ށ. ޅައިމަގަށް ނަގޫރޯޅިއެއް އަރައި އެ ރަށުގެ ބައެއް ގެތަކަށާއި ގުދަންތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ، ޅައިމަގަށް އެރި ނަގޫރޯޅީގެ ސަބަބުން ވިއްސައިގެން ދިޔަ ޓިނުގަނޑަކުން ޖެހި މީހެއްގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށެވެ. އަދި އެ މީހާއަށް މިހާރު ދަނީ ފަރުވާ ދެމުންނެވެ.
މި ހާދިސާގައި އެ ރަށުގެ ހަތަރެއް ވަރަކަށް ގޭގެ ފުރާޅަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެންޑީއެމްއޭ އިން މައުލޫމާތު ދެއެވެ.
އާންމުން ދިރިއުޅޭ ގޭގޭގެ އިތުރުން، އެ ރަށުގައި ހުރި ބައެއް ގުދަންތަކުގެ ފުރާޅަށް ވެސް މި ނަގޫރޯޅީގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ އިދާރާއިން ފާހަގަކުރެ އެވެ.
މި ހާދިސާއާ ގުޅިގެން ނަގޫރޯޅި އެރުމުގެ ސަބަބުން ރަށަށް ލިބުނު އެކިއެކި ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ޅައިމަގު ކައުންސިލުން މިހާރު ދަނީ ކުރަމުންނެވެ.
އެ ރަށަށް ލިބުނު ގެއްލުންތަކުގެ ތަފުސީލު ކައުންސިލް އިދާރާއިން ބަލައި ވަޒަންކުރަމުން އަންނައިރު، މި ހާދިސާގެ މައުލޫމާތު ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށްފައިވާ ކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!