"ސާބަސް ޔާނު. އަދިވެސް ބުނާނެ ބިރުވެރި ފިލްމު ބަލާނަމޭ. އެކްޓެއް ކޮށްލީމަ ވާ ވަރު މި ފެނުނީ". ކުއްލިއަކަށް އެސްފިޔަ ޖަހާލުމާއެކު ޝެލިން ހޭން ފަށައިފިއެވެ. ލިޔާނާއަށް އިނދެވުނީ ބުނާނޭ އެއްޗެއް ނޭނގިފައެވެ. ޝެލިން ކުރީ އެކްޓެއް ކަމާމެދު އޭނާއަށް ޝައްކެވެ. އެއީ އެހާ ސީރިޔަސް އަންހެންކުއްޖެއް ނޫނެވެ. ދޮގެއް ހަދާނަމަ އެ މޫނުން ލާނެތް ހިނިތުންވުމެއް ފާޅުވާނެއެވެ. އަމުދުން ލިޔާނާ ކުރިމަތީ އިންދާ އެފަދަ ކަމެއް ކުރުން އެއީ ޝެލިންއަށް ނުވާނޭ ކަމެއްކަން އޭނާއަށް ޔަގީނެވެ.
" ދޮގު. ހުސް ދޮގު. ދެންމެ ކުރީ އެކްޓެއް ކަމަށް އަހަރެން ގަބޫލެއް ނުކުރާނަން. އައި ނޯ ޔޫ ޝެލީ" ލިޔާނާ ބުނެލިއިރު އެ އަޑުގައިވީ ހިތްހަމަނުޖެހުމެވެ. ޝެލިން ކުރި ސަމާސާ އޭނާއަށް ކަމުނުދިޔައީއެވެ.
" އޯހް ކަމޯން ޔާނު. އަސްލު ވެސް އެއީ އެކްޓެއް. ހިނގާ މި ފިލްމު ބަލަން. ދޮންބެ ބުނި މީތި ވަރަށް ސަޅި ވާނެއޭ". ޝެލިން އިނގިލި ޖެއްސި ފިލްމަށް ލިޔާނާ ބަލާލިއެވެ. އެނދުން ތެދުވެ އޭނާ ލެޕްޓޮޕާއި ޕްރޮޖެކްޓަރު ކަނެކްޓް ކުރި އިރު ޝެލިން އޮތީ އެނދުގައެވެ.
" މަޑުކޮށްބަލަ. ކޮން ވާހަކައެއް ޝެލީ ބުނަން އުޅުނީ؟". ލިޔާނާ އަހާލިއެވެ. ޝެލިންގެ ފަރާތުން ޖަވާބެއް ނުލިބިގެން ބަލާލިއިރު އޭނާ އެ އޮތްގޮތަށް އެނދުގައި އޮތެވެ. ހީވާ ގޮތުން ލިޔާނާ ބުނި އެއްޗެއްގެ އަޑު ނީވުނީއެވެ.
"ޔާނު މިރޭ ކިހިނެތް ތި އުޅެނީ؟ ޝެލީ ނޫޅެން ވާހަކައެއް ބުނާކަށް. ފިލްމު ބަލަން ހިނގާބަލަ. އިރުކޮޅަކުން ދޮންބެ އަންނާނެ. މިރޭ ބުނި ކޮންމެވެސް ރައްޓެއްސެއް ގެންނަ ވާހަކަ. ޕީއެސް ކުޅެންށޯ. އެހާ އިރަށް ވާނެ މި ބަލާ ނިންމަން". ޝެލިންގެ ހިޔާލު ބަދަލުވީ ކީއްވެކަމެއް ނޭނގުނެވެ. ހަގީގަތުގައި ވެސް ލިޔާނާ ދެއްކި ވާހަކައެއް އޭނާއަށް ނޭނގުނެވެ. އެފަދަ ވާހަކައެއް އެ ދެމެދު ދެކެވުނު ކަމުގައި ޝެލިން އެއްބަސް ނުވުމުން ލިޔާނާ ވެސް އެވާހަދަ ދޫކޮށްލީއެވެ.
ފިލްމު އެޅުވުމަށްފަހު ޝެލިންގެ އެދުމުގެ މަތިން ކޮޓަރި އެއްކޮށް އަނދިރިކޮށްލީ ލިޔާނާއެވެ. ދެކުދިން އެނދުގެ ހެޑްބޯޑުގައި ލެނގިލައިގެން ތިބިއިރު އަތުގައި އޮތް ޗިޕްސް ޕެކެޓުން ކަމުންދިޔައެވެ. އިރުއިރުކޮޅާ ފެނިލާ މަންޒަރުތަކުން ބިރުން ފިތަކަނޑައިގެން ދާ ވަރުވިޔަސް ލިޔާނާ އިނީ ކެތްކޮށްލައިގެންނެވެ. އޭނާއާ ހިލާފަށް ޝެލިންއަށް ގޮތެއްވާހެން ވެސް ހިއެއް ނުވެއެވެ. އެ ނަޒަރު ހިނދުކޮޅަކަށް ވެސް ސްކީރާނާ ވައްކެތް ނުވިއެވެ.
"ލީން". މަޑު ވައިރޯޅިއަކާ އެކު ޝެލިންއަށް ދުރުން މީހަކު އޭނާއަށް ގޮވާލިހެން ހީވިއެވެ. ކުޑަކޮށް ސިހުނު ނަމަވެސް އޭނާ ހަށިގަނޑު ސީދާކޮށްލަމުން ހަމަޖެހިލިއެވެ. އިރުއޮއްސުނު ވަގުތު އިވުނު އަޑާ ވައްތަރުގޮތެއް ހުރިހެން ހީވިއެވެ. ހަމަ އެއާއެކު ހަށިގަނޑަށް ފިނިކަމެއްގެ އިހްސާސް ކުރެވުމާއެކު ޝެލިންއަށް މޭގައި އަތް ހުރަސްކޮށްލެވުނެވެ. އެ އަޑު ދެވަނަ ފަހަރަށް ވެސް އިވިދާނޭ ކަމުގެ އުންމީދާއެކު ޝެލިން އިނީ ނުހަނު ފަރުވާތެރިވެގެންނެވެ. ނަމަވެސް އޭނާގެ އެ އުންމީދު ފުރިހަމައެއް ނުވިއެވެ. ފިލްމު ނިމިގެން ދިޔައީ ވެސް އެގޮތުގައި ޝެލިން ވަނިކޮށްނެވެ. މާ ބޮޑަށް އެކަމާ ވިސްނޭތީ ވާ ގޮތެއް ކަމުގައި އެންމެ ފަހުން ޝެލިން ނިންމިއެވެ.
"ޝެލީ. ދޭބަލަ ދޮރު ހުޅުވަން. މިކް އައީ ކަންނޭނގެ". ދޮރުގައި ޓަކި ޖަހާލި އަޑު އިވުމާއެކު ލިޔާނާ ބުނެލިއެވެ. ޝެލިންއަށް ވެސް އެ އަޑު އިވުނެވެ. އެހެނަސް އިވޭހާ އަޑަކަށް އިތުބާރު ކުރަން އޭނާއަށް ފަސޭހަ ނުވީއެވެ. އެއީ ވެސް ހީވި ހީވުމެއް ކަމުގައި ޝެލިން ނިންމައިގެން އޮތީއެވެ. އެހެނަސް ދެވަނަ ފަހަރަށް ވެސް ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ.
"ދޮންބެ؟" ޝެލިން ދޮރު ހުޅުވި އިރު ކުރިމަތީގައި ހުރި މިކްޔާލް ފެނުމުން ގޮވާލިއެވެ. މިކްޔާލް އެ އައީ ޕްރޮޖެކްޓަރު ބަލައިކަން ޝެލިންއަށް ވިސްނުނެވެ. އެހެންކަމުން އަވަސް އަވަހަށް އެތެރެއަށް ވަނުމަށްފަހު އައީ ޕްރޮޖެކްޓަރު ހިފައިގެންނެވެ.
"ދޮންބެ. އިހަށް ދޭބަ ޔާނު ގެއަށް ލައިދޭން. ޝެލީއަށް ހީވަނީ ވިއްސާރަކޮށްހެން އުޅެނީ. މިގަޑީ ޔާނު އެކަނި ފޮނުވާކަށް ބޭނުމެއް ނޫން". ޝެލިން ބުނެލުމާއެކު މިކްޔާލްގެ ނަޒަރު އަމާޒުވީ އެނދުގައި ދެފައި ވަށްކޮށްގެން އިން ލިޔާނާއަށެވެ. އޭރު ލިޔާނާގެ ނަޒަރު ވެސް ވީ މިކްޔާލްއާ އަމާޒުވެފައެވެ. ރަކި ހިނިތުންވުމެއް ވެރިވެގެން ދިޔުމާއެކު އިސްޖަހާލީ ލިޔާނާއެވެ.
ރެޑީ ވެގެން ލިޔާނާ ތިރިއަށް އައުމަށް ބުނެ މިކްޔާލް ދިޔައީއެވެ. ފަސް ވަރަކަށް މިނިޓް ފަހުން ލިޔާނާ ތިރިއަށް ފޭބިއިރު އޭނާގެ ފަހަތުން ޝެލިންވެސް އައެވެ. ސިޓިންގްރޫމަށް ނުކުތުމާއެކު ޝެލިންގެ ނޭފަތުގައި ޖެހުނު ވަހާއެކު އެ ނަފްސަށް ވެރިވީ ހިމޭންކަމެކެވެ. ފަސްއެނބުރި ބަލާލެވުމާއެކު މަޑު ވައިރޯޅިއެއް ޖެހިލި ކަމުގެ އިހްސާސް ކުރެވުނެވެ. ކަނދުރާއިން ހިރުވާތަނުގައި މަޑު ރިހުމެއް އުފެދުނު އިރު ހަށިގަނޑު އިހުނަށްވުރެ ފިނިވާން ފެށިއެވެ.
މިކްޔާލްއަށް ގޮވާލަން އުޅުނު ވަގުތު ޝެލިންގެ ލޮލުގައި އަޅައިގަތީ ސޯފާގައި އިށީނދެ އިން ޒުވާނާއެވެ. އޭރު އެ ޒުވާނާގެ ތޫނު ބެލުން ވެސް ހުއްޓިފައިވީ ޝެލިންއަށެވެ. އެ ނަޒަރުން އުނދަގޫވީ ކީއްވެކަމެއް ނޭނގުނެވެ. ހިތަށް ވެރިވި ނުތަނަވަސްކަމާއެކު ޝެލިންއަށް އިސްޖަހާލެވުނެވެ. އެ ޒުވާނާގެ ބެލުން ޝެލިންއަށް ކަމަކު ނުދިޔައެވެ. ހިތުގައި އުފެދުނީ ނޭނގޭ ބިރެކެވެ. އޭނާއަށް ކުރުވަމުން ދިޔައީ ބުނެދޭން ނޭނގޭ އިހްސާސެކެވެ.
"ޔާނު. ގެއަށް ދެވުނީމަ ހަބަރެއް ވައްޗޭ". ގޭގެ ދޮރުކައިރީ ހުރެ ޝެލިން ބުނެލިއެވެ. އޭނާ މިކްޔާލްއަށް އިތުބާރު ކުރެއެވެ. އެހެނަސް އެހެން ބުނެވުނީ ކީއްވެކަމެއް ނޭނގުނެވެ. ގޭގައި އިން ޒުވާނާ ފެނުނީއްސުރެ ސިކުނޑިން ދެމުން ދިޔަ ނުބައި ސިގްނަލްތަކާ ހުރެ ހިތުގައި އުފެދިފައިވީ ޝައްކެވެ.
މިކޔާލްއާ އެކު ގޮސް ލިޔާނާ ލޮލުކޮޅަށް ގެއްލުމާއެކު ޝެލިން އެނބުރިލިއެވެ. ސިހިގެން ދިޔައީ ދާދި ގާތުގައި ހުރި މިކްޔާލްގެ އެކުވެރިޔާ ފެނުމުންނެވެ. އަވަސް އަވަހަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުމާއެކު ޝެލިންއަށް މޭގައި އަތް ޖައްސާލެވުނެވެ. އެވަގުތު ހިތުގެ ތެޅުން އިންތިހާއަށް އަވަސްވެފައިވިކަން އޭނާއަށް އިހްސާސް ކުރެވުނެވެ.
"ސޮރީ..". މާފަށް އެދުނީ ޝެލިންއެވެ. އޭނާ އުޅުނީ އަވަހަށް އެތަނުން ދިޔުމަށެވެ. މިކްޔާލް ނެތިވެ އެ ގޮތް ނޭނގޭ ޒުވާނާއާ އެކު ހުރުމަށް އެ ހިތް ނޭދުނެވެ. އެފަދައިން ކަންތައް ކުރަން ޖެހިލުންވި ނަމަވެސް ޝެލިންގެ ސިކުނޑިން ހުއްޓުމެއްނެތި ދެމުން ދިޔަ އިންޒާރުތަކާއެކު އެ ގޮތަށް ކަންތައް ކުރުމަށް ބޭނުންވީއެވެ.
"ލީން! ވެއިޓް". ކުއްލިއަކަށް އެ ޒުވާނާގެ އަޑު ކަންފަތުގައި ޖެހުމާއެކު ޝެލިންގެ ފައި ބިންމަތީ ހަރުލައިފިއެވެ. ހިނދުކޮޅަކަށް ވިސްނައިގަންނަވީ ކީކޭ ކަމެއް އޭނާއަށް ނޭނގުނެވެ. މަޑު ކުރަންވީ ބާއެވެ. ހަމަ ގައިމު ވެސް އެ އަޑުގައި ދަންނަ ގޮތެއް އެބަހުއްޓެވެ. އެ ބަރުއަޑުން ޝެލިންގެ ހިތަށް އަސަރެއް ކުރުވައިފިއެވެ. ހިތް އަވަސްވެގެން ދިޔައީ ނުހަނު އަވަހަށެވެ. އެ ޒުވާނާއަށް އޭނާގެ ނަން އެނގުނުގޮތަކާ މެދު އަމިއްލަ ނަފްސާ ސުވާލުކުރެވުނު ގައިގެ ލޯލިތައް ކޮޅަށް ޖެހިގެން ދިޔައެވެ.
"ސޮރީ. ސިއްސުވާލެވުނީމަ. ނަން މި ކިޔުނީ ރަނގަޅަށްތަ އަނެއްކާ؟ މިކް ގޮވާލިއަޑު އިވުނު ކުރިން. އެހެންވެ މި ގޮވާލީ". އެ ޒުވާނާ ބުނެލިއެވެ. ޝެލިން ވަކި އެއްޗެކޭ ނުބުނެ ބަލަން ހުރީ ޔަގީން ނުކުރެވޭ ފަދައަކުންނެވެ.
"ލީން އެއް ނޫން! ޝެލިން". ޝެލިން ބުނިލިއިރު އެ އަޑުގައި އެކުލެވިފައިވީ ނުރުހުންވުން ސިއްރެއް ނުވެއެވެ. ބުމަ ކައިރިވެގެން ދިޔަ އިރު އެ މޫނުން މަޑު ރަތްކަމެއް ފާޅުވެލިއެވެ.
"ހިތްހަމަނުޖެހުނީތަ؟ އެހެންވެއްޖެނަމަ އަނެއްކާ ވެސް ސޮރީ. އައިމް ކަރަމް". އޭނާ އަމިއްލަ ތައާރަފްވެ ސަލާމަށް އަތް ދިއްކޮށްލުމުން ޝެލިންއަށް އެ އަތުގައި ނުހިފާ ހުންނަން ނުކެރުނެވެ. ކަރަމްގެ އަތުގައި ހިފާލި އިރު އެ ހިތް ނެގި ނެގިފައި ޖެހެމުންދިޔައެވެ. ގަނޑުފެން ކޮޅެއްހާ ފިނި އަތްތިލައެކެވެ. ލިބުނު ސިހުމާއެކު ޝެލިންއަށް އަތް ދަމައިގަނެވުނެވެ. އެ ފިނިކަން އޭނާގެ މުޅި ހަށިގަނޑަށް ވެސް ކުރުވައިފިއެވެ.
ނަސީބަކުން އެވަގުތު މިކްޔާލް އައިއްސިއެވެ. ކަރަމްއާ ޝެލިންއަށް ބަލާލަމުން އޭނާ ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިކުރުވިތަން ޝެލިން ދުށްޓެވެ.
"ބްރޯގެ ކޮއްކޮ ވަރަށް ފޭކް. ފްރެންޑް ވާން އުޅުނީމަ ވެސް ރޫޑް. ބުނޭ އަހަރެން މީ ގޯސް މީހެއް ނޫނޭ. ރައްޓެއްސެއް ގޮތުގައި ބަލައިގެންފިއްޔާ ވަރަށް އުފާވާނެ". ޝެލިންއަށް ބަލާލަމުން ކަރަމް ބުނެލީ ނުސީދާކޮށްނެވެ. ހިތަށް ވެރިވި ފޫހި ކަމާއެކު ޝެލިންއަށް މުށްކަވާލެވުނެވެ. އެއްވެސް ގޮތެއް ނެތް ފިރިހެނަކީތާއޭ ހިތަށް އެރިއެވެ. ހިތުގައި އުފެދުނު ރުޅީގެ މައްޗަށް ބާރު ފޯރުވަން ދަތިވެ ކަރަމްއާ ދިމާލަށް އޭނާއަށް ފިޔަވަޅެއް އަޅައިލެވުނެވެ.
"ޑޯންޓް ޔޫ ޑެއަރ ޓު ޓްރައި އިޓް އެގެއިން". ދަތްތަކަށް ބާރުކޮށްލި ނަމަވެސް ބުނަން ބޭނުންވި ޖުމްލަވީ ޝެލިންގެ ހިތުގައެވެ. ނަމަވެސް ކަރަމްގެ ނަޒަރު އޭނާއާ އަމާޒުވެލީ ކުއްލިއަކަށެވެ. އެ ބެލުމުގައި ނުރައްކާތެރި ގޮތެއް ހުރިކަން ޝެލިންއަށް އިހްސާސްވިއެވެ. އިންޒާރެއް ދިން ފަދައެވެ. ޝެލިންގެ ހިތުގައިވި އެއްޗެއް އެނގިގެން ކަހަލައެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އެ މޫނުންފާޅުވީ ޒާތެއްގެ ހިނިތުންވުމެކެވެ. އިސްތަށިގަނޑުގައި އަތް ހިންގާލަމުން އެ ނަޒަރު ޝެލިންއާ ވަކިކޮށްލިއެވެ.
ނަފްސަށް ވެރިވި ޖެހިލުންވުމާއެކު ޝެލިން އަވަސް ފިޔަވަޅުތަކެއްގައި ގޮސް މައިރާގެ ކޮޓަރިއަށް ވަނެވެ. ނަމަވެސް މައިރާއަށް ނިދިފައި އޮތްތަށް ފެނުމުން އެނބުރި އޭނާގެ ކޮޓަރިއަށް ދިޔައީއެވެ. އޭރު ވެސް ހަށިގަނޑުގައި ފިނިކަން ހިފާފައިވި އިރު އެ ފިންޏާއެކު ކަނދުރާގެ ހިރުވުން ވެސް އިތުރުވާހެން ހީވިއެވެ. އެތަނަށް ވެފައި ހުރިގޮތެއް ބެލުމަށް ޝެލިންގެ ހިތަށް އެރީ ދެނެވެ. ލޯގަނޑު ކައިރިއަށް ޖެހިލަމުން ލައިގެން ހުރި ގަމީހުގެ މޭމަތިން ދެތިން ގޮށް ނައްޓާލުމަށްފަހު ހިރުވާ ދިމާލަށް ބަލާލިއެވެ. ގަދަ ރަތްކުލައަކަށް ހުރި ބޮޑު ލަކުނެއްހެން ހީވާ ތަންގަނޑު ފެނުމުން ޝެލިންގެ ހިތަށް ބިރުވެރިކަން ވަނެވެ. އަލަމާރީގެ ތިރީ ވަތްގަނޑުން ނެގި ބޭސްފުޅިން އެތިކޮޅެއް އެދިމާލުގައި ހޭކުމާއެކު އޭނާއަށް ރޮވިއްޖެއެވެ. ދިލަ ނެގުން އިތުރުވީ ކުއްލިއަކަށެވެ. ތޫނު ކަށިތަކެއް ހެރޭހެން ހީވުމާއެކު އަވަސް އަވަހަށް ބޭސް ފޮހެލިއެވެ. ގަމީހުގެ ގޮށް އިހު ހުރިގޮތަށް އަޅުވާލަމުން ޝެލިން އެތަން ފޮރުވާލިއެވެ. މައިރާއަށް ފެނިއްޖެނަމަ ސުވާލުތައް ކުރިމަތިވާނެކަން ގައިމެވެ.
އެގަޑީ ކުރާނެ އިތުރު ކަމެއް ނެތުމާއެކު ޝެލިން އިށީނީ ސޯފާގައެވެ. އަތުގައި އޮތް ފޮތަށް ނަޒަރު ހުއްޓައިގެން އިން ނަމަވެސް އޭނާގެ ސަމާލުކަން ދެވިފައިވީ ތިރިން އިވެމުންދިޔަ އަޑުތަކަށެވެ. ކަރަމްގެ ބަރު އަޑު އިވިލާ ކޮންމެ ފަހަރަކު ސިހުން ގެނުވައެވެ. ދޭތެރެ ދޭތެރިން "ލީން" ގެ ނަމުން ގޮވާލާހެން ވެސް ހީވިއެވެ. ކޮންމެއަކަސް އެ ޒުވާނާއާ މެދު ޝެލިންގެ ހިތުގައި އުފެދިފައިވީ ޝައްކުތަކާއެކު ކުޑަ ޝައުޤުވެރިކަމެއް ވެސް ވިއެވެ.
ކަރަމްގެ ހަންގަނޑު އާދައިގެ އިންސާނަކަށްވުރެ ހުދުކަން ޝެލިންއަށް ފާހަގަވިއެވެ. އެއާއެކު އޭނާގެ އެ ހުންނަ އަޅިނޫކުލައަކަށްދާ ކަޅީގައި ވެސް ވަނީ ތަފާތު ވިދުވަރެކެވެ. އަލި އެޅިދާގޮތުން އެ ވިދުން އިތުރުވާހެން ހީވެއެވެ. ދިގުކޮށް ހުރި އިސްތަށިގަނޑުން މޫނުމައްޗަށް އެޅިފައިވާ އިސްތަށިތަކުން ބުމަ ކައިރިން ވީ ފޮރުވިފައެވެ. ނަމަވެސް އެ ބުމައިގެ ވަރުގަދަކަން ސިއްރެއް ނުވެއެވެ. ތުންފަތް ވެސް ރަތްކަމުން ލޭ ފައިބަން ތައްޔާރަށް ހުރިހެން ހީވެއެވެ. އެ ބެލުމުގައި ހުންނަނީ ނުރައްކާތެރި ގޮތެކެވެ. ހީލިއިރު ދަތްތަށް ހުދުވެފައި ވަކިން ދެ ދަތް ދިގުވެފައި ހުއްޓެވެ. އެ އަތްތިލައިގެ ފިނި ކަމާމެދު ވެސް ޝެލިންގެ ހިތުގައި ސުވާލު އުފެދުނެވެ. އާދައިގެ އިންސާނުންގެ ހަށިގަނޑުން އިހްސާސް ކުރެވޭ ހޫނުކަމެއް އެ ހަށީގައި ނެތް ފަދައެވެ.
"ވެމްޕަޔަރ. ވެއަރ ވޯލްފް.. ވަޓް؟". ޝެލިން އަމިއްލަ ނަފްސާ ސުވާލުކޮށްލިއެވެ.
ދެވަނަ ސިކުންތުގައި ހެވިއްޖެއެވެ. އެފަދަ އެއްޗެއް ހިތަށް އެރީތީ ވެސް އޭނާގެ މޮޔަކަން ވިސްނިއްޖެއެވެ. ކުޑަ އިރުއްސުރެ ވެސް އެފަދަ މަޚުލޫގުންގެ ވާހަކަތައް ޝެލިން އަޑު އަހައެވެ. ކިޔައެވެ. އެއީ ހަމައެކަނި އިންސާނުންގެ ހިޔާލުގައި ކުރެހިފައިވީ ބައެއްކަން ޝެލިން ދަނެއެވެ. އެކަމަކު ޖިންނި ޝައިޠޯނުން އުޅޭ ކަމާއިމެދު އެ ހިތުގައި ޝައްކެށް ނެތެވެ. އެހެނީ ކީރިތި ގުރުއާނުން ވެސް އެކަން އެނގެން އޮތީތީއެވެ.
"ދެން އަހަރެންގެ ހުވަފެނެއް ފެނުނީ ކާކުބާ؟ ހޫ އިޒް ހީ؟ ވައި ކާންޓް އައި ފޮގެޓް އެބައުޓް ޔޫ". ސޯފާއިން ތެދުވެ ކުދި ފިޔަވަޅުތަކެއްގައި ގޮސް ޝެލިން ހުއްޓުނީ ފޮތް ހަރުގަނަޑު ކައިރީގައެވެ. ތަސްވީރު އަތަށް ނެގުމަށްފަހު އެއަށް ބަލަން ހުރިއިރު ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.
"ޖެންޓަލްމެން. ހްމް..".. މަޑުމަޑުން ކުރެހުމުގައި ފިރުމާލިއިރު ޝެލިންގެ ހިތުގައިވިއެވެ. އެ ކުރެހުން ހިފައިގެން ގޮސް ކުރިން ވެސް އިށީންތަނުގައި އޭނާ އިށީނދެއްޖެއެވެ. ސޯފާގެ އަތް ގަނޑުގައި ބޯ އަޅައިގެން އިން އިރު އެއް އަތުގައި އެ ކުރެހުން އޮތެވެ. އުނގުމަތީގައި ކިޔަން ގެންގުޅުނު ފޮތް ބޭއްވިފައި އޮތެވެ. އޭނާގެ ނަޒަރު އަމާޒުވެފައިވީ ކުޑަދޮރުން ބޭރަށެވެ.
އޭރު ދުނިޔެމައްޗަށް ވިއްސާރައިގެ ކުލަވަރު ދައްކާލާފައިވިއެވެ. މާ ދުރުން ވެސް ވަޔާއެކު ގަސްތައް ކެތްނުވެގެން ދެކޮޅަށް ހެލިލާ މަންޒަރު ފެންނަމުން ދިޔައެވެ. އުޑުމަތި ބައްދަމުން ދިޔަ ކަޅު ވިލާތަކުގެ ދޭތެރެއިން ވިދަން ފެށީ ކުއްލިއަކަށެވެ. އެކަމުން ޝެލިންއަށް ސިހުން ގެނުވި ނަމަވެސް އޭނާ އިނީ ގުޑިލަން ވެސް ބޭނުންނުވެފައެވެ. އެ މަންޒަރުގެ ފުރިހަމަކަމަށް ހިތާއި ނަފްސު ދޫކޮށްލައިގެންނެވެ. އެހެނަސް ސިކުނޑީގައި ދައުރުވަމުން ދިޔައީ ތަފާތު ހިޔާލުތަކެކެވެ.
***
އާ ދުވަހަކަށް އިރުއެރި ރޭ ވެހުނު ވާރޭގެ އަސަރުތައް ފިލައިފިއެވެ. ދެ ދުވަހުގެ ގަދަވަޔާއި ވިއްސާރައަށްފަހު މަރުހަބާ ކިޔާފައި އޮތީ މޫސުންރީތި ދުވަހަކަށެވެ. މާ ފަތިހަކާ ހޭލައިގެން ލިޔާނާ އައިސް ޝެލިން ތެދުކުރުމުން ދެ ކުދިން މޫދަށް ގޮސްފައި އެއައީ ދެންމެއެވެ. ގެއާ ނުހަނު ކައިރީގައި މޫދަށް އެރިލާނޭ ހިތްގައިމު ސަރަހައްދެއް އޮތުމުން ކިތަންމެހާ ވެސް ފަސޭހައެވެ. ލިޔާނާ ފަހުން ދިމާވާނެ ކަމުގައި ބުނެ ދިޔައީއެވެ. އޭރު ގަޑިން ނުވަ ގަޑި ބައި ވާން ކައިރިވެފައިވުމުން ޝެލިން ވެސް އަވަހަށް ފެންވަރައިގެން ނުކުތެވެ. ވަގުތަކީ މައިރާ ސައި ތައްޔާރު ކުރަން ބަދިގޭގައި އުޅޭނެ ވަގުތުކަން އެނގޭތީއެވެ.
"ގެނޭ ޝެލީ އަތަށް ފުށްގަނޑު. ރޮށި ފިހެލާނަން. މަންމަ މަސްހުނި މޮޑެލަންވީނު". ބަދިގެއަށް ވަތް އިރު މޭޒު ކައިރީ ފުށް މޮޑެން އިން މައިރާ ފެނުމުން ޝެލިން ބުނެލިއެވެ. އެކަނި އުޅޭ އިރު މަންމައަށް އެފަދަ ކަންކަމުން އެހީވެދިނުމަކީ ޝެލިން ހާއްސަ އިސްކަމެއްދޭ ކަމެވެ. ޝެލިންގެ އެދުމާ އެއްގޮތަށް އޭނާގެ އަތަށް މޮޑުނު ފުށްތަށި ދިނުމަށްފަހު މައިރާ ޖެހިލީ ބޭރަށެވެ. ރިހަފަތްކޮޅެއް ބިނދެލަން ނުކުތް އިރު މަގުމަތީ ކުނި ކަހަން ހުރި ނޫރާއާ ދިމާވެ ވާހަކައިގެ މަޑުކޮށްލިއެވެ.
މައިރާ ނުކުތުމުން ޝެލިން ލައިގެން ހުރި އަތް ދިގު ޓީޝާޓުގެ އަތްކުރި އުޅަބޮށްޓާ ހަމައަށް އޮޅާލިއެވެ. އަދި ތިރިއަށް ދޫކޮށްފައި އޮތް އިސްތަށިގަނޑު މައްޗަށް ނަގާ އެއްސީ ފަސޭހައަކަށެވެ. އޭނާގެ ހަރަކާތްތަށް ނުހަނު އަވަހެވެ. އުނދުން ރޯކޮށް ތަވާ އުނދާލުމާއެކު ރޮށި ދަމަން ފަށައިފިއެވެ.
"ޝެލީ. ދީބަލަ ސައިތަށްޓެއް". ބަދިގެއަށް ބޯ ދިއްކޮށްލި މިކްޔާލްއަށް ޝެލިން ފެނުމާއެކު ބުނެލީ މައިރާ ނެތުމުންނެވެ.
"ދޮންބެ ކޮން އިރަކު ސައި ބޯންފެށީ. ކޮފީއެއް ނޫންތަ ބޭނުމީ؟". ފާޑަކަށް އެނބުރި ބަލާލަމުން ޝެލިން އަހާލިއިރު އެ ދެލޯ ކުޑަ ކޮށްލެވިފައިވިއެވެ. މިކްޔާލް އަނގަޔަށް ގޮތެއް ހަދާލަމުން ބޯ ޖަހާލިއެވެ. އިތުރު އެއްޗެކޭ ނުބުނެ ޝެލިން ކޮފީ ތައްޔާރުކޮށްގެން ގެނެސް މިކްޔާލްގެ ކުރިމަތީ ބެހެއްޓިއިރު ވެސް އޭނާ އިނީ ހިމޭނުންނެވެ. ޝެލިންއަށް މިކްޔާލްއާ ދިމާލަށް ރަނގަޅަށް ބަލާލެވުނީ ދެނެވެ. އެ މޫނުން ތަފާތު ގޮތެއް ފާހަނގަވިހެން ހީވީ ހިނދުކޮޅަކަށެވެ. މިކްޔާލް ނުހަނު އަވަހަށް އިސްޖަހާލައިފިއެވެ. އެ ލޮލުގައިވި އަސަރެއް ފޮރުވަން އުޅޭ ފަދައަކުންނެވެ. ޝެލިން އެނބުރި އޭނާގެ މަސައްކަތަށް ދިޔުމާއެކު ތުނބުގައި ޖައްސާފައި ހުރި ކޮފީތަށި އޭނާ ދުރުކޮށްލިއެވެ. އަދި ފުން ނަޒަރަކުން އެ އަންހެންކުއްޖާއަށް ބަލަން ހުރި އިރު އެ ލޮލުން ތަފާތު ވިދުމެއް ފާޅުވެލިއެވެ. ތުންފަތް ދެފަރާތަށް ދެމިގެން ދިޔައިރު ޝެލިންއާ ނަޒަރު ވައްކެތް ނުކުރިއެވެ.
** ނުނިމޭ **
(ކޮންމެ އަންގާރަ އަދި ހުކުރު ދުވަހެއްގެ ރޭ 9:00 ގައި)
(ނިމުނީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!