މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފްގެ ޕެރޭޑް ރާއްޖޭގެ 4 ރަށެއްގައި ބާއްވަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެ އެވެ.
އެ އިދާރާ އިން ވިދާޅުވީ އެމްއެންޑީއެފުން ބޭއްވުމަށް ހަމަޖެހިފައިވާ ފުރަތަމަ ޕެރޭޑް އޮންނާނީ މިއަދު ހަވީރު ހއ. އުތީމުގައި ކަމަށެވެ.
މި ޕެރޭޑުގެ ހަރަކާތް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، އިބްރާހީމް މުޙައްމަދު ޞާލިޙްއާއި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ބައްލަވާލައްވާނެ ކަމަށް އެ އިދާރާ އިން ވިދާޅުވެ އެވެ.
މިއަހަރުގެ ޤައުމީ ދުވަސް، ޤައުމީ ފެންވަރުގައި ފާހަގަކުރަނީ ވެސް އުތީމުގަ އެވެ.
އެމްއެންޑީއެފުން ބޭއްވުމަށް ހަމަޖެހިފައިވާ ޕެރޭޑްތައް، ދެން ބާއްވަނީ ނ. ކެނދިކުޅުދޫ، މަނަދޫ އަދި ވެލިދޫގަ އެވެ.
އެގޮތުން ސެޕްޓެންބަރު 28 ވަނަ ދުވަހު ކެނދިކުޅުދޫގައި ޕެރޭޑް ބާއްވާއިރު، ސެޕްޓެންބަރު 29 ވަނަ ދުވަހު އޮންނާނީ ވެލިދޫގަ އެވެ. އަދި ސެޕްޓެންބަރު 30 ވަނަ ދުވަހު ޕެރޭޑް ބޭއްވުމަށް ނިންމާފައި ވަނީ މަނަދޫގަ އެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ މި ރަށްތަކުގައި ކުރިއަށްގެންދާ ޕެރޭޑުގައި ހަރަކާތްތެރިވާނީ އެންމެ ފަހުން ދަސްވެނިވުނު 68 ވަނަ އަސާސީ ތަމްރީނު ކޯހުގެ ސިފަައިން ކަމަށެވެ. އަދި، ޕެރޭޑް ކުރިއަށްދާ ވަގުތުތަކުގައި އެމްއެންޑީއެފް އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްގެ މިލިޓަރީ ބޭންޑުގައި ރާގު ކުޅެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!