ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަދާފައިވާ އަގުބޮޑު އިމާރާތްތަކުގެ ތެރެއިން އެންމެ އަގު ބޮޑު އިމާރާތަކީ ކޮބައިބާއޭ ހިތަށް އަރާ މީހުން ވަރަށް ގިނަ އެވެ.
އަގު ބޮޑު އިމާރާތަކަށް ވެގެންދަނީ ތަނުގެ ސްޓްރަކްޗާ އާއި އިމާރާތެއް ހެދުމަށް ދިޔަ ހަރަދާއި މުވައްޒަފުންނަށް ކުރަން ޖެހުނު ހަރަދު އެއްކުރުމުން ކުރަން ޖެހޭ ޖުމްލަ ހަރަދަށް ބެލުމަށް ފަހު އެވެ.
އެފަދަ އިމާރާތްތަކުގައި ހަދާފައި ހުންނަ ކޮޓަރި ނުވަތަ އެޕާޓްމެންޓުތަކުގެ އަގަކީ އެ އިމާރާތެއް އަގުބޮޑު އިމާރާތުގެ ގޮތުގައި ބަލާ މިންގަނޑެއް ނޫނެވެ.
ތިރީގައި އެވަނީ މިފަހުގެ ތާރީހުތަކުގައި އިމާރާތްކޮށްފައިވާ އެންމެ އަގުބޮޑު 13 އިމާރާތެވެ.
- ބުރްޖު ޚަލީފާ
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔުއޭއީ)ގެ ވިޔަފާރީގެ ސިޓީ ދުބާއީގައި ހަދާފައިވާ ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ބުރްޖު ޚަލީފާ އިމާރާތްކުރީ 2010 ވަނަ އަހަރު އެވެ. 828 މީޓަރުގެ ދިގު މި އިމާރާތުގައި އެޕާޓްމެންޓުތަކާއި ޝޮޕިން މޯލް، އޮފީސްތަކެއް ހަދާފައިވާއިރު މި އިމާރާތް ހެދުމަށް 22 މިލިއަން ގަޑިއިރު މަސައްކަތް ކޮށްފައިވެ އެވެ.
1.5 ބިލިއަން އެމެރިކާ ޑޮލަރު ހަރަދުކޮށްގެން ހެދި މި އިމާރާތް ދުނިޔޭގެ އެންމެ އަގުބޮޑު 10 އިމާރާތުގެ ލިސްޓުގައި ނުހިމެނި 13 ވަނައަށް ވެއްޓުނީ އިމާރާތް ކުރި މަސައްކަތު މީހުންނަށް ކުރި ހޭދަ ކުޑަކަމުންނެވެ. އެއީ ޔޫއޭއީގައި ދަށް ފަންތީގެ މަސައްކަތް ކުރާ މީހުންނަށް ދޭ މުސާރަ ކުޑަކަމުން އެވަރުގެ އިމާރާތެއް ކުރަން ހޭދަވާނެ ކަމަށް އަންދާޒާ ކުރާ ވަރަށް ވުރެ ކުޑަ ހަރަދެއް މަސައްކަތު މީހުންނަށް ކުރަން ޖެހުމުންނެވެ.

- އެމިރޭޓްސް ޕެލަސް:
ލިސްޓުގެ 12 ވަނަވެސް ލިބެނީ ޔޫއޭއީއަށެވެ. ވެރިރަށް އަބޫ ދާބީގައި 2005 ވަނަ އަހަރު އިމާރާތްކޮށް ނިންމާލި އެމިރޭޓްސް ޕެލަސްއަށް ތިން ބިލިއަން އެމެރިކާ ޑޮލަރު ހަރަދުވެފައިވެ އެވެ. ފަސް ތަރީގެ އެ ހޮޓަލުގައި 302 ސޫޓްސް އާއި 92 ކޮޓަރި ހުރެ އެވެ. އަދި ޕްރައިވެޓް ބީޗު ތަކާއި މެރީނާގެ އިތުރުން ހެލިޕޭޑްޑެއްވެސް އޮވެ އެވެ.
ޔޫއޭއީގެ އެންމެ މަޝްހޫރު އަދި ދުނިޔޭގައިވެސް މަގުބޫލު ރެސްޓޯރެންޓުތަކާއި މާބްލް ސިޑި އަދި ހޮޓެލްގެ އެތެރޭގެ ޑިޒައިންގައި ކޮށްފައިވާ ބުރަ މަސައްކަތަކީ މި ހޮޓެލް ލިސްޓުގައި ހިމެނޭ ސަބަބެވެ.

- ލޮޓީ ވޯލްޑް ޓަވަރު:
ލޮޓީ ވޯލްޑް ޓަވަރަކީ ދުނިޔޭގެ ހަވަނައަށް އެންމެ އުސް އިމާރާތެވެ. ސައުތް ކޮރެއާގެ ވެރިރަށް ޝޯލްގައި އިމާރާތް ކޮށްފައިވާ މި ޓަވަރު އިމާރާތް ކުރަން 3.11 ބިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ. 123 ފަންގިފިލާ ހިމެނޭ މި އިމާރާތުގެ ހާއްސަ ކަންކަމުގެ ތެރޭގައި ޖިމްތަކާއި އޮފީސް އެޕާތްމެންޓުތަކާއި ދިރިއުޅޭ އެޕާޓްމެންޓުތައް ހުރުމުގެ އިތުރުން އެންމެ މަތިން ތިރި ބަލާލުމަށް ހަދާފައިވާ ބިއްލޫރި ޑެކް ހިމެނެ އެވެ.
މި ބިއްލޫރި ޑެކަށް ވަނީ އެންމެ ދިގު ބިއްލޫރި ޑެކުގެ ގޮތުގައި ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑުން ޖާގަ ލިބިފަ އެވެ.

- ވަން ވޯލްޑް ޓްރޭޑް ސެންޓަރު:
އެމެރިކާގެ ނިއުޔޯކް ސިޓީގައި ހަދާފައިވާ މި އިމާރާތް އެޅުމަށް 3.8 ބިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ. ފްރީޑަމް ޓަވަރުގެ ނަމުގައި މަޝްހޫރު އެ އިމާރާތް އަޅާފައިވަނީ ސެޕްޓެމްބަރު 11، 2001 ގައި ގޮއްވާލި ވޯލްޑް ޓްރޭޑް ސެންޓަރުގެ ސައިޓުގައި އެވެ.
މި އިމާރާތް ހާއްސަވާ ސަބަބުތަކުގެ ތެރޭގައި އެ ހާދިސާގައި މަރުވި މީހުންގެ ހަނދާނުގައި މެމޯރިއަލް މިއުޒިއަމްއެއް ހަދާފައިވުން ހިމެނެ އެވެ. އަދި އެ ސައިޓުގެ ތާރީހާއި އިމާރާތުގެ އެންމެ މަތިން މުޅި ނިއުޔޯކްގެ ހިތްގައިމު މަންޒަރު ފެނުން ހިމެނެ އެވެ.

- ޕެލަސް އޮފް ޕީޕަލް:
ރޮމޭނިއާގެ ވެރިރަށް ބުޗަރެސްޓްގައި އިމާރާތް ކޮށްފައިވާ މި ޕެލަސް އަކީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހެވެ. މި އިމާރާތަކީ ދުނިޔޭގައި މިހާތަނަށް އިމާރާތް ކުރި އެންމެ އަގުބޮޑު އެޑްމިނިސްޓްރޭޓިވް އޮފީހެވެ. 1997 ވަނަ އަހަރު މަސައްކަތް ނިންމި އެ އިމާރާތަށް 4 ބިލިއަން ޑޮލަރު ހަރަދުކޮށްފައިވެ އެވެ.
މި އިމާރާތުގެ ކަރަންޓާއި މެއިންޓަނަންސް އާއި ގުޅުން ހުރި ކަންކަމަށް އަހަރަކު 6 މިލިއަން ޑޮލަރު ހަރަދު ކުރެ އެވެ. 3.9 މިލިއަން އަކަ ފޫޓުގެ މި އިމާރާތުގެ ތަފާތު އަނެއް ކަމަކީ 70 ޕަސެންޓު ހުހަށް އޮތުމެވެ.

- ދި ކޮސްމޯޕޮލިޓަން:
އެމެރިކާގެ ސިޓީއެއް ކަމަށްވާ ލަސް ވޭގާސްގައި ހުންނަ މި އިމާރާތް ނިންމާލީ 4.1 ބިލިއަން ޑޮލަރު ހަރަދު ކޮށްގެންނެވެ. މި އިމާރާތް ހުޅުވީ 2010 ވަނަ އަހަރު އެވެ.
އެތަނުގެ ހާއްސަ ކަންކަމުގެ ތެރޭގައި ސްޕާ އާއި ތިއޭޓަރުތަކާއި، ތަފާތު ކުޅިވަރު ކުޅޭނެ ތަންތަން ހަދާފައިވުން ހިމެނޭއިރު 200 މިލިއަން ބިއްލޫރި ބީޑްސް ބޭނުން ކޮށްގެން ހަދާފައިވާ ޗާންދަލިއާ ބާ އަކީ އެންމެ ހާއްސަ އެއްކަމެވެ.

- ވީން ޕެލަސް:
ލިސްޓުގެ ހަތް ވަނަ ލިބެނީ ޗައިނާގެ ބާރުގެ ދަށުގައި އޮންނަ މަކާއޯގައި ހުންނަ ވީން ޕެލަސް އަށެވެ. 4.2 ބިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދާފައިވާ އިމާރާތް ހުޅުވާފައިވަނީ 2016 ވަނަ އަހަރު އެވެ. އެތަނުގައި 1،700 އަށްވުރެ ލަގްޒަރީ ސޫޓްސް ހުރެ އެވެ.
އެހެން ބޮޑެތި ހޮޓެލްތަކުގައި ލިބެން ހުންނަ ހުރިހާ ހިދުމަތެއް ލިބޭ ވީން ޕެލަސްގައި 650 ކޮޓަރި އިތުރު ކުރުމުގެ ޕްރޮޖެކްޓެއް މިހާރުވެސް ދަނީ ކުރިޔަށެވެ.

- ރިސޯޓް ވޯލްޑް ސެންޓޯސާ:
ސިންގަޕޫރުގެ މި ހޮޓާ ހުންނަނީ މަޝްހޫރު ޔުނިވާސަލް ސްޓޫޑިއޯ ސިންގަޕޫރު ތީމް ޕާކުގެ ސައިޓުގައި އެވެ. 4.9 ބިލިއަން ޑޮލަރުގެ އަބޮޑު މި އިމާރާތް ހުޅުވީ 2010 ވަނަ އަހަރު އެވެ.
އެ ރިސޯޓުގައި ހަ ހޮޓާ ހުންނަ އިރު 1،800 ކޮޓަރި ހުރެ އެވެ. އެ ރިސޯޓަކީ ދުނިޔޭގެ އެންމެ މުވައްޒަފުން ގިނަ ރިސޯޓެވެ. 15،000 މުވައްޒަފުން މަސައްކަތް ކުރާ މި ރިސޯޓަށް އަހަރަކު 18 މިލިއަން މީހުން ޒިޔާރަތް ކުރެ އެވެ.

- އެޕަލް ޕާކު:
ދުނިޔޭގެ އެންމެ އަގު ބޮޑު އިމާރާތުގެ ފަސް ވަނައިގައި ހިމެނޭ އެޕަލް ޕާކު ހުންނަނީ އެމެރިކާގެ ކެލިފޯނިއާގައި އެވެ. ވަށް ބުރެއްހެން ދަގަނޑާއި ބިއްލޫރިން ހަދާފައިވާ މި އިމާރާތުގެ އަގަކީ 5 ބިލިއަން ޑޮލަރެވެ. މި އިމާރާތުގައި ހަތް ކެފޭ އާއި 9،000 ގަސް އިންދާފައި ހުރެ އެވެ.
އެ އިމާރާތުގައި ހަދާފައިވާ ފާހަގަ ކުރެވޭ ތަންތަނުގެ ތެރޭގައި 1،000 މީހުންގެ ޖާގައިގެ ސްޓީވް ޖޮބްސް އޮޑިޓޯރިއަމް އާއި 10 ހާސް އަކަފޫޓުގެ ފިޓްނަސް ސެންޓަރެއް ހުރެ އެވެ. އަދި އެތަނުގައި 12،000 މުވައްޒަފުން މަސައްކަތް ކުރެ އެވެ.
އެޕަލް ޕާކުގެ މުޅި އިމާރާތަކީ އިޔާދަ ކުރުވަނިވި ހަކަތަ ބޭނުން ކުރާ ތަނެކެވެ.

- ސޯފީ ސްޓޭޑިއަމް:
މި ސްޓޭޑިއަމް ހަދާފައިވަނީ އެމެރިކާގެ ލޮސްއެންޖަލިސްގައި ހުންނަ ސްޕޯޓްސް އަދި އެންޓަތައިންމެންޓު ކޮމްޕްލެސް އެއް ހިމެނޭ ގޮތަށެވެ. މި ސްޓޭޑިއަމްގައި 70،000 ސަޕޯޓަރުންގެ ޖާގަ އޮންނަ އިރު 6،000 ޖާގައިގެ ޕާފޯމިން އާޓްސް ހޯލެއް ހަދާފައިވެ އެވެ.
މި ސްޓޭޑިއަމް ހަދާފައިވަނީ 5.5 ބިލިއަން ޑޮލަރު ހަރަދުކޮށްގެންނެވެ.

- މެރީނާ ބޭ ސޭންޑްސް:
ސިންގަޕޫރުގެ މެރީނާ ބޭ ސޭންޑްސް އިމާރާތް ކޮށްފައިވަނީ 5.7 ބިލިއަން ޑޮލަރަު ހަރަދުކޮށްގެންނެވެ. 15.5 ހެކްޓަރުގެ ބިމެއްގައި ހަދާފައިވާ މި ހޮޓަލުގައި ތިން ޓަވަރު ހިމެނެ އެވެ. އިތުރު 1،000 ކޮޓަރި ހިމެނޭ ހަތަރު ވަނަ ޓަވަރެއްގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އެ ޓަވަރުގެ މަސައްކަތް ނިންމަން ކަނޑައަޅާފައިވަނީ 2026 ވަނަ އަހަރަށެވެ.
މެރީނާ ބޭ ސޭންޑްސްގެ އެންމެ މަގުބޫލު ތަނަކީ 56 ވަނަ ފަންގިފިލާގައި ހަދާފައިވާ ސްކައި ޕާކް އޮބްޒަވޭޝަން ޑެކެވެ. އަދި އެންމެ މަތީ ފަންގިފިލާގައި ހަދާފައިވާ ބޮޑު ސްވިމިން ޕޫލްތަކެވެ.

- އަބްރަޖް އަލް ބައިތް ޓަވާރސް:
ސައުދީ އަރަބިއްޔާގެ މާތްވެގެންވާ މައްކާގައި އިމާރާތް ކޮށްފައިވާ މި އިމާރާތުގައި ހަތް ލަގްޒަރީ ހޮޓާ ހިމެނެ އެވެ. މި ޓަވަރުތައް އިމާރާތް ކޮށްފައިވަނީ 16 ބިލިއަން އެމެރިކާ ޑޮލަރު ހަރަދު ކޮށްގެންނެވެ.
ދުނިޔޭގެ އެންމެ ބޮޑު ގަޑި ހުންނަ އެ އިމާރާތުގައި މިސްކިތަކާއި އޮފީސް އަދި އެޕާޓްމެންޓުތައް ހުރެ އެވެ.

- މަސްޖިދުލް ހަރަމް:
ސައުދީ އަރަބިއްޔާގެ މާތްވެގެންވާ މައްކާގެ މަޖްސިދުލް ހަރަމަކީ ދުނިޔޭގެ އެންމެ އަގު ބޮޑު އިމާރާތެވެ. ހަރަމްފުޅުގެ ވަށައިގެންވާ ބޮޑު އިމާރާތްކުރުމަށް ސައުދީ ސަރުކާރުން 100 ބިލިއަން އެމެރިކާ ޑޮލަރު ހަރަދު ކޮށްފައިވެ އެވެ. ހަތް ވަނަ ގަރުނުގައި އިމާރާތް ކުރި ހަރަމްފުޅު މިހާތަނަށް ތިން ފަހަރެއްގެ މަތިން ބޮޑުކޮށްފައިވެ އެވެ.

ހަރަމްފުޅުގައި އެއްފަހަރާ 2.5 މިލިއަން މީހުންނަށް އަޅުކަން ކުރެވެ އެވެ. މިއީ ދުނިޔޭގައިވާ އެންމެ ބޮޑު މިސްކިތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!