އެމެރިކާގެ ފްލޮރިޑާއަށް އިއްޔެގެ ވަގުތެއްގައި އެރި ތޫފާން ހަރިކޭން އިއާންގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

މި ތޫފާނުގައި ލިބުނު ގެއްލުންތަކުގައި 2.6 މިލިއަން މީހުން އަދިވެސް ތިބީ ކަރަންޓުން މަހުރޫމު ވެފައިކަމަށް ރިޕޯޓުތައް ބުނެ އެވެ.

Ad
rt

ފްލޮރިޑާއަށް އަރާ ހުރިހާ ތޫފާނަކަށްވެސް ނަންދެވިފައިވަނީ ހަރިކޭން އާއި ގުޅުވައިގެންނެވެ. ރިޕޯޓުތައް ބުނާގޮތުގައި ހަރިކޭން އިއާން ފްލޮރިޑާގެ އައްސޭރިފަށުން އަރާފައިވާއިރު މިތޫފާން ގިންތި ކުރެވިފައިވަނީ ހަތަރުވަނަ ގިންތީގެ ބާރު މިނުގައި އެވެ.

އެމެރިކާގެ ނެޝަނަލް ހަރިކޭން ސެންޓަރުން މަޢުލޫމާތުދޭގޮތުގައި އިއާން ތޫފާނަކީ އެމެރިކާއަށް މިހާތަނަށް އެރި އެންމެ ބާރުގަދަ ތޫފާންތަކުގެ ތެރެއިން އެއް ތޫފާނެވެ.

ފްލޮރިޑާގެ އައްސޭރިފަށު ސަރަހައްދުތަކަށް ތޫފާން އެރި އިރު، ގަޑިއަކު 150 މޭލުގެ ބާރު މިނުގައި ވައި ޖެހުނެވެ.

އެމެރިކާގެ ޕަވާ އައުޓޭޖުން ބުނީ ތޫފާން އެރިތާ 24 ގަޑިއިރު ވީއިރުވެސް އަދި ފްލޮރިޑާގެ ބޮޑު ސަރަހައްދަކަށް ކަރަންޓުގެ ހިދުމަތް ނުދެވޭ ކަމަށެވެ.

އެގޮތުން ބައެއް ސަރަހައްދުތަކަށް އެއްވެސް ވަރަކަށް ހިދުމަތް ނުލިބޭއިރު އަނެއްބައި ސަރަހައްދުތަކަށް 89 ޕަސެންޓަށް ކަރަންޓުގެ ހިދުމަތް އަދިވެސް ނުލިބެ އެވެ.

ތޫފާނުގައި މިހާތަނަށް އެކަކު ވަނީ މަރުވެފައި އެވެ. އެކަމަކު އެމިހާ މަރުވި ސަބަބު އަދި ހާމައެއް ނުކުރެ އެވެ.

އެމެރިކާގެ ކޯސްޓްގާޑާއި ހަވާލާދީ މީޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ތޫފާންގައި ބޯކޮށް ވާރޭވެހި ފެން ބޮޑުވުމުގެ ސަބަބުން މިހާތަނަށް ފްލޮރިޑާގެ 28 ސަރަހައްދެއްގައި ތިބި މީހުން ރައްކާތެރި ހިސާބުތަކަށް ގެންގޮސްދީފައިވާ ކަމަށެވެ.

ބައެއް ސަރަހައްދުތަކުގައި އުނަގަނޑާއި ހިސާބަށް ފެންބޮޑުވެފައިވާ ކަމަށްވެ އެވެ.

އެމެރިކާގެ ކަމާ ބެހޭޭ ފަރާތްތަކުން އާންމު ކުރަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ފްލޮރިޑާގެ ބޮޑުބައެއް އޮތީ ފެނު އަޑީގައި އެވެ. އަދި ފެންބޮޑުނުވާ ސަރަހައްދުތަކަށް ވައިގަދަ ވުމާއި ހޮނުއެޅުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.

އެގޮތުން ތޫފާން އެރިތާ ގަޑިއިރެއްގެ ތެރޭގައި 12 ފޫޓު އުސް ރާޅު ފޮލޮރިޑާގެ އައްސޭރިފަށުން އެރި އިރު، ގަދަ ވަޔާއި އެކު ގޭގޭ ފުރާޅު އެއްލާލައި ބޮޑެތި ގަސްތައް މުލުން ލުހިފައިވެ އެވެ.

އެ ސްޓޭޓް ސަރުކާރުން ބުނެފައިވަނީ ލިބެމުންދާ ގެއްލުންތައް ބަލަމުންދާ ކަމަށާއި އެކަމާއި ގެންލުން ތަކުގެ ތަފްސީލްތަކާއި ގުޅޭގޮތުން އެއްޗެއް ބުނަން އަދި މާ އަވަސް ކަމަށެވެ.

އިއާން ތޫފާނުގެ ބާރު ދަށްވާން ފަށާނީ ހުކުރު ދުވަހު ހެނދުނުން ފެށިގެން ކަމަށް ނެޝަނަލް ހަރިކޭން ސެންޓަރުން ބުނެފައިވެ އެވެ.