ދުރު ރާސްތާއަށް ޑޭޓާ ފޮނުވުމުގައި މިހާރު ބޭނުންކުރަމުން އަންނަ ކޭބަލްތަކަށް ވުރެ 30 ޕަސެންޓް އަވަހަށް ޑޭޓާ ދައުރުކޮށްދޭ އައު ފައިބާ އޮޕްޓިކް ޓެކްނޮލޮޖީއެއް ޗައިނާއިން ތަރައްގީކޮށްފިއެވެ.

މި އައު ކުރިއެރުން ހޯދާފައިވަނީ ޗައިނާ ޓެލެކޮމް އަދި ޔަންގްޒީ އޮޕްޓިކަލް ފައިބާ އެންޑް ކޭބަލް (ވައިއޯއެފްސީ) ގުޅިގެން ކުރިއަށްގެންދިޔަ ދިރާސާއަކުންނެވެ.

Ad
rt

އޮޕްޓިކަލް ޓެކްނޮލޮޖީއަށް ގެނައި މި ބޮޑު އިންގިލާބު ބިނާވެފައިވަނީ "ހޮލޯ-ކޯ އޮޕްޓިކަލް ފައިބާ" (އެޗްސީއެފް) ގެ މައްޗަށެވެ. އާދައިގެ އޮޕްޓިކަލް ކޭބަލްތަކުގައި އަލީގެ ސިގްނަލްތައް ދަތުރުކުރަނީ ބިއްލޫރި ނުވަތަ ސޮލިޑް ގްލާސް ކޯއެއްގެ ތެރެއިން ކަމަށްވާތީ، ވެކިއުމްއާ އަޅާބަލާއިރު އަލީގެ ދުވެލި މަޑުވެއެވެ. ނަމަވެސް އެޗްސީއެފް ޓެކްނޮލޮޖީގައި އަލި ދަތުރުކުރަނީ ވައި ނުވަތަ ގޭސް ހިމެނޭ ހޮޅިތަކެއްގެ ތެރެއިން ކަމަށްވާތީ، ބިއްލޫރިއަށް ވުރެ ވައިގެ ތެރޭގައި އަލި ދަތުރުކުރާ ދުވެލި ގާތްގަނޑަކަށް 38 ޕަސެންޓް އަވަސްވެއެވެ. މީގެ ސަބަބުން ދުރު ރާސްތާއަށް ސިގްނަލް ފޮނުވުމުގައި ހޭދަވާ ވަގުތު ނުވަތަ ލެޓެންސީ ގާތްގަނޑަކަށް 30 ޕަސެންޓަށް ކުޑަކޮށްދެއެވެ.

ޗައިނާގެ ރިސާޗް ޓީމުން ވަނީ 1،007 ކިލޯމީޓަރުގެ ދިގުމިނަށް އެޗްސީއެފް ކޭބަލް އަޅައިގެން ދެކޮޅަށް ވަގުތުން ޑޭޓާ ފޮނުވުމުގެ ޓެސްޓުތައް ކާމިޔާބުކަމާއެކު ނިންމާފައެވެ. މިއީ ދުރު ރާސްތާއަށް މި ޓެކްނޮލޮޖީ ބޭނުންކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.

މި ޓެސްޓްތަކުން ދެއްކި ގޮތުގައި 1،000 ކިލޯމީޓަރުގެ ދުރުމިނަށް އެއްކޮޅުން އަނެއްކޮޅަށް ޑޭޓާ ދަތުރުކުރުމަށް ނެގީ އެންމެ 3.43 މިލިސިކުންތެވެ. މިއީ އާދައިގެ ސޮލިޑް-ކޯ ގްލާސް ފައިބަރުން އެ މިންވަރަށް ޑޭޓާ ދަތުރުކުރުމަށް ނަގާ ގާތްގަނޑަކަށް 4.9 މިލިސިކުންތާ އަޅާބަލާއިރު ވަރަށް ބޮޑު ކުރިއެރުމެކެވެ.

އަދި މީގެ އިތުރުން، މި ނިޒާމު މެދުވެރިކޮށް 1،000 ކިލޯމީޓަރުގެ ދުރުމިނަށް، ކޮންމެ ދިމާލަކަށް ސިކުންތަކު 64 ޓެރާބިޓްސްގެ މަތީ ދުވެލީގައި ޑޭޓާ ފޮނުވޭނެކަން ވަނީ ސާބިތުކޮށްދީފައެވެ. އަދި ކުރު ރާސްތާގެ އިތުރުން މަލްޓިކޯ ތަހުލީލުތަކުގައި ޗައިނާގެ ޓީމުތަކުން ވަނީ ޑޭޓާ ފޮނުވޭ މިންވަރު ޕެޓާބިޓްގެ މިންގަނޑަށް ވެސް މަތިކޮށްފައެވެ.

މި ކުރިއެރުމަކީ ޓެކްނޮލޮޖީގެ ދާއިރާއަށް، ޚާއްސަކޮށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި ޑޭޓާ ސެންޓަރުތަކަށް ވަރަށް މުހިންމު ބަދަލެކެވެ. އޭއައިގެ ބޮޑެތި މޮޑެލްތައް ތަމްރީނުކުރުމަށްޓަކައި އެކި ސަރަހައްދުތަކުގައި ހުންނަ ޑޭޓާ ސެންޓަރުތަކުގެ މެދުގައި ބޮޑު ބޭންޑްވިޑްތަކާއި ދަށް ލެޓެންސީއެއް ބޭނުންވާއިރު، ޑޭޓާ ދައުރުވާ ވަގުތު 30 ޕަސެންޓް އަވަސްވުމުން ވަގުތުން ކުރަންޖެހޭ އޭއައިގެ މަސައްކަތްތަކަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

ހަމައެއާއެކު، މާލީ މުއާމަލާތްތައް އަވަސް ދުވެލީގައި ކުރިއަށްގެންދާ "ހައި-ފްރީކުއެންސީ ޓްރޭޑިން" ނެޓްވޯކްތަކަށާއި، ކުރިއަށް އޮތް 6ޖީ ޓެކްނޮލޮޖީގައި ރިއަލް-ޓައިމް އެޖް އޭއައި އަދި ސްޕޭޝަލް ކޮމްޕިއުޓިންއަށް ބޭނުންވާ މަތީ ދުވެއްޔާއި ދަށް ލެޓެންސީ ފޯރުކޮށްދިނުމުގައި ވެސް މި އައު ފައިބާ ޓެކްނޮލޮޖީ މުހިންމު ދައުރެއް އަދާކުރާނެއެވެ.