ސިލްސިލާ ވާހަކަ: ހީވޭ ގާތުގައި ވާހެން ކަލާ (3)

Heevey gaathugai Vaahen kalaa

ކުރީ އަދަދާއި ގުޅޭ

"ތީ ކާކުބާ؟ އެއީ އަސްލުވެސް ހުވަފެނެއްތަ؟ އެކަމަކު ކީއްވެ ތަފާތު އިހްސާސެއް ކުރެވެނީ؟ ހުވަފެނެއް ނޫނޭ ހީވަނީ ކީއްވެ؟".

ތަސްވީރަށް ގެއްލިފައި ހުރެ ޝެލިންގެ ދުލުން ބޭރުވަމުން ދިޔައީ ހިތުގައި އުފެދިފައިވާ ސުވާލުތަކެވެ. އެ ސުވާލުތަކުގެ ޖަވާބު ނުލިބެނީސް އެ ހިތަށް ތަސައްލީއެއް ލިބެއް ނެތްކަން ޝެލިންއަށް އަށް އެނގެއެވެ. ހިތުގައި ބިންވަޅު ނެގިފައިވި އެ ސޫރައިން ޝެލިންގެ ހިތާއި ނަފްސަށް ކުރުވަމުން ދިޔައީ ބުނެދޭން ނޭނގޭ އިހްސާސެކެވެ.

ފަތިސްނަމާދުގެ ބަންގީގެ އަޑު އިވުނީ ވެސް ޝެލިން އެގޮތުގައި ވަނިކޮށްނެވެ. ކުރަން ހުރި މަސައްކަތް އޭނާ ހުއްޓާލީ ދެނެވެ. އޭރު ކުރިން ކުރެހި ތަސްވީރު ފޮތް ހަރުގަނޑުގައި ބަހައްޓާފައި ހުރި އިރު އީސެލްގައި އަޅުވާފައި ހުރީ އާ ކެންވަސްއެކެވެ. އޭގައި ކުރަހަން ފަށާފައި ހުރީ އެ ދުވަހުގެ އިރުއޮއްސުނު އިރު ފޮތުގައި ކުރެހި މަންޒަރެވެ. ކުރެހުން އެއްކޮށް ފުރިހަމަ ނުވެ ހުރި ކަމުގައި ވިޔަސް ޝެލިން އިތުރަށް ކުރެހުމުގެ ހިޔާލު ދޫކޮށްލިއެވެ. އޭޕްރޯން ހަށިގަނޑާ ވަކިކޮށްލުމަށްފަހު ކަނދުރާގައި އަތް އަޅުވާލިއެވެ. ސިކުނޑީގައި ހިނދުކޮޅަކަށް ނަމަވެސް ދައުރުވެލީ ވާރެޔާ އެކީ ގަނޑުގައިވާ ކުރެހުމަށް ވެރިވި ބަދަލެވެ. އެގޮތުގައި ހޭދަވީ މަދު ސިކުންތުކޮޅެކެވެ. ދެފަރާތަށް ބޯ ހޫރުވާލަމުން ޝެލިން އަވަސް ވެގަތީ ނަމާދު ކުރުމަށެވެ. ހިތަށް ފިނިކަމެއް ލިބޭނީ އޭރުންކަން އެނގޭތީއެވެ. ނަސީބަކުން ނަމާދުކޮށް ނިމުނު އިރު އެ ލޮލަށް ނިދި ސަވާރު ވެއްޖެއެވެ. އެނދުގައި ޖައްސާލި ގޮތަށް ފުން ނިންޖަކަށް ޝެލިން ގެނބުނީ އެހެންވެއެވެ.

ޝެލިންއަށް ދެން ހޭލެވުނީ ދޮރުގައި ޓަކި ޖަހާ އަޑަށެވެ. ރޭގައި މާ ލަހުން ނިދުމުގެ ސަބަބުން އަދިވެސް އެ ލޮލުގައިވީ ނިދީގެ އަސަރެވެ. ބޮލުގައި މަޑު ރިހުމެއް އުފެދިފައިވާ އިރު ކަނދުރާއިން ފެށިގެން ބުރަކަށީގައި ވެސް އެ ރިހުން ހަރުލާފައިވިއެވެ. ޝެލިން ދޮރު ހުޅުވާލީ ކުޑަކޮށްނެވެ. ބޭރުގައި ހުރި މީހަކު ކިރިޔާ ފެންނަ ވަރަށެވެ. ހުރިހާ ދަތްތަކެއް ފެންނަ ވަރަށް ހީލައިގެން ހުރި އަންހެންކުއްޖާ ފެނި ޝެލިންއަށް ތޫލި އަޑަކުން ހަޅެއްލަވައިގަނެވުނެވެ. އެ ލޮލުގައިވި ނިދީގެ އަސަރު ވެސް އެކީ އެކައްޗަކަށް ފިލައި ދިޔަ ކަހަލައެވެ. ކުރިއަށް ވުރެ ބޮޑަށް ދޮރު ހުޅުވާލަމުން ޝެލިން އެ އަންހެންކުއްޖާގެ ހަށިގަނޑުގައި އޮޅުލައިގަތެވެ.

"އައްޗި! ދުވާ ވަހެއް. ހަމަ މިހާރު ދޭ ފެންވަރަށް. ހޮޑު ދުއްވާލެވިދާނެ". ގަދަކަމުން ޝެލިން ގަޔާ ދުރުކޮށްލި ލިޔާނާ ބުނެލިއިރު އަނގަޔަށް ގޮތެއް ހަދާލައިފިއެވެ.

"ޔާނު.. މަޑު ކުރާތި އަހަރެން އަންނަންދެން. އޮންލީ ފައިވް މިނިޓްސް.". ދުވެފައި ގޮސް ޝެލިން ފާހާނާއަށް ވަތްތަން ފެނި ލިޔާނާއަށް ބޯ ހޫރުވާލެވުނެވެ. ލައިގެން ހުރި ތުނި ޖެކެޓުގެ އަރިމަތީ ޖީބަށް އަތް ޖަހާލަމުން އޭނާ އެތެރެއަށް ވަނެވެ. އަދި ސޯފާގައި އިށީނީ ޝެލިން ނުކުންނަން ދެނެވެ.

ލިޔާނާ އަކީ ކުޑަ އިރުއްސުރެ ވެސް ޝެލިންގެ އެންމެ ގާތް އެކުވެރިޔާއެވެ. ނޫރާގެ ހުރި ހަމައެކަނި ދަރިފުޅު ވެސް މެއެވެ. މައިރާއާ ނޫރާގެ އެކުވެރިކަމުގައި ގްރޭޑް ހަތަކާ ހަމައިން ލިޔާނާ މާލެ ފޮނުވުމަށްފަހު ބެހެއްޓީ މައިރާ މެން ގޭގައެވެ. މާ ކުރިން ވެސް ޝެލިންއާއި ލިޔާނާ ރައްޓެއްސެވެ. ރަށަށް ދެވޭ މަދުފަހަރުތަކުގައި، އަދި ނޫރާ މާލެ އަންނަ ދުވަސްވަރެއް ނަމަ ގިނަ ވަގުތު ހޭދަވެ ދަނީ އެ ދެކުދިން އެކީގައެވެ. އޭރު މިކްޔާލް ވެސް ރާއްޖޭގައި ނެތުމުން ޝެލިންއަށް ލިބިފައިވާ އެކަނިވެރިކަން ފިލައި ދިޔަ ސަބަބެއް ކަމުގައި ލިޔާނާ އައުން ވިއެވެ.

އެހެނަސް އޭ ލެވެލްއާ ހަމައަށް ކިޔެވުމަށްފަހު ލިބުނު ސްކޮލަރޝިޕްގެ ދަށުން ލިޔާނާ ވެސް ފުރައިގެން ދިޔައީއެވެ. އެއާއެކު އަނެއްކާ ވެސް ޝެލިންގެ ހުސްވަގުތުތައް ގިނަވެ އެކަނިވެރިކަން އިހްސާސް ކުރެވެން ފެށުނެވެ. ކުރެހުމުގެ ހުނަރަކީ ވެސް އެ ދުވަސްވަރު ދަސްވި ކަމެކެވެ.

"ހާދަ ސިއްރުންނޭ ދޯ ޔާނު ވެސް އުޅެނީ މިހާރު. ރޭގަ ނޫއްތަ އައިއްސަ ވެސް ނުބުނެއޭ ޔާނު އަންނަ ވާހަކައެއް". ފާހާނާއިން ނުކުތް ގޮތަށް ޝެލިންގެ ޝަކުވާތަށް އޮއްސާލިއެވެ.

"ބަލަ އަހަރެން މަންމަ ކައިރީ ބުނީމޭ ޝެލީ އަށް ނާންގަން. ސަޕްރައިޒް ދޭން އުޅޭއިރު ބުނޭތަ އެއްވެސް މީހަކު. ޝެލީ އެކަނި ބުނާނީ. އެހެންވީމަ ޝެލީއާ އެކީ ކަންކަން ޕްލޭން ކުރަން އުނދަގޫވަނީ. ތި ބޮޑު އަނގަ ހުޅުވިއްޖެ ނަމަ ހުއްޓާލާކަން އެނގެނީ ނޫން". ލިޔާނާ ބުނެލުމާއެކު ޝެލިން ތުންކޮޅު ދަމާލިއެވެ.

"ދެން ހެވޭ! ޔާނު އައީތީ އުފާ ވެއްޖެ. ގޭގަ ހުރެ ހުރެ ފޫހި ވެގެން ހަލާކު ވަނީ މިހާރު. މަންމަ ވެއްޖެ ވިއްޔާ ރަށަށް އަންނަން. އެހާ ވަރުން ބުނީމަ ވެސް ހިޔާލު ބަދަލު ކުރީ ނޫން. މިހާރު ހީވޭ ދެން އަންނަން އޮތް ދުވަސްތައް ރަނގަޅުވާނެހެން". ޝެލިން އައިސް ޖައްސާލީ އެނދުގައެވެ. އަދި އަތް ދަމާލައި ބާލީސް ކައިރީ އޮތް ފޯނު ނެގުމަށްފަހު ގަޑިން ވީ އިރެއް ބަލާލިއެވެ.

"އައްދެ، ޝެލީ ކޮން އިރަކު ބިޓެއް ނެގީ. ހޮޓު ސޮރެކޭ ދޯ. ކޮން ނަމެއް ކިޔަނީ". ސޯފާއިން ތެދުވެ ހިނގައިގަންނަމުން ލިޔާނާ އަހާލިއިރު އެ އަޑުގައި ލާނެތްކަމެއް އެކުލެވުނެވެ. އޭނާ ގޮސް ނެގީ ފޮތް ހަރުގަނޑުގައި ބަހައްޓާފައި ހުރި ކުރެހުމެވެ. ޝެލިން ކުރެހި ކެންވަސް އެ ލޮލުގައި އަޅައިގަތީއެވެ.

"ސާބަސް ޔާނު. އެވަރު ކަމެއް ކުރި ނަމަ އަހަރެން ފުރަތަމަ ވެސް ބުނާނެ މީހަކީ ތިޔެންނު. އެހެން ނޫނަސް ޔާނު އަށް ނޭނގި ކަމެއް ވާނެތަ ؟ ޝެލިން، ލިޔާނާގެ އަތުގައި އޮތް ކުރެހުން އަތުލިއެވެ. އަދި ކުރިން ވެސް ކުރެހުން ހުރި ތަނުގައި ބެހެއްޓިއެވެ.

"ދެން އެހެންވީރު ބުނެބަލަ؟ ޝެލީގެ ކްރަޝްތަ އެއީ؟ އެއްވެސް ސަބަބެއް ނެތިވެ ކާކު ފިރިހެން ކުއްޖެއްގެ ފޮޓޯ ކޮޓަރީގަ ބަހައްޓާނީ؟". ލިޔާނާ ހުރީ ގޮތް ދޫކުރާކަހަލަ ވިސްނުމެއްގައިހެން ހިޔެއް ނުވެއެވެ. އެ މޫނުން ފެންނާން ހުރީ އެފަދަ އަސަރުތަކެކެވެ.

"އޯހް ކަމޮން. އަހަރެން ދުވަހަކު ވެސް ޔާނުއަށް ދޮގެއް ހެދިންތަ؟ ނޫނެންނު! އެއީ ހަމަ ހިޔާލީ ކުރެހުމެއް. އެހެން ނޫނަސް އެހާ ރީތި މީހުން އުޅޭނަމަ އެންނު މީހަކު ފެނިގެން ކުރަހާނީ". ޝެލިން ބުނެލިއިރު އެ ތުންފަތަށް ވެރިވީ ފަނޑު ހިނިތުންވުމެކެވެ. ކުޑަ ނުތަވަސްކަމެއް އޭރު އެ ހިތުގައި ވިއެވެ. އެއްވެސް ހަގީގަތެއް ނެތްހެން ހީވާ ކަމެއްގެ މައްޗަށް ނަފްސު މާ ބޮޑަށް ދޫކުރެވޭހެން ހީވިއެވެ.

ދެ ކުދިން ވާހަކައިގާ ތިބެ ކޮޓަރިން ނުކުތެވެ. ސިޓިންގްރޫމުގައި އިން މައިރާއަށް ލިޔާނާ ފެނި ހަދިޔާ ކޮށްލީ ފުޅާ ހިނިތުންވުމެކެވެ. ސޯފާއިން ތެދުވެ އައިސް އެ ހަށިގަނޑުގައި ބައްދާލިއިރު ހާލު ކިހިނެތްތޯ އަހާލިއެވެ.

" ދޮންބެ އަދި ނުހޭލަނީތަ؟" ޝެލިން އަހާލިއެވެ. އެ ސުވާލާއެކު ލިޔާނާގެ ނަޒަރު ވެސް ކުޑަ ގޮތަކަށް ގޭތެރެއަށް ހިންގާލިއެވެ.

"އަންނާނަން ގޮވާލާފަ. މިހާރު މެންދުރަށް އެ ގޮވަނީ. ޝެލީ ވެސް މާ ލަހުން މިއަދު ތި ހޭލީ." މައިރާ ހިނގައިގަތީ މިކްޔާލްގެ ކޮޓަރިއާ ދިމާލަށެވެ. ދެތިން ފަހަރު ދޮރުގައި ޓަކި ޖަހާލުމާއެކު އެތެރެއިން މިކްޔާލްގެ ޖަވާބު ލިބުނެވެ. އެހެނަސް އޭނާ ދޮރުހުޅުވީ ފަސް ވަރަކަށް މިނިޓް ފަހުންނެވެ. އޭރު އެ މޫނުން ފާޅުވާން ހުރީ ތާޒާކަމެވެ. ދެންމެ ފެންވަރައިގެން ހުރިކަން އެނގެނީ އެ އިސްތަށިގަނޑުގައިވި ތެތްކަމުންނެވެ. ގޭތެރެ އެއްވަސް ވެގެން ދިޔަ "ޓޮމްފޯޑް ނޮޔަރ"ގެ މީރުވަހާއެކީ އެތަނަށް ވެރިވީ ހިތްގައިމުކަމެކެވެ. މިކްޔާލްގެ އަވަސް ނަޒަރު އަމާޒުވެލީ ޝެލިންއާ ޖެހިގެން ހުރި ލިޔާނާއަށެވެ. ސިއްރު ހިނިތުންވުމެއް އެ މޫނަށް ވެރިވި އިރު ލިޔާނާ ވެސް އިސްއުފުލާ މިކްޔާލްއަށް ބަލާލިއެވެ. ދެ ޒުވާނުންގެ ނަޒަރު ބައްދަލުވީހިނދު ހިނދު ލިޔާނާ ހަދިޔާކޮށްލީ ރީތި ހިނިތުންވުމެކެވެ.

މިކްޔާލްއާއި ލިޔާނާ ދިމާވެފައިވީ މަދު ފަހަރެއްގައި ނަމަވެސް އެ ދެމެދުގައި ބީރައްޓެހިކަމެއް ނެތެވެ. އެކަމަކު ދެމީހުންގެ ބަސް މަދެވެ. އެކަކު އަނެކަކާ ދައްކަން ޖެހެނީ ކޮންމެހެން ބުނެލަން ޖެހޭ ދެތިން ވާހަކައެކެވެ. ފެށުނީއްސުރެ ވެސް މިކްޔާލްގެ ހިތުގައިވީ އެ އަންހެންކުއްޖާއެވެ. ލިޔާނާގެ ހަރަކާތްތަކުން އޭނާ ވެސް މިކްޔާލްއާ ގަޔާވާހެން ހީވި ނަމަވެސް އެ ދެމެދުގައި ގުޅުމެއް އުފައްދަން ލިޔާނާއަށް ދައުވަތުދޭން މިކްޔާލްއަށް ފަސްޖެހެވެނީއެވެ. އެހެނަސް އެ ހިތުގެ ހާލު ބުނެދޭން ބޭނުމެވެ. ހަމަގައިމުވެސް ނޫރާ ނުހަނު ހިތްހަމަޖެހޭނޭ ޒުވާނަކަށް މިކްޔާލް ވާނެކަން ގައިމެވެ.
"ޔާނު ކައިގެންތަ ތި އައީ؟ ޝެލީ ވަރަށް ބަނޑުހައި". ލިޔާނާގެ ކޮނޑުގައި ބޯ އަޅާލަމުން ޝެލިން ބުނުމާއެކު މައިރާ ކުސް ތަޅާލިއެވެ. ބޮޑުވެފައި ހުރި އަންހެން ދަރިއެއް ނަމަވެސް އެ އުޅުމުގައި އެފަދަ ހަރުދަނާކަމެއް ނެތެވެ.

"ޝެލީއަށް ހީވޭތަ ނުކައި ހުރެވޭނެހެން. ގެއަށް އާދެވުނު އިރު މަންމަ ހުރީ ރެޑީގަ". ލިޔާނާ ބުންޏެވެ. އެކަމާ އެއްބަސްވުމުގެ މައިރާ ވެސް އެއްޗެކޭ ބުނެލިއިރު ޝެލިން ގޮސް ކާގެއަށް ވަދެއްޖެއެވެ. ލިޔާނާ އެނބުރި ދިޔައީ އިރުކޮޅެއް ފަހުންނެވެ. އެހެނަސް ހަމަޖެހިލައިގެން އެރޭގެ ވަގުތެއްގައި އަންނާނެ ކަމުގައި ބުނެފައެވެ.

ލިޔާނާ ދިޔުމާއެކު ޝެލިން އަނެއްކާ ވެސް ކޮޓަރިއަށް ވަނެވެ. އޭރު އަނެއްކާ ވެސް ކޮންމެވެސް ވަރަކަށް ވިއްސާރައިގެ ކުލަތައް އުދަރެހުން ދައްކާލައިފިއެވެ. ކުރަމުން ދިޔައީ ހުޅަނގު މޫސުމުގެ ވިއްސާރައެވެ. ޝެލިން އަވަސް ވެގަތީ ކުޑަ ދޮރު ރަނގަޅަށް ލެއްޕުމަށެވެ. ރޭގެ ހަނދާންތައް އެ ސިކުނޑީގައި ވުމާއެކުގައެވެ. ސޯފާ އެއްކޮށް ނުހިކުނު ކަމުގައި ވިޔަސް ބޮޑުބައި އޭރު ހިކިއްޖެއެވެ. ކުޑަ ދޮރާ ކައިރިއަށް ޖެހިލަމުން ޝެލިން ކުޑަކޮށް ބޭރަށް ބޯ ދިއްކޮށްލިއެވެ. ބޭނުމަކަށްވީ ރޭ ކުޑަ ދޮރުގައި ޖެހުނީ ކޯއްޗެއްތޯ ބެލުމެވެ. ދެލޯ ކުޑަ ކޮށްގެން އޮވެ ބަލަ ބަލާފައި އެންމެ ފަހުން ޝެލިން ކުޑަ ދޮރު ލައްޕާލިއެވެ. ދެން އަވަސް ހިނގުމެއްގައި ގޮސް ކޮޓަރިން ނުކުތެވެ.

ކުޑަ އިރުކޮޅެއްގެ ތެރޭގައި އޭނާ ހުރީ ކުޑަ ދޮރާ ދިމާލު ތިރީގައެވެ. ދުނިޔެ މައްޗަށް ވެރިވެފައިވާ އަނދިރި ކަމާއެކު އިރުއޮއްސެއް ކައިރިވެފައި ވާތީ އެ އަނދިރިކަން ފުންވެފައި ވިއެވެ. ކުޑަ ދޮރާ ދިމާލުން ތިރީ ފާރު ކައިރީ މައިރާ ބަހައްޓާފައި ހުރި ޕޮޓްތައް ކައިރިއަށް ޝެލިން ޖެހިލިއެވެ. އެ ދިމާލުގައި އެއްވެސް ތަފާތު އެއްޗެއް ފެންނަން ނެތުމުން އޭނާއަށް ފަރުވާކުޑަ ގޮތަކަށް ދެކޮނޑު އަރުވާލެވުނެވެ.

ފަސް އެނބުރި ހިނގައިގަންނަން އުޅެފައި ކުއްލިއަކަށް ޝެލިންގެ ފިޔަވަޅުތައް މަޑުވިއެވެ. ދެތިން ފޫޓު ދުރުގައި އޮތް އެތި ލޮލުގައި އަޅައިގަތުމާއެކު ތަފާތު ގޮތަކަށް ހިތް ތެޅިލިއެވެ. އެއަށް ބަލަން ހުރެވުނީ ގަބޫލުކުރަން އުނދަގޫވެފައެވެ. އެ ދިމާލުގައި ގޮސް ހުއްޓި ގުދުވުމަށްފަހު ޝެލިން އަތަށް ނެގީ ގެއްލިގެން ހޯދި ފަންސުރެވެ. އެވަގުތު ދާދި ގާތުގައި ހުރެ މީހަކު ގޮވާލިހެން ޝެލިންއަށް ހީވިއެވެ. ލިބުނު ސިހުމާއެކު އޭނާގެ އަތުން ދޫވެ ފަންސުރު ވިނަގަނޑު މައްޗަށް ވެއްޓުނެވެ. އެހިނދު ދެވަނަ ފަހަރަށް ވެސް އެ އަޑު ތަކުރާރު ވިއެވެ. ބަރު އަޑެކެވެ. ކުރަކި ގޮތެއް ހުރިކަން ޝެލިންއަށް ފާހަގަވި ހިނދު ގައިގެ ލޯލިތައް ކޮޅަށްޖެހުނެވެ. އޭނާއަށް ގޮވާލެވުނީ މިކްޔާލްގެ ނަމުންނެވެ. ފަހަރެއްގައި ގޭތެރެއިން މިކްޔާލް އޭނާއަށް ގޮވަނީ ކަމުގައި ވެސް ވެދާނެއޭ ޝެލިންގެ ހިތް ބުނެލިއެވެ.

އިރުކޮޅަކު މަޑުކޮށްގެން ހުރި ނަމަވެސް އިތުރަކަށް އެ އަޑު ނީވުނެވެ. ވަށައިގެންވި މާހައުލުން ނަޒަރު ވަކިކޮށްލުމަށްފަހު ވެއްޓުނު ފަންސުރު ނެގުމަށް ޝެލިން ގުދުވެލީ ދެނެވެ. އިންތިހާ ދަރަޖައިގެ ހައިރާންކަން އެ މޫނަށް ވެރިވެގެން ދިޔައީ އޭގެ ނިޝާނެއް ވެސް ފެންނަން ނެތުމުންނެވެ. ހިތުގައި އުފަންވި ބިރުވެރި ކަމާއެކު ޝެލިން ހިނގައިގަތެވެ. ކުރިއަށް އަޅާލެވުނު ފުރަތަމަ ފިޔަވަޅާއެކު އެ މީހަކު ޝެލިންއަށް ގޮވާލި އަޑު އިވުނެވެ. އެއާއެކު ފަހަތުން މީހަކު އަންނަ ކަމުގެ އިހްސާސް ޝެލިންއަށް ކުރެވެން ފެށުނެވެ. ފަސްއެނބުރި ނުބަލަން ހިތަށް އަރުވައިގެން ހުރި ނަމަވެސް ޝެލިންއަށް ބަލާލެވުނީ ސިއްރުންނެވެ. ލޮލުގެ ހިމަކޮޅުންނެވެ.

އޭރު ފަޒާގައިވި އަނދިރިކަން އިހުނަށްވުރެ ފުން ވެއްޖެއެވެ. ޖެހެމުން ދިޔަ ވައިރޯޅިއާއެކު ދުރުން ގަސްތައް ވެސް އެ ގަދަ ވަޔަށް ކެތްކުރަން ދަތިވެ ދެފަރާތަށް ހެލެމުން ދިޔަ ނަމަވެސް ޝެލިންގެ ވަށައިގެންވީ ގަސްތަކަށް އެ ކަމުގެ ހިލަމެއް ނުވާފަދައެވެ. ވެރިވެފައިވި މަރުފަދަ ހިމޭންކަމާއެކު ގަހެއްގެ ފަތެއް ވެސް ހެލިނުލައެވެ. ހިތުގައި އުފެދެމުން ދިޔަ ބިރުވެރިކަން އެއް ފަރާތް ކޮށްލުމަށްފަހު އަނެއްކާވެސް ޝެލިން ހިނގައިގަތީ ކުރިއަށެވެ. ކުރިއަށް އެޅުނީ ދެ ފިޔަވަޅެވެ. މީހަކު ފަހަތުގައި ހުރިކަން ޔަގީންވިފަދައެވެ. އިވިގެން ދިޔަ ލުއި ހުނުމުގެ އަޑާއެކު ޝެލިންއަށް އަތް މުށްކަވާލެވުނެވެ. ދޫކޮށްލި ފުން ނޭވަޔާއެކު ފަސްއެނބުރި ބަލާލެވުނީ ގަސްތަކާ ނުލައެވެ. އެހެނަސް ވަށައިގެން މީހެއްގެ ހިލަމެއް ނެތެވެ. ކުރިއެކޭ އެއް ފަދައެވެ. އިތުރަށް ފަސްއެނބުރި ނުބަލާނެ ކަމުގައި ނަފްސަށްވި ވައުދާއެކު ޝެލިން ހިނގައިގަތެވެ. އެހެނަސް އެގޮތުގައި ހުރެވުނީ އިރުކޮޅަކަށެވެ. ކުރިން ވެސް ކުރެވުނު ހީގެ މައްޗަށް ބުރަވެ ތިން ވަނަ ފަހަރު ވެސް ފަސް އެނބުރި ބަލާލެވުނީއެވެ.

އެވަގުތު ޖެހިލި ފިނި ވައި ރޯޅިއާއެކު އެ ފަން އިސްތަށިގަނޑުން ބައެއް މޫނު ބައެއް މޫނު މައްޗަށް އެޅުނެވެ. ކަނދުރާއަށް އެޅިގެން ދިޔަ ހޫނު ނޭވާއާއެކު ޝެލިންގެ ނޭވާ އެތެރެހަށީގައި ތާށިވި ފަދައެވެ. ފަޔަށް ލެވުނުހާ ބާރަކާއެކު ދުވެފައި ގޮސް ގެއަށް ވަތް އިރު އެ މޫނުން ދާތިކިތައް ވިދާ ބަބުޅަމުން ދިޔައެވެ.

"މަންމާ؟ ދޮންބޭ؟". ޝެލިންއަށް ގޮވާލެވުނީ ތަންކޮޅެއް ބާރަށެވެ. ކަނދުރާއަށް އެޅުނު ހޫނު ނޭވާގެ ސަބަބުން އެތަނުން ފާޑެއްގެ ތޫނު ދިލައެއް ނަގާކަމުގެ އިހްސާސް އޭނާއަށް ކުރެވުނެވެ.

"ކިހިނެތްވީ ޝެލީ؟ ދޮންބެ ނެތް ގެއަކު. އަދި ކުޅެ ނިންމާފަ ނާދޭ". ކޮޓަރީގެ ދޮރު ހުޅުވާލަމުން މައިރާ ބުނެލިއެވެ. ވަކި އެއްޗެކޭ ނުބުނެ ޝެލިން ބޯ ޖަހާލިއެވެ. އަލަމާރިން ނެގި ފިނި ފެންފުޅިއާއި އައިސްޕެކް ހިފައިގެން އޭނާ އެރީ މައްޗަށެވެ.

ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު ފުރަތަމަ ވެސް ފާހަނގަ ކުރެވުނީ ކޮޓަރީގައި ހިފާފައި ހުރި ވަހެވެ. ނޭފަތުގައި އަތް އަޅާލެވުމާއެކު ޝެލިން އުޅުނީ ކުޑަދޮރު ހުޅުވުމަށެވެ. އެހެނަސް އެ ބުމަ ކައިރިވެގެން ދިޔައީ ހުޅުވިފައިވާ ކުޑަ ދޮރު ފެނުމުންނެވެ.

"މި ދެން ކިހާ ދެރަ ކަމެއް. ޔަގީނުން ވެސް ދޮރު ތަންޑު އެޅުވިން". ކުދި ކިޔާލަމުން ޝެލިން ދޮރު ކައިރިއަށް ޖެހިލިއެވެ. ފައިދަށު އެއްޗެއް ލެވުނުހެން ހީވެ ބަލާލިއިރު ތިރިއަށް ވެއްޓިފައި އޮތް ތަންޑު ފެނުމުން އެ ނަގައި ބޯ ހޫރާލެވުނެވެ. ބޭރުގައި އުފެދިފައިވާ ތޫފާނުގެ އަސަރު ކޮޓަރިއަށް ވެސް ކުރީ ކަންނޭނގެއެވެ. ބޭރު ނުފެންނާނޭހެން ދޮރު ފޮތިތަށް ދަމާލުމަށްފަހު ޝެލިން ކޮޓަރިއަށް ސްޕްރޭ ކޮށްލިއެވެ. ކޮންމެވެސް ވަރަކަށް ކޮޓަރީގައި ހަރުލާފައިވާ ވަސް މަޑުވި ނަމަވެސް އެއްކޮށް ފިލައި ނުދިޔައެވެ.

"ވިއަރޑް ޑޭ". ހިޔާލަކަށް ގެއްލި ހުރެ ޝެލިންއަށް ބުނެލެވުނެވެ. ހަމަ ގައިމުވެސް ހިނގައިދިޔައީ އާދައިގެ ކަމެއް ނޫނެވެ. އެކަން އޭނާއަށް އެނގެއެވެ. އޭރު ކަނދުރާއިން ހިރުވަން ފަށައިފިއެވެ. ދެތިން ފަހަރު އައިސްޕެކް ޖައްސާލި ނަމަވެސް ޝެލިންއަށް ވަމުންދިޔަ އުނދަގޫތަކަށް ލުއިކަމެއް ނުލިބުނެވެ.

ގަޑިން ނުވަގަޑި ބައިވާން ކައިރިވެފައި ވަނިކޮށް ލިޔާނާ އަތުވެއްޖެއެވެ. އޭނާ ގެނައި ދަބަހުން ނެގި ކުދި ކާނާ ޕެކެޓުތައް ދެކުދިން ވެގެން އެނދުމަތީ އަތުރާލީ ކުޑަ ކާޕެޓެއް ބާއްވާފައެވެ. ލިޔާނާ އަންނަންވާއިރަށް ޝެލިން ހުރީ މިކްޔާލް ގާތު ބުނެގެން ޕްރޮޖެކްޓަރު ހޯދާފައެވެ.

"ކޮން ފިލްމެއް އަޅުވަންވީ؟ ބިރުވެރި އެއްޗެއް ބެލީމަ މަޖާވާނީ". ނުހަނު ފޯރީގައި އިނދެ ލިޔާނާ ބުނެލިއެވެ.

"ތިހެން ބުނާ އިރު ވެސް އެނގެއެންނު ބިރުވެރި އެއްޗެއް ނޫނީ އަހަރެން ނުބަލާނެކަން. ޔާނުއަށް ތި ހުރިހާ އެއްޗެއް ކިޔާފަ ވެސް ނުބެލޭނީ. ޝެލީ ހަނދާން އެބަހުއްޓޭ އެއްފަހަރު ކޮންޖުއަރިންގް ބަލާފަ ޔާނު ނުނިދާ އުޅުނު ރޭ". ޝެލިން ހަނދާން ކޮށްލީ މާޒީން ދުވަހެކެވެ. އެރޭ ފިލްމު އެޅުވީ ވެސް ލިޔާނާގެ އެދުމުގެ މަތިންނެވެ. ނަމަވެސް ބިރުން އުޅުނީ ވެސް އޭނައެވެ. ދެ ދުވަސް ވަންދެން އެކަނި ފާހާނައަށް ދާން ވެސް ނުކެރިގެން އުޅުނު ހަނދާން އާކޮށް އިރުކޮޅަކު ދެޒުވާނުންނަށް ހެވުނެވެ.

"އެއީ ކުރިން. މިހާރު ކެރޭނެ. ހިނގާ ތުރުކީ އެއްޗެއް ބަލަމާ. ވަރަށް ބިރުވެރި ވާނެ". ލެޕްޓޮޕުން ލިޔާނާ ހުޅުވާލީ "ޓާކިޝް މޫވީޒް" ޖަހާފައި އިން ފޯލްޑާ އެވެ.

އިރުއޮއްސުނު ވަގުތު ހިނގައިދިޔަ ހާދިސާ ލިޔާނާއާ ހިއްސާ ކުރުމަށް އެވަގުތު ޝެލިންގެ ހިތް އެދުނެވެ. ސިކުނޑީ ތެރޭ ހުރިހާ ކަމެއް ފުނި ޖަހާފައި ބެހެއްޓުމުގެ ބަދަލުގައި އެންމެ ގާތް އެކުވެރިޔާއާ ހިއްސާ ކުރުމުން ނަފްސަށް ވެސް ހިތްހަމަޖެހުމެއް ލިބޭނޭކަމުގައި ހީވިއެވެ.

"ޔާނުއަށް އެނގޭތަ، މިއަދަކީ ވަރަށް އެހެންކަހަލަ ދުވަހެއް. އައި ތިންކް އައިމް ޕޮސެސްޑް. ނޫނީ މި ގެއަކީ ހޯންޓެޑް ތަނެއް ކަންނޭނގެ". ލިޔާނާގެ ކަންފަތްބުޑުގައި މަޑުމަޑުން ޝެލިން ބުނެލުމާއެކު އޭނާ ބަލާލީ ފާޑަކަށެވެ. ދެލޯ ބޮޑުކޮށްގެން ހުރި ގޮތުން ހިސާބަކަށް ލިޔާނާ ޖެހިލުންވީކަން ޝެލިން ދެނެގަތެވެ. ލާނެތް ހިނިތުންވުމެއް ތުންފަތަށް ވެރިވުމާއެކު ޝެލިން ލިޔާނާއަށް ބަލާލީ ތަފާތު ގޮތަކަށެވެ.

"ސްޓޮޕް އިޓް ޝެލީ. މަޖަލެއް ނޫނޭ އިނގޭ. ބުނެބަލަ ކިހިނެތްތަވީ؟". ބިރުގެންފައި އިނަސް ޝެލިންގެ ކޮނޑުގައި ހިފައި ތަޅުވައިގަންނަމުން ލިޔާނާ އަހާލިއެވެ. ނަމަވެސް ޝެލިންއަށް ބަދަލެއް ނައެވެ. އެއް ދިމާލަކަށް ކަޅި ހުއްޓައިގެން އިން އިރު އެ ނަޒަރު އަމާޒުވެފައިވީ ލިޔާނާއަށް ނޫންކަން ގައިމެވެ. އެ ދޮން މޫނުގެ ރަތްކަން ކެނޑި މަޑު މަޑުން ހުދުވަމުން ދިޔަކަން ލިޔާނާއަށް ފާހަގަވުމާއެކު އޭނާއަށް ބިރުވެރިކަން އިހްސާސް ކުރެވުނެވެ. ޝެލިންގެ ނަމުން ދެތިން ފަހަރު ގޮވާލަމުން ކޮނޑުގައި ހިފާ އިހުނަށްވުރެ ބާރަށް ތަޅުވައިގަތް އިރު ރޮވިއްޖެއެވެ.

** ނުނިމޭ **
(ކޮންމެ އަންގާރަ އަދި ހުކުރު ދުވަހެއްގެ ރޭ 9:00 ގައި)

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ވަރަށް ވަރަށް ކުރީން ސަން އޮންލައިންގަ ގެނެސް ދިން އައިޝާގެ ކޮޓެޖް ވާހަކައާއި ވީނިއުސްގަ ގެނެސްދިން މީކާއިލްއާއި ހީވޭ ކަލާ ވާހެން ވާހަކައިގެ ބައިތައް މާސާ ކިޔާފަ ލިޔުނު ވާހަކައެއްމީ. ހިޔާލީ ސިފަކުރުންތައް އުފައްދާއިރު އެހެން ލިޔުންތެރީންގެ އުފައްދާފައިވާ ހިޔާލީ ސިފަކުރުންތައް ބޭނުންކުރުން ސަޅިއެއްނޫން.

    24
    18
  2. ބަދަލު ކުރަންވީ އެެއްޗަކީ ތިފަދަ ވިސްނުމެވެ. ލިޔާ ކޮންމެ ލިޔުމަކީ ކޮޮޕީއެއް ނޫނެވެ. އަދި ކިއެއް؟ ބިރުވެރި ކޮންމެ ވާހަކައަކީ ތި ބުނާ ވާހަކަތައް ކިޔާފަ މީހުން ލިޔާ ވާހަކަ ހެއްޔެވެ؟ އިންސާނުންނާ ޖިންނީންގެ ލޯބީގެ ވާހަކަތަކަކީ ތުންތުންމަތިން އަބަދުވެސް އިވޭ ވާހަކަތަކެވެ. މި ވާހަކައިގެ އަދި ކިޔާލަން މި ލިބުނީ ތިން އެޕިސޯޑެވެ. ތިހާ އަވަހަށް ގޮތް ނިންމާލުމުގެ ކުރިން ވާހަކައިގެ ކުރިއަށް ހުރި ބައިތަކަށް އިންތިޒާރު ކޮށްލުން ކިހިނެތް ވާނެ ހެއްޔެވެ؟

    17
    21
  3. ނަދީމް ހުރިން ދޯ އޭނަ އެވާހަަކަތައް ކިޔާފަ މި ވާހަކަ ލިޔުނު އިރު ކައިރީގަ؟ ކޮމެންޓު ކިޔާލީމަ ހީވީ އެހެން. ހެހެ. މި ވާހަކަ އަދި ވަރަށް ފުރިހަމަ. ހުކުރު ދުވަހުގެ އިންތިޒާރުގަ މިހާރު މި ހުރެވެނީ

    16
    12
  4. ވާހައެއް ނުނިމުނަސް ވާހަކައިގެ ބައެއްގައި އެހެން ވާހަކައަކުން ނަގާފައިވާ ތަންކޮޅެއް ހިމެނުމަކީ ކޮޕީ. ވާހަކަ ނިމޭއިރު އެކަހަލަ ކިތައް ތަންކޮޅު ހިމަނާފައި އޮންނާނެ. ފުރަތަމަ ފެށުން ރަނގަޅުވެގެން ދޯ ނިމުން ރަނގަޅުވާނީ. މީ ވަކިން ދެރަ ކަންކަން ނޫންތަ. ލިޔުންތެރީން ކުރާ މިފަދަ ކުށުގެ ވާހަކަދެއްކީމަ މިވަނީ ޒާތީވުމަށް. އިންތިހާއަށް ދެރަކަމެއް. ލިޔުންތެރިޔާއަށް ހެޔޮ ވިސްނުން ދެއްވާށެ!

    21
    15
  5. ނައު ތިބުނީ ތެދެއް. މީ ކުށްކުރާ މީހުންނަށް އަދަބު ލިބޭ ޒަމާނެއްނޫން. އެވާހަކަދައްކާ މީހާ ނުބައިވާނީ

    12
    1
  6. ދުނިޔޭގައި އެންމެންގެ ހިތް ރުއްސައިގެން ނޫޅެވޭނެ. ބައެއް ކިޔުންތެރިކަންނަކީ ލިޔުންތެރިޔާއަށްވުރެ މޮޅު ބައެއް. އެމީހުންނަކީ ވަކި ކޮޅަކަށް ހުސްވެފަ ތިބޭ ބައެއް ގިނަ ފަހަރަށް. އެމީހުން ކުރާ ކަމަކީ އަބަދު ވެސް އަލަށް ފަށާ ކުއްޖެއްގެ ވާހަކައަކަށް މިފަދައިން ހަޖޫ ޖެހުން. ހަގީގަތް ބެލުމަކީ އެފަދަ މީހުންނަށް ނެތް ކަމެއް. އެންމެ ރަނގަޅު ގޮތަކީ އެކަހަލަ ދެކޮޅު ނުޖެހޭ ވާހަކަ ދައްކާ މީހުންގެ ވާހަކަތަކަށް އަޅާނުލާ ދޫކޮށްލުން. ކޮޕީ ނޫން ވާހަކަ އެއް މިހާރު ލިޔާ ކަމަކަށް ނުވޭ. ހަގީގަތަކީ ވެސް އެއީ. ކޮންމެ މީހަކު ވެސް ވާހަކަ ލިޔާނީ ފެންނަ މަންޒަރުތަކާއި، އިވޭ އަޑުތަކާއި، ކިޔާ ލިޔުންތަކާއި މި ނޫން ވެސް ގިނަ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް. އެއަކީ ކޮޕީ އަށް ވެފަ އޮންނަނީ. ރާއްޖެ މިހާރު މި އޮތް ހާލަތުގައި މޮޅު ވާނީ ބާރު އޮންނަ މީހާ. ދެރަ ނިކަމެތި ވާނީ މި ފަދަ މީހުން. ލިޔުންތެރިޔާއަށް އަމިއްލަ ނަފްސަށް އިތުބާރު އޮތިއްޔާ ވާހަކަ ކުރިއަށް ގެންދޭ. ވާހަކަ ކަމުދޭ. ކޮންމެ ކަމަކަށް ވެސް ފާޑު ކިޔާ މީހުން އުޅޭނެ. އަޅާނުލާ.

    1
    11
  7. Huriha kankamakeeves dhera kankan.. Ekan hama heevaa kahala hajam nuvegen ulhey meehekey mee.. Hama eynage komme vaahaka eh dhashun thihen comment kuran.. Kiyaane ehen ehcheh neygeynama vaahaka thah nukeema nimunynu..

    1
    9
  8. Exactly. Mi hurihaa haasaruthakeh dhaman jehey. Ekam vaahaka nukiyaaves mi meehunnah nuthibevey. Eyna ge vaahakathah ehaa kamunudhanyaa nukeema veenu hama. Kamudhaathy thaa hihhama nujehunas part eh upload kuraairah thi kiyany. Mi meehunah heevaa kahala vaahaka liyan jeheny eh bayekey abadhuves. Alah dhaairah nukunna kuhjakah furusatheh noavey mikahala myhunge sababun. Aan ehnya. Vaahaka eh liyelaairah copy akah vefa. Bala mi raajjeyga hingany enme case ehtha eki kankamuge. There are so many cases in real life too. Roohaany kanthakugeves. Heenukaa kankan hurey ekam hama baeh cases thakuga nulaahiku ehgoi kankan hurey. Dhen ekankanves e hingany copy kohfaeytha thibunany. Ajaibeh. Ekahala case akaa gulhuvaafaves liyeven noavey as per some people. Ehgoi hunnan vaany enme haadhisaa eh. Funny as that. Please hajam. And if you can’t then please don’t read it and let us read it peacefully

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *