ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރާއިރު، ހދ. އަތޮޅު ރައްޔިތުންނާއި މެންބަރުންގެ އިހުސާސްތައް ހުރިގޮތް ކަމާބެހޭ މުވައްސަސާތަކުގެ ވެރިންނާއި ސަރުކާރަށް އިހުސާސް ވޭތޯ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ސުވާލު އުފައްދައިފި އެވެ.
މިމަހުގެ 29 ވަނަ ދުވަހު ކްރޮސްރޯޑްސްގައި ބޭއްވުމަށް ހަމަޖެހިފައިވާ، ޓޫރިޒަމް އިންޑަސްޓްރީ އަށް 50 އަހަރުފުރުމާއި ގުޅިގެން ބާއްވާ ހަރަކާތުގެ ދައުވަތުކާޑުގެ ފޮޓޯ އެއް ހިއްސާ ކުރައްވަމުން، ރާޢީ ކުރެއްވި ޓުވީޓުގައި ވިދާޅުވީ، ފަތުރުވެރިކަމަށް 50 އަހަރުފުރޭ ރަންޔޫބީލް ފާހަގަ ކުރާއިރު، ހދ އަތޮޅުގައި ރިސޯޓެއް ނެތުމުގެ ސަބަބުން އެކަމާ ކަންބޮޑުވެލައްވާ ކަމަށެވެ.
ރާއީ ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމްގެ ގޯލްޑަން އަހަރު ފާހަގަކުރަން ތައްޔާރުވަމުންދާއިރު މުޅި އަތޮޅުގެ ރައްޔިތުންނާއި މަޖިލިސް މެމްބަރުންގެ އިހުސާސްތައް ހުރިގޮތް ކަމާބެހޭ މުވައްސަސާތަކުގެ ވެރިންނާއި ސަރުކާރަށް އިހުސާސް ވޭތޯ ވިދާޅުވެފައެވެ.
އެކަމުގެ އުއްމީދުގައި ހުންނެވި ކަމަށް ވިދާޅުވެ ރާއީ ވަނީ ޓޫރިޒަމް މިނިސްޓްރީވެސް އެ ޓުވީޓުގައި ޓެގް ކުރައްވާފައެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރު ފުރިގެން ދިޔައިރު، ހދ. އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީވުމުގެ މަންޒަރެއް ފެނިވަޑައިނުގަންނަވާތީ މީގެ ކުރިންވެސް ރާޢީ އާއި ހދ. އަތޮޅަށް ނިސްބަތްވާ ބައެއް މެންބަރުން އަންނަނީ ކަންބޮޑުވުން ފާޅުކޮށް އަޑު އުފުލަމުންނެވެ.
ހދ. އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީ ނުވެ އޮތް މައްސަލައަކީ އަބަދުވެސް ދައްކަމުން އަންނަ ވާހަކައެކެވެ. މިސަރުކާރުން ހދ. އަތޮޅުގައި ފަތުރުވެރިކަން ތަރައްޤީ ކުރުމަށް އިތުރު ރަށްތަކެއް ބިޑަށް ހުޅުވާލި އެވެ. ނަމަވެސް އެއްވެސް ފަރާތަކުން އެރަށްތަކަށް ބިޑްކޮށްފައެއް ނުވެއެވެ. ހުއްޓިފައިވާ ނާގޯށީގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށޭނެ ކަމުގެ ފެހި ސިގުނަލް ދެމުން އަންނަތާ ލައްކަ ދުވަސް ވެއްޖެ އެވެ. ނަމަވެސް އެކަމަށްވެސް އަލިމަގެއް ނުފެނެއެވެ. ޓޫރިސްޓު ރިސޯޓެއް ތަރައްޤީ ކުރުމަށް މީގެ 16 ވަރަކަށް އަހަރު ކުރިން އެވޯޑުކޮށްފައިވާ ކުޑަމުރައިދޫ އޮތީ އަދިވެސް އޮތްގޮތަށް އަތްވެސް ނުލައެވެ.
ހދ. އަތޮޅުގައި މިވަގުތު ހިންގަމުން އަންނަނީ އެންމެ ރިސޯޓެކެވެ. އެއީ ހޮނޑާފުށި ރިސޯޓެވެ. އެއީ ރިސޯޓު މުވައްޒަފުންނަށް ދޭ ސާވިސްޗާޖު އެންމެ ކުޑަކޮށް ދިނުމުގައި މަޝްހޫރުކަން ހޯދާފައިވާ އެންމެ މަދު ދިވެހިން މަސައްކަތް ކުރާ ރިސޯޓުވެސް މެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!