ޕޮލެންޑުގެ ކްރަކޯވް ސިޓީގެ މައި މައިދާނަށް ކާރެއްގައި ވަދެގަތް މީހަކު، މަގުމަތިން ދިޔަ އާންމުންނަށް އަމާޒުކޮށް ބަޑިޖަހައި ފަސް މީހަކު މަރާލައި، ދިހައަކަށް ވުރެ ގިނަ މީހުން ޒަޚަމްކޮށްލައިފިއެވެ.
މި ޓެރަރިސްޓް ހަމަލާގައި ޒަޚަމްވި މީހުންގެ ތެރޭގައި ފުލުހުންގެ އޮފިސަރުން ވެސް ހިމެނެއެވެ.
ޔޫކްރެއިންގެ ޔޫއެންއެން ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހުގެ މެންދުރުފަހު ގާތްގަނޑަކަށް 3:00 ހާއިރު، ކްރަކޯވްގެ މައި މާކެޓް މައިދާން (ރައިނެކް ގްލޮވްނީ) ގައެވެ. ހަމަލާދިން މީހާ ކާރުގައި މައިދާނުގެ ތެރެއަށް ވަދެގަތުމަށްފަހު، އެއްވެސް ބެލުމެއް ނެތި އެ ސަރަހައްދުގައި ތިބި އާންމުންނަށް ވަނީ ބަޑިން ހަމަލާދޭން ފަށައިފައެވެ.
މަންޒަރު ދުށް ފަރާތްތަކާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުގައި، މައިދާނުގެ އެކި ދިމާލުން ބަޑީގެ ގަދަފަދަ އަޑުތައް އިވި، އެ ސަރަހައްދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނެވެ. މި ހާދިސާ ހިނގި ވަގުތު ފުރަތަމަ ރިޕޯޓުތަކުން ދެ މީހަކު މަރުވެ އަށް މީހުން ޒަޚަމްވި ކަމަށް ބުނި ނަމަވެސް، ފަހުން މަރުވި މީހުންގެ އަދަދު ފަހަކަށް އަރާފައިވާ ކަމަށާއި، އަނިޔާވި މީހުންގެ އަދަދު ދިހައަކަށް ވުރެ މައްޗަށް ގޮސްފައިވާ ކަމަށް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.
ފުލުހުން ބުނި ގޮތުގައި ހަމަލާދިން މީހާ މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހައްޔަރުކުރެވުނީ ފުލުހުން ދިން ބަޑީގެ ހަމަލާތަކެއްގައި އޭނާ ޒަޚަމްވުމާ ގުޅިގެންނެވެ. އަދި ޒަޚަމްވި ހަމަލާދާރަށް ފަރުވާ ދިނުމަށް މިހާރު ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، ހާދިސާ ހިނގި ސަރަހައްދު ބަންދުކޮށް ކަމާބެހޭ އިދާރާތަކުން ދަނީ ޚާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ.
މި ހާދިސާއާ ގުޅިގެން ޕޮލެންޑުގެ ބޮޑުވަޒީރު ޑޮނަލްޑް ޓުސްކް ވިދާޅުވީ، ކްރަކޯވްގައި ހިނގައިދިޔަ ހިތާމަވެރި ބަޑިޖެހުމުގެ ހާދިސާއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު އެ ގައުމުގެ ދާޚިލީ ވަޒީރު މެދުކެނޑުމެއް ނެތި އެމަނިކުފާނަށް އަރުވަމުން ގެންދަވާ ކަމަށެވެ. އަދި ހަމަލާ ދޭން މެދުވެރިވި ސަބަބުތަކާއި، މި ހާދިސާއާ ގުޅުންހުރި އެންމެހައި ކަންކަން ފުލުހުން ފުރިހަމައަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.
ކްރަކޯވްގެ މައި މައިދާނުގައި ހިނގި މި ބަޑިޖެހުމުގެ ހާދިސާއާ ގުޅިގެން ފުލުހުން މިހާރު ދަނީ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ހިންގައި، ހާދިސާ ހިނގަން މެދުވެރިވި ހަގީގަތް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!