ހދ. ހަނިމާދޫ އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި އަންނަ އާދީއްތަ ދުވަހު ސޮއި ކުރަން ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިޢްވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

މިޢްވާން މިހެން ވިދާޅުވީ، ސަރުކާރުންކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން ރާއްޖޭގެ މީޑިއާތަކަށް މަޢުލޫމާތު ޙިއްޞާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ.

Ad
rt

ބޮޑު ތިލަދުންްމައްޗަށް މިސަރުކާރުން މިގެންނަނީ ބޮޑު ބަދަލެއް ކަމަށް ވިދާޅުވެ ދެއްކެވި ވާހަކާގައި މިޢްވާން ވިދާޅުވީ، ބޮޑުތިލަދުންމަތީގެ ތަރައްޤީއާއި ގުޅިފައިވާ އެންމެ ބޮޑު އެއް މަޝްރޫޢުކަމުގައިވާ، ހަނިމާދޫ އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި އަންނަ ހަފްތާގެ އާދިއްތަ ދުވަހު ސޮއިކުރެވޭނެ ކަމަށެވެ.

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓްގެ މަސައްކަތް ނިންމާލެވޭކަމަށް ސަރުކާރުން އުންމީދު ކުރަނީ، 2024 ވަނަ އަހަރު ނިމެންވާއިރަށްކަމަށް ވެސް މިޢްވާން ވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރާއިރު އެއާބަސް A320 އާއި، ބޮއިން 737 މަރުކާގެ ބޯޓުފަހަރަށް ހިދުމަތް ދެވޭ ގޮތަށް، 2.46 ކިލޯމީޓަރުގެ އާ ރަންވޭއެއް އަޅާނެއެވެ. އަދި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އެ ޕްރޮޖެކްޓާއެކު މެދުއިރުމައްޗާއި، ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާ އަދި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސިދާ ފްލައިޓްތައް ހަނިމާދުއަށް އޮޕަރޭޓް ކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.

ނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ބީލަން ކާމިޔާބުކޮށްފައި ވަނީ، އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއަ އެވެ. އެ ކުންފުންޏަށް މި މަޝްރޫއު އެވޯޑުކޮށް ފައިވާއިރު، މަޝްރޫޢުގެ އަގަކީ 2 ބިލިއަން ރުފިޔާ އެވެ.

މި ޕްރޮޖެކްޓަކީ އިންޑިއާގެ އެގްޒިމް ބެންކާއި ރާއްޖެއާ ދެމެދު 2019 ވަނަ އަހަރު ސޮއިކުރި 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓަށް ދޫކޮށްފައި ވަނީ އޭގެ ތެރެއިން 137 މިލިއަން ޑޮލަރެވެ.