ސިލްސިލާ ވާހަކަ: ހީވޭ ގާތުގައި ވާހެން ކަލާ (2)

Heevey gaathugai Vaahen kalaa

ކުރީ އަދަދާއި ގުޅޭ

ސިޓިންގްރޫމުގައި އިން މައިރާގެ ނަޒަރު ހުއްޓިފައިވީ ގޭގެ ބޮޑު ދޮރާއި ދިމާލަށެވެ. އެހެން އިންނަ އިރު ވާރޭ ވެހޭ މަންޒަރު ނުހަނު ރީއްޗަށް ފެންނަން ހުރުމުން އޭނާގެ ހުރިހާ ސަމާލުކަމެއްވީ އެކަމަށް ހުއްޓިފައެވެ. ކޮޓަރިއަށް ވަތް ގޮތަށް މިކްޔާލްއާއި ޝެލިންވެސް ނުނިކުންނާތީ މައިރާއަށް އިނދެވުނީ ފޫހި ވެފައެވެ. އަށެއްގެ ހަބަރު ފެށުމާއެކު އޭނާ ޗެނެލް ބަދަލުކޮށްލިއެވެ. ބަރާބަރަށް ހަބަރުތައް ކީ ނަމަވެސް ރޭގަނޑުގެ ހަބަރު ބެލުން އެއީ މައިރާ ކޮންމެހެން ވެސް ކުރާ ކަމެކެވެ.

ބޭރުން ސަލާމް ގޮވާލި އަޑު އިވުނީ މާ ގިނަ އިރުތަކެއް ނުވަނީހެވެ. ދޮރުމަތީ ކުޑައެއް ނަގައިގެން ހުރި ނޫރާ ފެނުމުން ފުޅާ ހިނިތުންވުމަކާއެކު އެތެރެއަށް އައުމަށް މައިރާ ދައުވަތު ދިނެވެ.

"މި ވިއްސާރައިގަ ވެސް ނޫރާއަށް ހަމަ ގޭގެ ނުހުރެވުނޭ ދޯ". މައިރާ ބުނެލިއެވެ. އެއާއެކު ނޫރާ ޖަހާލީ ހިނިގަނޑެކެވެ. އަދި އަތުގައި ހުރި ބޯ ތަށި ހިފައިގެން ގޮސް ކާ މޭޒު މަތީ ބެހެއްޓިއެވެ.

"މައިއަށް ނުދީ ކިހިނެތް އެހާ މީރު ބޯވަ ކޮޅެއް ކާނީ. މިއަދު އައްޔޫބް މަސް ހިފަން ގޮއްސަ ގެނައި ދެތިން ބޯވަ. ހިތަށް އެރީ މިރޭ ކާން ސޯސްގަނޑެއް ތައްޔާރު ކޮށްލާނީއޭ". ނޫރާ އައިސް ސޯފާގައި ޖައްސާލިއެވެ.

"ނޫރާ ހާދަ ރަނގަޅޭ. ޝެލީ ނުކާނެ އެކަހަލަ އެއްޗެއް. ކަނޑުމަހޭ ބުންޏަސް އެ މަންޖެ އެ ގަންނަ ފަކުރެއް ނޭނގެ. ދެން ހުންނާނީ މިކްޔާލް. އެސޮރަށް ވަރަށް ކަމުދާނެ އެއްޗެއް ތި ގެނައީ. ހޫނު ކޮށް ހުއްޓާ އަވަހަށް ކާން ގޮވަން ވީ ދޯ". މައިރާ ތެދުވާން އުޅުމުން ނޫރާ އޭނާގެ އަތުގައި ހިފެހެއްޓިއެވެ. އަދި އިޝާރާތުން އިށީނުމަށް އެދުމުން މައިރާ އިށީން އިރު އެ މޫނުން ކުރިން ފެންނަން ހުރި ހިނިތުންވީ ފަނޑުވެފައެވެ.

"މައި. މިއީ އަހަރެން މައިއަށް ހެޔޮ އެދޭތީ ބުނާ އެއްޗެއް. އެ މަންޖެއަށް ތިހެން ކަންކަން ސިއްރުކޮށްގެން ހުންނާނެ ކަމެއް ނެތް. މިހާރު އެއީ ކަންކަން ވިސްނޭ ވަރުގެ ކުއްޖެއް. އެ ކުއްޖާއަށް ހަގީގަތް ބުނެދިނަސް އޭނަ އެކަން ގަބޫލު ކުރާނެ". ނޫރާ ވާހަކަދެއްކީ ސިއްރުންނެވެ. ކިރިޔާ މައިރާއަށް އަޑުއިވޭ ވަރަށެވެ. މައިރާ ވަކި އެއްޗެކޭ ނުބުނެ އިންއިރު އެ މޫނަށް އަރާ ފޭބި ކުލަވަރުން ނޫރާ ދެއްކި ވާހަކައާ އޭނާ ހިތްހަމަނުޖެހުނީކަން ނޫރާ ދެނެގަތެވެ.

"މާފް ކުރޭ ނޫރާ. އަހަންނަށް އިވާން ވެސް ގެއްލުނީ. ނޫރާއަށް ވެސް އެނގޭނެ މިކްޔާލްއަށް ވުރެ ބޮޑަށް އަހަންނަށް ޝެލީ މުހިންމުކަން. އަހަރެން ދަރިން ތަފާތު ކުރަނީ ނޫން. އެކަމަކު އަދިވެސް އަހަރެންގެ ހިތުން އެ ހިތްދަތިކަން ފިލައިގެން ނުދޭ. ޝެލީއަށް ހަގީގަތް އެނގުމަށްވުރެ ނޭނގުން މާ ރަނގަޅު ވާނެ. ނޫނީ އިވާން ދޫކޮށް ދިޔަ ހަމައެކަނި ނިޝާން ވެސް ގެއްލިދާނެ. އެ ދުވަހަކުން އިތުރަށް ކެތްކުރުން އެއީ އަހަންނަށް ވާނޭ ކަމެއް ނޫން". މައިރާ ބުނެލިއެވެ.

އޭރު އެ ލޮލުން ވެސް އޭނާ އެ ދެއްކި ވާހަކަތަކުގެ ތެދުކަން ހާމަވެއެވެ. އަތުގެ ނުފުށުން ކަރުނަތައް ފޮހެލަމުން މައިރާ ތުންފަތަށް ވެރިކޮށްލީ މަސްނޫއީ ހިނިތުންވުމެކެވެ.
ނޫރާ ވެސް އިތުރަށް އެކަމާއި ގުޅިގެން ސުވާލެއް ނުކުރިއެވެ. މައިރާ އާއެކު ގޮސް ކާގެއަށް ވަނީ އޭނާއަށް އެހީތެރިވުމަށެވެ. ކާތަށިތައް އަތުރާލުމަށްފަހު މައިރާ ރޮށި ތަށި މޭޒުމައްޗަށް ނެގިއެވެ. އޭރު ނޫރާ ބަތް ތަށި މޭޒުމަތީގައި ބަހައްޓަނީއެވެ.
ނޫރާ އެ މަސައްކަތުގައި ވަނިކޮށް މައިރާ ކާގެއިން ނުކުތެވެ. ފުރަތަމަ ގޮސް އޭނާ ޓަކި ޖެހީ މިކްޔާލްގެ ކޮޓަރީގެ ދޮރުގައެވެ. ދެތިން ފަހަރު ޓަކި ޖެހުމާއެކު ދޮރު ހުޅުވާލިއިރު އެނދުމަތީ ހުޅުވާފައި ހުރި ލެޕްޓޮޕް މައިރާއަށް ފެނުނެވެ.

"ކާން ވެގެން މަންމަ މި ގޮވީ. ނޫއްތަ ގެނައި ބޯވަ ކޮޅާއެކު ކާން ތައްޔާރުކޮށްފަ މި އައީ. މަންމަ އެބަ އަންނަން ޝެލީއަށް ގޮވާލާފަ". މައިރާ ދާން އުޅުމުން މިކްޔާލް އޭނާ ހުއްޓުވިއެވެ. އަދި ޝެލިންއަށް ގޮވާނީ އޭނާ ކަމުގައި ބުންޏެވެ. ބޯ ޖަހާލުމަށްފަހު މައިރާ އެނބުރި ކާގެއަށް ދިޔުމުން މިކްޔާލް އެރީ ސިޑިން މައްޗަށެވެ.

ޝެލިންގެ އެދުމަށް މައިރާ އެކޮޓަރި އޭނާއަށް ދިނީ ކުރުނުކޮށް ޝެލިން ކިޔަން ފެށުމުންނެވެ. އެގޮތާއި މާ ގަޔާ ނުވި ކަމުގައި ވިޔަސް މިކްޔާލްގެ ވެސް އެދުމާއެކުގައެވެ. ޝެލިންގެ ކޮޓަރީގެ ދޮރުގައި މިކްޔާލް ދެތިން ފަތަރު ޖަހާލިއެވެ. އިރުކޮޅަކު އޭނާ މަޑުކޮށްގެން ހުރީ އެތެރެއިން ޖަވާބެއް ލިބެންދެނެވެ. ނަމަވެސް ތިންވަނަ ފަހަރު ޓަކި ޖެހިއިރު ވެސް ޝެލިން ދޮރު ނުހުޅުވުމުން މިކްޔާލް އެންމެ ފަހުން ތަޅުގައި ހިފައި އަނބުރާލިއެވެ. އެއާއެކު ފަސޭހަކަމާއެކު އެތެރެއަށް ދޮރު ހުޅުވުނެވެ.

ކޮޓަރިއަށް ވެރިވެފައި އޮތް ފުން އަނދިރިކަމަށް ލޯ ހޭނެން ނެގި ވަގުތުކޮޅަށްފަހު ފާރުގައި އަތް ކާތްތަމުން ގޮސް މިކްޔާލް ސްވިޗް ޖެއްސިއެވެ. އެއާއެކު ވެރިވެގެން ދިޔަ ގަދަ އަލިން އޭނާއަށް ލޯ މަތީ އަތް ހުރަސްކޮށްލެވުނެވެ. އޭރު އެނދުގައި ހަމަޖެހިގެން ނިދާފައި އޮތް ޝެލިން ފެނުމާއެކު މިކްޔާލްއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ.

ކޮޓަރީގެ ފަންކާ ވެސް ނުޖައްސާ ހުރި އިރު އެތަނަށް މާ ބޮޑު ހޫނުކަމެއް ވެރިވެފައި ނެތީ ވާރޭ ވެހުމުގެ ސަބަބުންނެވެ.
މިކްޔާލް ދެތިން ފަހަރު ޝެލިންގެ ނަމުން ގޮވާލުމުން ސިހިފައި ޝެލިން ފުންމައިގެން ތެދުވިގޮތުން އޭނާއަށް ހެވުނެވެ.
"ކީއްވެ ތި ބަލަނީ.". ޝެލިން ބަލަން އިން ގޮތުން މިކްޔާލް އަހާލިއެވެ. އޭރު ވެސް ޝެލިން އިނީ ދެލޯ ބޮޑުކޮށްގެން ތެދުވި ގޮތަށެވެ. އޭނާ ހަމައަކަށް އެޅުނީ އިރުކޮޅަކުންނެވެ. މިކްޔާލްގެ ފަހަތުން ނުކުމެގެން އައި އިރުވެސް އެ ލޮލުގައި ނިދީގެ އަސަރުވިއެވެ.

ކާގެއަށް ވަތް މިކްޔާލްއާއި ޝެލިން ފެނުމުން ނޫރާ އިށީނދެ އިން ގޮނޑިން ތެދުވިއެވެ.

"ނޫއްތަ ދަނީތަ؟ ކައިގެން ދާން މަޑުކޮށްލާ ދެން". ނޫރާ ދާން އުޅޭހެން ހީވުމުން މިކްޔާލް ބުނެލިއެވެ. އެއާއެކު ނޫރާ ރައްދުކޮށްލީ ހިނިތުންވުމެކެވެ.

"މިރޭ ނެތޭ މަޑުކުރެވޭކަށް ނޫއްތައަށް. އައްޔޫބްބެއާ އެކީ ކާން ވެގެން މި ދަނީ. ގޭގަ އޮންނާނެ އަދި ބޯވައެއް. މިކް ބޭނުމިއްޔާ އާދޭ އިނގޭ ބަލާ". ނޫރާ މިކްޔާލްގެ އިސްތަށިގަނޑުގައި ފިރުމާލަމުން ބުނެލިއެވެ. އޭރު މޭޒުގައި ބޯ އަޅައިގެން އޮތް ޝެލިން ފެނި ނޫރާ ދިޔައީ އޭނާއަށް ވެސް ޖެއްސުމެއް ކޮށްލުމަށްފަހުގައެވެ.
ލޮލަށް ސަވާރުވެފައިވީ ނިންޖާއެކު މޭޒުގައި ބޯ އެޅުމާއެކު ޝެލިންއަށް އަނެއްކާވެސް ނިދުނީއެވެ. ނަމަވެސް އެތަނުގައި ދައްކަމުންދާ ވާހަކަތައް ބަރާބަރަށް އަޑު އިވެއެވެ. ހޭލާ ހުންނަން މަސައްކަތް ކުރަމުން ޝެލިން ލަސްލަހުން އެސްފިޔަތައް ތަޅުވާލިއެވެ. އެވަގުތު ފުސްވެފައިވި ލޮލުން ކާގޭގެ ކުޑަދޮރަށް އެޅިފައި ހުރި ހިޔަނި އޭނާގެ ލޮލުގައި އަޅައިގަތެވެ. އެ ކުޑަދޮރުގެ ފަހަތަށް އޮންނަނީ ގަސްބޯ ޖަންގަންޔެކެވެ. އެއީ ގޭގެ އެންމެ ފަހަތަށްވެފައި އެ ދިމާލުގައި އިތުރު ގެތަކެއް ނުހުރެއެވެ. ނޫރާގެ ގެ ވެސް ހުންނަނީ އެގޭގެ ކުރިމައްޗަށްވާ ގޮތަށެވެ.

ކުއްލިއަކަށް އެ ހިޔަނި ހަރަކާތްކޮށްލިހެން ޝެލިންއަށް ހީވިއެވެ. ލޯ ހުޅުވަން މަސައްކަތް ކުރިނަމަވެސް އެކަން ވީ ނާކާމިޔާބީއެވެ. އިވެމުން ދިޔަ މިކްޔާލްއާއި މައިރާގެ އަޑު ކެނޑި ގޮނޑުދޮށުގެ މަޑު ރާޅުތަކުގެ އަޑު އިވެން ފެށުމާއެކު ޝެލިންއަށް ކުރުވީ ތަފާތު އިހްސާސެކެވެ. ނަފްސަށް ވެރިވި ބިރުވެރިކަމާއެކު އެ ހިތުގެ ތެޅުން ބާރުވިއެވެ. ނޭވާ ހާސްވާންފެށުމާއެކު އޭނާއަށް ތެޅި ގަނެވުނެވެ. މައިރާގެ ނަމުން ގޮވަން ބޭނުންވިޔަސް އެ ދުލުގައި ތަޅެއް އެޅުވުނު ފަދައެވެ. އޭރު ވެސް ކުޑަދޮރަށް އެޅިފައި ހުރި ހިޔަނި އެގޮތުގައި ހުއްޓެވެ. ނަމަވެސް ކުއްލިއަކަށް އެއަށް ލޮޅުމެއް ވެރިވިތަން ޝެލިން ދުށްޓެވެ. ހިނދެއް ހިނދަކަށް ހިޔަނީގެ އަނދިރިކަން ކެނޑި ހުދު އައްޔެއް ވެރިވެއްޖެއެވެ. އަދި އެ އަލި ކަމުގެ ތެރެއިން ފާޅުވާންފެށި ބިޔަ ޒުވާނާ ވެސް ޝެލިންއަށް ފެންނަން ފެށިއެވެ. ނޫ ކުލައިން ދިއްލިފައިވާ އެ ޖާދުވީ ލޯ ފެނުމުން ޝެލިންއަށް ބަލަހައްޓައިގެން އިނދެވުނީ އާގަމަވެފައެވެ. އެއާއެކު މީގެ އިރުކޮޅެއް ކުރިން ބިރުވެރިކަމުން ފުރާލި އެ ހިތް ހަމައަކަށް އެޅެން ނެގީ މަދު ސިކުންތުކޮޅެކެވެ. ދުވަންފެށި މަޑު މީރުވަހުން ޝެލިންގެ ސިކުނޑިއަށް ތާޒާކަމެއް ގެނުވަދިނެވެ. އެ ޒުވާނާގެ މޫނު ސާފުކޮށް ފެނޭތޯ ކިތަންމެ ބެލިޔަސް އެ ސޫރައަށް ވެރިވެފައިވީ ފުސްކަމެކެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ޝެލިންއަށް އިހްސާސީ އެ ޒުވާނާ ވެސް އޭނާއަށް ބަލަން ހުރި ހެންނެވެ.

"ޝެލީ!.. ޝެލިން.." މާ ދުރުން އިވެންފެށީ މިކްޔާލްގެ އަޑެވެ. އެއާއެކު ޝެލިންއަށް އޭނާގެ ހަށިގަނޑަށް ވެރިވި ލޮޅުން އިހްސާސް ކުރެވުނެވެ. އަދި ހޫނު އަތަކުން އެ މޫނުގައި ބީހިލި ކަމުގެ އިހްސާސް ކުރެވުމާއެކު ހަޅޭއްލަވައިގެންފައި ދެލޯ ހުޅުވާލެވުނެވެ.

"ޝެލީ. ހުވަފެނެއް ފެނުނީ ދޯ.. އެހެންނޭ ވާނީ. އިރުއޮސޭ ދަޅައަށް ބޭރަށް ނުދާން ބުންޏަސް ޝެލީއަށް އަޑެއް ނީވޭ ވިއްޔާ. އަދިވެސް ދާނަންތަ؟". ކުރިމަތީގައި އިން މައިރާ އަހާލިއިރު އެ މޫނުން ހިތްހަމަނުޖެހުން ފާޅުވެލިއެވެ. އޭރު ކައިރީގައި އިން މިކްޔާލްގެ ނަޒަރު ވެސް ވީ އޭނާއަށް ހުއްޓިފައެވެ. މޫނުން އިހްސާސް ކުރެވުނު ހޫނުކަމަކީ މިކްޔާލްގެ އަތްތިލައިގެ ހޫނުކަން ޝެލިންއަށް ވިސްނުނެވެ. އެއާއެކު އެ ހަށިގަނޑަށް ވެރިވެފައިވި އާދަޔާ ހިލާފު ފިނިކަން ވެސް ފާހަގަކުރެވުނެވެ.

މޭޒުން ބޯ ހިއްލާލުމާއެކު އޭނާ ގޮނޑީގައި ބުރަކަށި ޖައްސާލިއެވެ. ދެން އެ ނަޒަރު އަމާޒުވީ މައިރާގެ ފަހަތުން ފެންނަން ހުރި ކުޑަ ދޮރަށެވެ. ފެނުނު ހުވަފެނާމެދު ވިސްނާލަން ފުރުސަތެއް ނުލިބުނީ އަނެއްކާވެސް މައިރާ ކުރިން ކުރި ސުވާލު ތަކުރާރުކޮށްލުމުންނެވެ. އެއާއެކު ޝެލިންއަށް ބޯ ހޫރާލެވުނީ ވެސް ހިޔާލަކަށް ގެއްލިފައި އިނދެއެވެ.

"ސާބަހޭ ޝެލީ. އަދިވެސް ނިދިފަ ތި އިންނަނީ. އެހެންނޭ ވާނީ އަބަދު ގޭގަ އުޅެންޏާ. މާދަން ބޭރަށް ދާން ވާނެ ދޮންބެއާ އެކީ. ނޫނެކޭ ނުބުނާތި. ޔޫ ހެވް ޓު ގޯ!". މިކްޔާލް ބުނެލުމާއެކު ޝެލިން ބޯ ޖަހާލިއެވެ.

ކައި ނިމެންދެން ވެސް އޭނާ އިނީ ހިމޭނުންނެވެ.
މައިރާއާއި މިކްޔާލް ހުއްޓާނުލާ ވާހަކަދެއްކި ނަމަވެސް އެއިން ވާހަކައަކަށް ސަމާލުކަން ދެވޭ ގޮތެއް ނުވީ ސިކުނޑީގައި ކުރެހިފައިވީ އެ ޒުވާނާގެ ތަސްވީރުންނެވެ. ކައި ނިމުމާއެކު ޝެލިން ތެދުވިއެވެ. ނިދަން ދަނީ ކަމުގައި ބުނެ އަވަސް ހިނގުމެއްގައި ގޮސް ކާގެއިން ނުކުތް ގޮތަށް އޭނާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނީ ކޮޓަރިއަށް ވަދެވުމުންނެވެ.

އޭރު އެނދުމަތީ ހުރި ގަނޑުތައް ފެނުމާއެކު ޝެލިން ފުރަތަމަ ވެސް ނެގީ އެއެވެ. ރީތިކޮށް ތަރުތީބު ކޮށްލަމުން ގޮސް ގަނޑުތައްލީ ސްޓަޑީ ޓޭބަލްގެ ޑްރޯވަރ އަށެވެ. އެއަށްފަހު އަނެއްކާވެސް ގޮސް އެނދަށް އަރާ އޮށޯތީ ހަށިގަނޑަށް ވެރިވެފައިވާ ކަންނެތްކަމުންނެވެ. ނިދޭނޭ ހެން ހީވި ނަމަވެސް ނިންޖާ އެ ލޯ ދުރުވެއްޖެއެވެ. އެނދުގެ ދެފަރާތަށް ފުރޮޅި ފުރޮޅި އޮވެފައި އެންމެފަހުން ޝެލިން ފޯނު ނެގީ ނިދޭ ގޮތް ނުވުމުންނެވެ. ހަމައެއާއެކު ކޮޓަރިއަށް ވެރިވެފައި އޮތް ހިމޭންކަމުން ވެސް އޭނާއަށް އުނދަގޫވިއެވެ. ސައިޑް ޓޭބަލްމަތީ އޮތް ލެޕްޓޮޕް ހުޅުވާލުމަށްފަހު ޕްލޭލިސްޓެއް ތައްޔާރުކޮށްލީ އިނގިރޭސީއާއި ހިންދީ ލަވަތަކުންނެވެ. އެގޮތާ ހިތްހަމަނުޖެހިގެން އަނެއްކާ ދެތިން ދިވެހި ލަވަ ވެސް އެއްކޮށްލުމުން ޝެލިންގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. އޭރު އަނެއްކާ ވާރޭގެ މަޑު ނާނާގެ އަޑު އިވެން ފެށުމާއެކު ޝެލިންއަށް އެ މާހައުލު ނުހަނު ކަމުދިޔައެވެ. ނަމަވެސް ނިދީގެ އަސަރެއް ނެތުމުން އޭނާ އެނދުން ތެދުވިއެވެ. ކުދި ފިޔަވަޅު ތަކެއްގައި ހިނގާފައި ގޮސް އަލަމާރީގެ އެންމެ ތިރީ ވަތްގަނޑުން ނެގި ކެންވަސްއާއި އީސެލް އަދި ފިހިތަކާއި ކުލަ ހިފައިގެން ގޮސް ކޮޓަރީގެ މެދުގައި ހުއްޓިލިއެވެ.

އީސެލްއަށް ކެންވަސް ހެޔޮވަރުކޮށްލުމަށްފަހު އުނަގަނޑާއި ދިމާލުން ފިޔާތޮށި ކުލައިގެ އޭޕްރޯން އައްސާލީ ލައިގެން ހުރި ޓީޝާޓު ހަޑި ވެދާނެތީއެވެ. އެއަށްފަހު އޭޕްރޯންގެ ކުރިމައްޗަށް ވާގޮތަށް ހުރި ދެ ޖީބަށް އެކި ސައިޒުތަކުގެ ފިހިތައް ޖަހާލީ ފަސޭހައަކަށެވެ.
ލޯ މަރާލުމަށްފަހު އޭނާ ސިފަކޮށްލީ ހުވަފެނުގައި ފެނުނު ޒުވާނާއެވެ. އެއާއެކު ކެންވަސްގައި ފިހިން ކުރަހަންފެށީ ލަސް ހަރަކާތަކާއެކުއެވެ.

"އިން ހިއުމަން ބިއުޓީ". ހިތާ ހިތުން ބުނެލުމާއެކު ޝެލިންއަށް ހީލެވުނެވެ. ހަގީގަތުގައި ވެސް އެ ޒުވާނާ ހާދަ ރީއްޗެވެ. ހުވަފެނަކުން ވިޔަސް އެފަދަ ރީތިކަމެއް އޭނާއަށް ފެނުނު އެއީ ފުރަތަމަ ފަހަރެވެ. އެ ޒުވާނާ އެހާ ހާއްސަވީ އެ ސަބަބާ ހުރެހެން ޝެލިންއަށް ހީވިއެވެ.

ދެ ގަޑި އިރުގެ މަސައްކަތް ޝެލިން ހުއްޓާލީ ހިތް ހަމަޖެހޭ ވަރުވުމުންނެވެ. ދެއަތުގައި އިނގިލިތައް މަހާލުމަށްފަހު ވާން ކޮށްލީ އަތް ވާޅުވެފައި ވުމުންނެވެ. އޭރު މީގެ ގަޑިއިރުތަކެއް ކުރި ފެންނަން ހުރި ހުދު ކުލައިގެ ކެންވަސްގައިވީ ރީތި ކުރެހުމެކެވެ. ފުސްގޮތަކަށް ނޫ ކުލައިގެ ކަޅިއެއް ލިބިފައިވާ ޒުވާނާގެ މޫނު އެކަނި ފެންނަވަރަށް ކުރަހާފައިވި ނަމަވެސް ބަލާލަން ނުހަނު ހިތްގައިމެވެ.

** ނުނިމޭ **
(ކޮންމެ އަންގާރަ އަދި ހުކުރު ދުވަހެއްގެ ރޭ 9:00 ގައި)

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. މާސާގެ ވާހަކަ މީހުން ކޮޕީ ކުރަނީއޭ ކިޔާފަ ޕޯސްޓްތައް ހަދާފަ ހުންނަނީ…އެކަމަކު މާސާވެސް މި ހުންނަނީ އެހެން މީހުންގެ ވާހަކަ ކޮޕީކޮށްގެން އަމިއްލަ ވާހަކަ ލިޔެފަ

    15
    12
  2. ވާއު.. މީ ހީވޭކަލާވާހެން ވާހަކައިގެ ދެވަނަ ބައިތަ. ކޮންތާކުން އެބައި ކިޔާލަން ލިބޭނީ. އަލުން ކިޔާލާ ހިތްވެއްޖެ

    7
    7
  3. ތިބުނާ އަސްލު ވާހަކަ ބުނެދޭންވީނު.. މީއަދި މާމޮޅު މީހެއްގެ.. ވާހަކައެއްގެ ދެ އެޕިސޯޑު ކިޔާފަ ކުރިޔަށް ވާން ހުންނަ ހުރިހާއެއް އެއްޗެއް އިނގޭދޯ… ދެރަ ކަންކަން ހަމަޖައްސާލަބަ ދޯ .. ހަޖަމް ޕްލީޒް..

    5
    11

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *