އުރީދޫ މޯލްޑިވްސް އިން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ "އުރީދޫ ފަން ރަން 2026" ގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު، މި ހިނގާ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި އަދި އެންމެ ކުލަގަދަ ދުވުމުގެ ގޮތުގައި ފާހަގަކުރެވޭ މި ހަރަކާތް މިއަހަރު އޮންނާނީ އަންނަ ޑިސެމްބަރު މަހުގެ 11 ވަނަ ދުވަހު ހުޅުމާލޭގަ އެވެ. މިއީ އާއިލާތަކާއި ރައްޓެހިންނާ އެކު މަޖާ މާހައުލެއްގައި ވަގުތު ހޭދަކޮށްލުމަށް ކޮންމެ އަހަރަކު ވެސް ގިނަ ބައެއްގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ހަރަކާތެކެވެ.

Ad
rt

ފަސް ކިލޯމީޓަރުގެ މި ދުވުމުގައި ބައިވެރިވެވޭނީ އުމުރުން ހަ އަހަރުން މަތީގެ ފަރާތްތަކަށެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ވާދަވެރި ރޭހަކަށް ނުވާތީ، ބައިވެރިންނަށް ހިނގާފައި، ޖޮގްކޮށްފައި ނުވަތަ ނަށަމުން ވެސް މި ދުވުން ނިންމާލެވިދާނެ އެވެ. އަދި ދުވުމުގެ މަގުމަތީގައި މަޖާ އޮބްސްޓެކަލްތަކާއި ތަފާތު އެކި ހަރަކާތްތައް ކުރިއަށްދާނެ ކަމަށް ވެސް ހާމަކޮށްފައިވެ އެވެ.

މި ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން ދެ ކިޓެއް ތައާރަފުކޮށްފައިވެ އެވެ. އެއީ 110 ރުފިޔާގެ ސްޓޭންޑާޑް ކިޓާއި 210 ރުފިޔާގެ ފަން ކިޓެވެ. މީގެ ތެރެއިން ސްޓޭންޑާޑް ކިޓުގައި ފަން ރަން ޓީޝާޓާއި، މަލްޓިޕާޕަސް ބަންޑާނާ އަދި ބިބް ހިމެނެ އެވެ.

އަގު ތަންކޮޅެއް ބޮޑު ފަން ކިޓުގައި، ޓީޝާޓާއި ބަންޑާނާގެ އިތުރުން ދަބަހަކާއި އައިގްލާސް ހިމެނެ އެވެ. މީގެ އިތުރުން، އޮކްޓޫބަރު 31 ގެ ކުރިން ރަޖިސްޓްރީވި ފަރާތްތަކަށް އެއްވެސް އިތުރު އަގަކާ ނުލައި، ދުވުމުގައި ބޭނުންކުރާ ބިބްގައި އެ ފަރާތްތަކުން ބޭނުންވާ ނަމެއް ޖެހުމުގެ ފުރުސަތު ވަނީ ދީފަ އެވެ.

މި އިވެންޓުގެ ފޯރި އިތުރަށް ގަދަކުރުމުގެ ގޮތުން ޕްރީ އިވެންޓު ހަރަކާތްތަކެއް ވެސް ބޭއްވުމަށް ވަނީ ރާވާފަ އެވެ. އެގޮތުން، ދުވުން ބޭއްވުމުގެ ކުރީ ދުވަސް ކަމަށްވާ ޑިސެމްބަރު 10 ވަނަ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ކުޑަކުދިންގެ ހަވީރެއް ކުރިއަށްދާނެ އެވެ. އަދި އެރޭ 8:00 އިން ފެށިގެން ދަންވަރު 12:00 އާ ހަމައަށް ހާއްސަ މިއުޒިކް ޝޯއެއް ވެސް އޮންނާނެ އެވެ.

މިދިޔަ އަހަރު ހުޅުމާލޭގައި ބޭއްވި މި ދުވުމުގައި ވެސް 7،500 އަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވެ އެވެ. މިއަހަރުގެ ދުވުމަށް ވެސް ގިނަ ބައެއްގެ ފަރާތުން ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަން ފާހަގަކުރެވެ އެވެ.