރައްގީ ކުރުމަކީ މުޅި ތިލަދުންމަތީގެ ހުރިހާ ރައްޔިތުން ވެސް ބޭނުންވެފައި ތިބި ކަމެކެވެ.

މި ޕްރޮޖެކްޓް ކުރިން ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓޫރިޒަމް ޑެވެލޮޕަމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އާ އެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ އެ ޕްރޮޖެކްޓް އޮތީ ހުއްޓިފަ އެވެ. މަސައްކަތް ހުއްޓާލި އިރު ސްޓާފު އޭރިޔާގެ 80 ޕަސެންޓާއި ގެސްޓް އޭރިޔާގެ ބޮޑު ބައެއްގެ އިތުރުން ހޮޓަލުގެ އެހެން ތަންތަން ނިންމުމަށް 4.5 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 69.4 މިލިއަން ރުފިޔާ) ވަނީ ހަރަދުކޮށްފަ އެވެ.

އުލިގަމު ސިޓީ ހޮޓާ ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ފަށައިފައިވަނީ ރައީސް މައުމޫނުގެ ވެރިކަމުގެ ފަހު ދައުރުގެ ފަހު އަހަރުގައެވެ. އޭގެ ފަހުން ހަތަރު ވަނަ ސަރުކާރު އައިއިރުވެސް އުލިގަމު ސިޓީ ހޮޓާ ޙަޤީޤަތަކަށް ނުވެއެވެ.

އުލިގަމުގައި ޔޮޓު ބަނދަރަކާއިއެކު ހޮޓަލެއް ތަރައްޤީކުރުމަށް 36 ހެކްޓަރުގެ ބިން ދޫކުރުމަށް 11 އޮކްޓޯބަރ 2020 ގައި އިޢުލާން ކުރުމާއި ގުޅިގެން ގިނަ ފަރާތްތަކުން މިބީލަމާއިބެހޭ ގޮތުން މަޢުލޫމާތު ސާފުކޮށްފައިވެ އެވެ. 2 ފަރާތަކުން ބީލަން ފޮތް ގަތްނަމަވެސް އެއްވެސް ފަރާތަކުން ބީލަން ހުށައަޅާފައި ނުވާކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އިން 2020 ވަނަ އަހަރު ބުންޏެވެ.

ނޮޅިވަރަންފަރުގެ ދެކުނުކޮޅުން ޓޫރިޒަމް ޓްރެއިނިންގ ރިސޯޓެއް!

ނޮޅިވަރަންފަރުގެ ދެކުނުކޮޅުން ޓޫރިޒަމް ޓްރެއިނިންގ ރިސޯޓެއް ތަރައްޤީ ކުރުމަށް 2008 ގައި ނަލަވެލި މޯލްޑިވްސްއަށް ދޫކޮށްފައިވާ ބިމުގައި އެއްވެސް މަސައްކަތެއް ކުރިއަށްނުގޮސް 14 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާތީ، އެފަރާތުން ބިންވަކިކޮށް އެހެންފަރާތަކާއި ހަވާލުކުރުމަށް ނޮޅިވަރަންފަރު ކައުންސިލުން އަންނަނީ އެދެމުންނެވެ. 200 އެދުގެ ސިޓީ ހޮޓާ ނުވަތަ ރިސޯޓް ފެންވަރަށް އެސަރަހައްދު ތަރައްޤީކޮށް އިންވެސްޓް ކުރެވޭވެ ފެންވަރުގެ ފަރާތްތައް، ކައުންސިލްގައި ޝައުޤުވެރިކަން ފާޅުކުރަމުން ދާކަމުގައި އެކައުންސިލުން ފާހަގަ ކުރެ އެވެ.

ރަށްވެހި ފަތިސް ކެމްޕެއިންގެ ތެރެއިން އެމްޑީޕީގެ ކެނޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކާއެކު ކުރިއަށްގެންދެވި ސިލްސިލާ ބައްދަލުވުންތަކުގައި އެކެނޑިޑޭޓުންގެވެސް އެންމެ ބޮޑު އެދުމަކަށްވީ އެރަށު ދެކުނުކޮޅުގައި ސިޓީ ހޮޓަލެއް އެޅުމަށެވެ. އެއީ ރައްޔިތުން ވަރަށް ބޭނުންވާ ކަމެއް ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ އަރިހުގައި ދެންނެވި އެވެ. ޖަވާބުގައި ރައީސް ވިދާޅުވީ، އެރަށު ސިޓީ ހޮޓާ އަލުން ބިޑަށް ހުޅުވާލައްވާނެ ކަމަށާއި އެކަމަށް ބައެއް ފަރާތްތަކުން މިހާރުވެސް ޝައުޤުވެރިކަން ފާޅު ކޮށްފައިވާކަމަށެވެ. ފަހުން މިކަމުގެ ޚަބަރެއް ނުވެއެވެ.

ވަށަފަރު ސިޓީ ހޮޓާ

ވަށަފަރު ތުނޑީގައި ސިޓީ ހޮޓަލެއް ތަރައްޤީކޮށް ހިންގުމަށް ވަށަފަރު ކައުންސިލުން ޙަވާލުކޮށްފައިވާތާ 8 އަހަރު ވެދާނެ އެވެ. ސިޓީ ހޮޓާ އެޅުމަށް ހެދިފައިވާ އެގްރީމަންޓް ގައި ވާ ގޮތުން ކޮންސްޓްރަކްޝަން ޕީރިއަޑް ފުރަތަމަ ހަމަވެފައިވަނީ 2018 ގައެވެ. ދެވަނަފަހަރަށް އިތުރުކޮށްދިން ކޮންސްޓްރަކްޝަން ޕީރިއަޑް ހަމަވެފައިވަނީ 26 ފެބްރުއަރީ 2022 ގަ އެވެ. ސިޓީހޮޓާ އެޅުމަށް ދޫކޮށްފައިވާ ބިމަކީ ވަށަފަރު ބިމުގެ ތިންބައިކުޅަ އެއްބައެވެ. އެބިން ދީފައިވަނީ 50 އަހަރަށެވެ. މިތަން ނިންމަން އެކި ފަހަރު އެކި ތާރީޙްތައް ދީފައިވާއިރު ހުޅުވޭނެ ދުވަހެއް އަދި ނޭންގެއެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީ ކުރަން ފެށުމާއި އެކު ބުރެކި ނެއްޓިދާނެ؟

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އެއަރޕޯޓްގެ ކުލަނުވި ކުރެހުންތަކަށް ނިމުމެއް އައިސް، 3ޑީ ކުރެހުންތަކާއި އެއްގޮތަށް މަސައްކަތް ފެށިއްޖެ ނަމަ "ތިލަދުން މަތީގެ ފަތުރުވެރިކަމުގައި ޖެހިފައިވާ ބުރެކި" ނެއްްޓިދާނެކަމަށް ބައެއް ބޭފުޅުން ގަބޫލުކުރައްވަ އެވެ.

"ބައިނަލް އަގުވާމީ ފްލައިޓުތަކަށް ހަނިމާދޫ އެއާޕޯޓް ހުޅުވާލައި، ގިނަ އަދަދެއްގެ ފަތުރުވެރިންނަށް ޒިޔާރަތް ކުރެވޭނެ ގޮތަށް ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުން ޓޫރިޒަމްގެ ރަން ދުވަސްވަރު އަންނާނެ"

ޓޫރިޒަމް ދާއިރާގެ ވިޔަފާރިވެރިޔާ މުހަންމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ފަތުރުވެރިކަމުގެ ރަން ޔޫބީލް ގާލާ އިވްނިންގ ގައި ވާހަކަ ދައްކަމުން އެމްޔޫ މަނިކު ރޭ ވިދާޅުވިއެވެ.

"އައްޑޫގައި އެއް ހަނބު. ހަނިމާދޫ ވާނެ ނޯތުގެ ހަބަކަށް. ވެފައި. ނޯތުގެ ރީޖަން އެއްކޮށް ދަށްކޮތީ ފަތުރުވެރިކަން 8000 ބެޑް އެޅީމަ މުޅިތަން އެއްކޮށް ދިރޭނެ، މިއީ ރާއްޖޭގެ ޓޫރިޒަމްގެ ރަން ދުވަސްވަރު އެ އަންނަނީ އަދި ކިރިޔާ. އެ ދުވަސް އަންނައިރަށް އަޅުގަނޑުމެންގެ އިކޮނަމީދާނެ ޑަބަލްވެގެން"

ކުރުނބާ މޯލްޑިވްސްގައި ރޭ ބޭއްވި ހަފްލާގައި އެމްޔޫ މަނިކު ވިދާޅުވިއެވެ.

އުންމީދަކީ، ހަނިމާދޫ ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރަން ފުރަތަމަ ސިމެންތި ބާލިދީ އޮއްސާލާ ހިސާބުން، ތިލަދުންމަތީގައި ގާފޮރި ޖަހާފައިހުރި ރިޒޯޓުތަކުގެ މަސައްކަތް ފެށިގެން ދާނެކަމަށެވެ. ފިނިހިކަ ދުވެލީގައި މަސައްކަތްކުރަމުން އަންނަ ރިޒޯޓުތަކުގެ މަސައްކަތް ރޮކެޓް ސްޕީޑްއަށް ޖެހިލާނެ ކަމަށެވެ. އެއަރޕޯޓް ނިންމާ ފަތުރުވެރިން ގެނައުމަށް ދޮރު ހުޅުވޭއިރު ތިލަދުންމަތީގައި ފަތުރުވެރިކަމަށް ފައްކާކުރެވިފައިވާ އެނދުތަކެއް ނިންމާލެވޭނެ ކަމަށެވެ.

Ad
df

އާއިލާތަކާއި ދުރުގައި ވަޒީފާ އަދާކުރުމަށް އަރުވާލެވިގެން ތިބި، ތިލަދުންމަތީގެ ޒުވާނުން އެނބުރި ކޮންމެ ރެޔަކު ނައިޓަށް ދެވޭނެ ވަޢުދަކީ އަދި އެއްފަހަރު ފުއްދަން ޖެހޭ ވަޢުދެކެވެ. އަންނަ އަހަރު އަންނާނެކަމުގެ އުންމީދުގައި ތިބި ޒުވާނުން މިއަދު "ޓީނޭޖް ކަޓައިފި" އެވެ. އަހަރަކަށްފަހު އަހަރެއް ދައުރަކަށްފަހު ދައުރެއް ދައުރުވަމުން ދަނީ "އަންނަ އަހަރު އަންނާނެ" ކަމުގެ އުންމީދުގައެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރު ގުނަމުންދަނީ އާއިލާއާއި ވަޒަނާއި މާދުރު އަތޮޅުތަކުގައި ފަތުރުވެރިކަމުގެ ސިނާއަތަށް ޚިދުމަތް ކުރުންމަތީ ދުވަސްތައް ގުނަމުންނެވެ.