ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔާކުރިކަން އިއުލާނުކުރުމަށްފަހު، ޕޯޗުގަލްގެ ދުވަސްވީ ކެޕްޓަން ދޫކޮށްދަނީ އޮޅުންބޮޅުން ބޮޑު ތާރީޚެކެވެ.

ގޯލުގެ ހުރަސްދަނޑި މަތިން ބޭރަށް ދިޔަ ހިތްގައިމު ވޮލީއަކާއި، އޭނާގެ ހާއްސަ ސްޓައިލުގެ ހިލޭޖެހުން ވޯލްގައި ޖެހި ބޭރުވުމާއި، އަދި އޮފްސައިޑް ލަނޑަކާ ގުޅިގެން ކުރުކޮށްލަން ޖެހުނު ފޯރިގަދަ އުފާފާޅުކުރުމެކެވެ.

Ad
rt

ގިނަ ގޮތްގޮތުން ބަލާއިރު، ޕޯޗުގަލްއަށް ކުޅެދިން އެންމެ ފަހު މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ތަހައްމަލުކުރި މާޔޫސްކަމަކީ، އޭނާގެ ހަގީގަތް މިހާރު ބަދަލުވެފައިވާ މިންވަރު ހާމަކޮށްދިން ކަމެކެވެ – އެއީ ފުޓްބޯޅައިގެ ތާރީޚު ދުށް އެންމެ ނުރައްކާތެރި އެއް ކުޅުންތެރިޔާ، ޓީމަށް ބުރައަކަށް ވެގެން ދިޔުމެވެ.

ގިނަ ބަޔަކު ދެކޭގޮތުގައި ރޮނާލްޑޯގެ ވެއްޓުން މިއަށްވުރެ ހިތްދަތި އަދި ރަހުމުކުޑަ އެހެން ގޮތަކަށް ނުނިމޭނެއެވެ.

މަޑޭރާއަށް އުފަން މި ކުޅުންތެރިޔާ ވަނީ އޭނާގެ ހައިރާންކުރުވަނިވި ހުނަރާއި، އުމުރަށް ގޮންޖަހާ ވަރުގަދަ ކުޅިވަރުގެ ޤާބިލުކަމާއި، އަދި ބޮޑު ޝަޚުސިއްޔަތުން އެތައް އަހަރެއް ވަންދެން މުޅި ދުނިޔެ ހައިރާންކޮށްލާފައެވެ. ނަމަވެސް އޭނާގެ ބައިނަލްއަގުވާމީ ކެރިއަރުގެ އެންމެ ފަހު ބާބު ނިމިގެންދިޔައީ ފުރިހަމަ ފުލޯކު ވާހަކައެއްގެ ނިމުން ފަދަ ގޮތަކަކަށް ނޫނެވެ. އެއީ އޭނާގެ ކާމިޔާބީން ފުރިގެންވި ދަތުރުގެ ހަނދާންނައްތާލަން ބޭނުންވާ ފަދަ ނިމުމެކެވެ.

ރޮނާލްޑޯ ގައުމީ ޓީމާ ވަކިވެގެން ދިޔައީ ގިނަ ފުޓްބޯޅަ ކުޅުންތެރިންނަށް ހަމައެކަނި ހުވަފެނުން ފެންނާނެ ފަދަ އަމިއްލަ ރެކޯޑުތަކަކާ އެކުގައެވެ: ބައިނަލްއަގުވާމީ މެޗުތަކުގައި އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑު (234) އަދި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑެވެ (146).

"ޕޯޗުގަލްއަކީ އަބަދުވެސް އަހަރެންގެ ބައެއް،" 2003 ވަނަ އަހަރު އޭނާ އަލަށް ކުޅެން ފެށި ޓީމަށް އަލްވަދާއު ކިޔަމުން، ބުރާސްފަތި ދުވަހު ހިއްސާކުރި ފަސް މިނެޓުގެ ވީޑިއޯއެއްގައި އުމުރުން 41 އަހަރުގެ ކުޅުންތެރިޔާ ބުންޏެވެ.

ނަމަވެސް އޭނާ ބައިނަލްއަގުވާމީ ފުޓްބޯޅައިން ރިޓަޔާކުރުމަކީ މާ ބޮޑު ހައިރާންކަމެއް ގެނުވި ކަމެއް ނޫނެވެ.

މި އިއުލާނާ ހަމައަށް ދިޔަ ހަފުތާތަކުގައި، ރޮނާލްޑޯ ހުރީ ބޮޑު މައްސަލައެއްގެ މެދުގައެވެ. މިއީ ޕޯޗުގަލްގެ ދުވަސްވީ ކެޕްޓަންގެ ދަތުރުގެ ނިމުންތޯ ސަޕޯޓަރުންނާއި ފާޑުކިޔުންތެރިން އައީ ސުވާލު އުފައްދަމުންނެވެ.

ދަނޑުމަތީގައި މި ފޯވާޑްގެ ނުފޫޒު ކުޑަވަމުން ދިޔުމާއި، ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސަސްއާ ދެމެދު އުފެދުނު ފާޅުކަން ބޮޑު ދެބަސްވުންތަކާއި، އަދި ކޭމްޕު ދޫކޮށް ދިޔުމަށްފަހު ނެރުނު ގާތްގަނޑަކަށް 2،000 ބަހުގެ ބަޔާނަކީ ދުނިޔޭގެ ފުޓްބޯޅަ ދުނިޔޭގައި އަނގަތަޅަން ލިބުނު ފުރިހަމަ ފުރުސަތެކެވެ. އަދި އެންމެ ފަހުން ރިޓަޔާމަންޓަށް މަގުފަހިވި ސަބަބެވެ.

"އޭނާ ބޭނުންވީ މެނޭޖަރު ނުކުމެ، 'އަހަރެން މި އިރުއޮއްސުވީ ޕެލޭ އަދި [ޑިއޭގޯ] މަރަޑޯނާ ފަދަ ފެންވަރުގެ ކުޅުންތެރިއެކޭ' ބުނަން،" ލިވަޕޫލްގެ ކުރީގެ ކުޅުންތެރިޔާ އަދި މިހާރުގެ އެނަލިސްޓް ޖޭމީ ކެރަގާ ދަ އޯވަލެޕް ޕޮޑްކާސްޓުގައި ބުންޏެވެ.

"އަމިއްލަ ނަފްސާ ބެހޭގޮތުން އެހެން ބުނާނީ ކިހިނެއް؟ އެއީ މޮޔަކަމެއް ނޫންތަ؟" އޭނާ ބުނެފަވެއެވެ.

ޕޯޗުގަލްއަށް ރޮނާލްޑޯގެ ނުފޫޒު ކުޑަވަމުން ދިޔުން

ދެ އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން، ރޮނާލްޑޯ ވަނީ ޕޯޗުގަލްގެ ޖާޒީގައި އޭނާއަށް ސަމާލުކަން ނުދީ ދޫކޮށްނުލެވޭނެ ފަދަ ކުޅުންތެރިއަކަށް ވެފައެވެ. އޭނާ ވަނީ ސެލެސާއޯއަށް އެ ގައުމުގެ ފުރަތަމަ ބޮޑު ތަށި ކަމަށްވާ ޔޫރޯ 2016 ގެ ތަށި ހޯދައިދީފައެވެ. އަދި އޭގެ ފަހުން 2019 އަދި 2025 ގައި ދެ ނޭޝަންސް ލީގު ތަށި އިތުރުކުރިއެވެ.

ނަމަވެސް މި އޮއިވަރު ބަދަލުވާން ފެށީ 2022 ގައެވެ.

ބަތަލެއްގެ ގޮތުގައި ފާހަގަކުރެވެމުން އައި ރޮނާލްޑޯ، ގަތަރުގައި ބޭއްވި ވޯލްޑް ކަޕުގައި މަޑުމަޑުން ބަދަލުވެގެން ދިޔައީ "ވިލަން" އަކަށެވެ. ލަނޑު ނުޖެހުމުގެ ސަބަބުން ނޮކައުޓް މަރުހަލާގެ މުހިންމު ދެ މެޗެއްގައި އޭނާ ބެންޗަށް ބަދަލުކުރެވުނުއިރު، ކުއާޓާ ފައިނަލުން ޕޯޗުގަލް ކަޓައިގެން ދިޔުމާއެކު އޭނާގެ ކުޅުމަށާއި މިޒާޖަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ.

މި މަންޒަރު ޔޫރޯ 2024 ގައި ތަކުރާރުވިއިރު، ފީފާ ވޯލްޑް ކަޕް 2026 ވެގެންދިޔައީ ކުޅިވަރުގެ އެންމެ ބޮޑު މައިދާނުގައި އޭނާ ފެނިގެންދިޔަ އެންމެ ފަހު މުބާރާތަށެވެ. މި މުބާރާތުގައި އޭނާ ތިން ލަނޑު ޖެހިއިރު، އޭގެ ތެރޭގައި ވޯލްޑް ކަޕްގެ ނޮކައުޓް މަރުހަލާގައި އޭނާ ޖެހި ފުރަތަމަ އަދި ހަމައެކަނި ލަނޑު ހިމެނެއެވެ.

އުތުރު އެމެރިކާގައި ބޭއްވި އެންމެ ބޮޑު ވޯލްޑް ކަޕުން އޭނާ ވަކިވެގެން ދިޔައީ ހަ ވޯލްޑް ކަޕެއްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފާއެކުގައެވެ. ނަމަވެސް އެ އަމިއްލަ ކާމިޔާބީތައް، އޭނާ އެންމެ ބޭނުންވި ވޯލްޑް ކަޕް ތަށްޓަކަށް ބަދަލެއް ނުކުރެވުނެވެ. ގަދަ 16 ގެ ބުރުގައި އެ ފަހަރުގެ ޗެމްޕިއަން ސްޕެއިން އަތުން ޕޯޗުގަލް ބަލިވުމާއެކު، ދުނިޔޭގެ ޗެމްޕިއަންކަން ހޯދުމަށް ރޮނާލްޑޯ ދެކެމުން އައި ހުވަފެން ހަގީގަތަކަށް ނުވެ ނިމިގެންދިޔައެވެ.

"އަހަރެން ޔޫރޯ 2016 ކާމިޔާބުކުރިން. އަދި އަހަންނަށް އެ މުބާރާތް ވޯލްޑް ކަޕާ އެއްވަރަށް މުހިންމު. އެ ހަނދާންތައް އަބަދުވެސް އަހަންނާއެކު ވާނެ،" އެ ހިތި ނިމުމާ މެދު ހިތްހަމަޖައްސާލަމުން ފަސް ފަހަރު ބެލޮންޑިއޯ ހޯދި ކުޅުންތެރިޔާ މި އަހަރު ބުންޏެވެ.

ވިދާލި މަޝްހޫރު ނަމެއް

ރޮނާލްޑޯގެ ކެރިއަރުގެ ބޮޑުބައެއްގައި އޭނާ އަޅާކިޔެމުން ދިޔައީ އާޖެންޓީނާގެ ލެޖެންޑް ލިއޮނަލް މެސީއާއެވެ. މި ދެ ކުޅުންތެރިންގެ ސަބަބުން "ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ" (ގޯޓް) އަކީ ކާކުތޯ ބެލުމުގެ ބަހުސް ވަރަށް ބޮޑަށް ހޫނުވެގެންދިޔައެވެ. އެހެންކަމުން، ބައިނަލްއަގުވާމީ ފުޓްބޯޅަ ކުޅުން ހުއްޓާލުމުގައި ރޮނާލްޑޯ، މެސީގެ ފިޔަވަޅުމަތިން ހިނގުމަކީ ވަރަށް ފުރިހަމަ އަދި ޝައުގުވެރި އިއްތިފާގެކެވެ.
ނަމަވެސް، އެ ދެ ކުޅުންތެރިން އަލްވަދާއު ކީ ގޮތުގައި ބޮޑެތި ތަފާތުތަކެއް ހުއްޓެވެ. ޖެހިޖެހިގެން ދެވަނަ ފަހަރަށް އާޖެންޓީނާ ވޯލްޑް ކަޕް ފައިނަލަށް ގެންގޮސްދިނުމަށްފަހު މެސީ އަލްވަދާއު ކީ ބޮޑު އުފާފާޅުކުރުމަކާ އެކުގައެވެ. އޭގެ އިދިކޮޅަށް، ރޮނާލްޑޯ މި މައިދާން ދޫކޮށްލަނީ ޕޯޗުގަލް ޓީމުގެ ތެރޭގައި އުފެދުނު ނުތަނަވަސް ދުވަސްތަކަކަށް ފަހުގައެވެ. އަދި ފަހަރެއްގައި ދަނޑުމަތިން ރަނގަޅު ވަދާއީ ސަލާމެއް ކުރުމުގެ ފުރުސަތު ވެސް ނުލިބިއެވެ.
އެހެން ނަމަވެސް، ރޮނާލްޑޯގެ މި ނިންމުމާއެކު ފުޓްބޯޅަ އާއިލާގެ އެކި ފަރާތްތަކުންނާއި ސަޕޯޓަރުންގެ ފަރާތުން އޭނާއަށް އޮތް ލޯބި ވަރަށް ބޮޑަށް ބަންޑުންކޮށްލިއެވެ.
ކްލަބާއި ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއްގެ ކުޑައިރުގެ ނަމޫނާއެއްގެ ގޮތުގައި ގިނައިން ސިފަކުރެވޭ ރޮނާލްޑޯއަކީ މި ދުނިޔޭގައި ހުރި އެންމެ މަޝްހޫރު އެކަކެވެ.
ކައިރީގައި އޮތް ޕާކަކަށް ހިނގައިލިޔަސް، "ރޮނާލްޑޯ 7" ޖާޒީ ލައިގެން ބޯޅަ ކުޅެން އުޅޭ ކުއްޖަކު ފެނުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.
ގައުމީ ޓީމަށާއި ކުޅުނު ކްލަބުތަކަށް ވިޔަފާރީގެ ގޮތުން ވެސް ބޮޑު ނަފާއެއް ހޯދައިދިން ރޮނާލްޑޯގެ މަގުބޫލުކަން ކުޅިވަރުގެ ދާއިރާއަށް ވުރެ މާ ދުރަށް ފުޅާވެގެން ދިޔައެވެ.
"ކްރިސްޓިއާނޯ ފަދައިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފުޓްބޯޅަ ސަޕޯޓަރުންގެ ހިތްތައް އަތުލައިގަތް ކުޅުންތެރިން ވަރަށް މަދުވާނެ،" ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އޭނާއާ ބެހޭގޮތުން ވިދާޅުވިއެވެ.
"އެއީ އާދަޔާޚިލާފު ހުނަރާއި، ހުއްޓުމެއްނެތް އަޒުމާއި، އަދި ކުރެވިދާނެ ކަންކަމުގެ އިންތައް ފަހަނައަޅައި ދިއުމަށް އޮތް ވަރުގަދަ އެދުމުން ސިފަވެގެންދިޔަ ކެރިއަރެއް."

ރޮނާލްޑޯއާ މެދު އަބަދުވެސް އޮންނަނީ ޚިޔާލު ތަފާތުވުންތަކެއް

އެހެންނަމަވެސް، މަޝްހޫރުކަމާއެކު ފާޑުކިޔުންތައް ވެސް އިތުރުވެގެންދެއެވެ.
އޭނާގެ ހުނަރުވެރި އުކުޅުތަކުގެ ސަބަބުން ތާރީޚުގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ޝަރަފު ލިބުނު ނަމަވެސް، ދަނޑުމަތީގައި އޭނާ ދައްކާ އަމަލުތަކާއި ކިބުރުވެރިކަމަށް ފެންނަ ސިފަތަކުގެ ސަބަބުން ފުޓްބޯޅައިގެ ދުނިޔޭގައި ޚިޔާލުތައް ބެހިގެން ދިޔައެވެ.
'ދި އެތުލެޓިކް' އަށް ދާދި ފަހުން ދިން އިންޓަވިއުއެއްގައި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މެނޭޖަރު އެރިކް ޓެން ހާގް ވަނީ ރޮނާލްޑޯއާ ގުޅުންހުރި މައްސަލަތަކާ ބެހޭގޮތުން ވާހަކަ ދައްކައިފައެވެ. އޭނާ ތުހުމަތުކުރި ގޮތުގައި، ދެވަނަ ފަހަރަށް އެ ކްލަބަށް ކުޅުނު ދުވަސްވަރު ރޮނާލްޑޯ ފަރިތަކުރުންތަކުން ވަކިވެ، އަދި ފަރިތަކުރި ނަމަވެސް ބޭނުންވާ މިންވަރަށް ހިތުގެ ވިންދު އަވަސްކުރުމަށް (އެކަށީގެންވާ ވަރަށް މަސައްކަތްކުރުމަށް) އޭނާ ނުކުޅެދުނެވެ.
"އަހަރެން އޭނާއާ މި ވާހަކަ ދެއްކިން. ވަރަށް ގިނަ ފަހަރަށް އަހަރެން ބުނިން، 'ރޮނީ، އެންމެން ވެސް ބޭނުންވަނީ ކަލޭ ރަނގަޅު ޕޮޒިޝަނަކަށް ގެންގޮސްދޭން މަސައްކަތްކުރަން. އެކަމަކު އަމިއްލައަށް ޕެނަލްޓީ އޭރިއާ ތެރެއަށް ނުވަދެވޭ ކަމަށްވަންޏާ، ލަނޑެއް ނުޖެހޭނެޔޭ'،" ޓެން ހާގް ބުންޏެވެ.
"އޭނާއަށް އެކަން ކުރެވޭ ގޮތެއް ނުވި. އަހަރެން އޭނާ ލައްވާ ޕްރެސް ކުރުވަން އުޅުމުން އޭނާ ވަރުބަލިވީއޭ ބުނުމަކީ ގޯސް ވިސްނުމެއް. އޭނާއަކަށް އެކަމެއް ނުވި. ބޯޅަ އޮތް ވަގުތުގައެއް ވެސް އަދި ބޯޅަ ނެތް ވަގުތުގައެއް ވެސް އޭނާ ނުދުވޭ. އޭގެ ސަބަބަކީ އޭނާ އަމިއްލައަށް އެކަމަށް ތައްޔާރު ނުވުން.''

"ކޮންމެ މޮޅު ޓީމަކުން ވެސް އެންމެ މޮޅު ކުޅުންތެރިޔާ ބަލައިގަންނަން ޖެހޭނެ. އެކަމަކު އެންމެ މޮޅު ކުޅުންތެރިޔާ ވެސް ޓީމަށްޓަކައި މަސައްކަތް ކުރަންވާނެ،" ޓެން ހާގް އިތުރަށް ބުންޏެވެ.

ބައެއް މީހުން ރޮނާލްޑޯ ދެކެނީ ޕޯޗުގީޒު ފުޓްބޯޅަ ބަދަލުކޮށްލި ނަމޫނާ ޝަޚުސިއްޔަތެއްގެ ގޮތުގައި ކަމަށް ވިޔަސް، އަނެއް ބަޔަކު ސުވާލު އުފެއްދީ އޭނާގެ އަމިއްލަ އެދުން އިސްކުރުމުގެ ސިފައާ މެދުގައެވެ. އޭނާ ސިފަކުރާނެ އެންމެ ރަނގަޅު ގޮތަކާ މެދު ކުރެވޭ ބަހުސް އަދި އެތައް އަހަރަކަށް ދެމިގެންދާނެ އެވެ. އެހެން ނަމަވެސް އެއް ކަމެއް ޔަގީނެވެ. ރޮނާލްޑޯގެ އޮޅުންބޮޅުން ބޮޑު ލެގަސީ ނުވަތަ ތާރީޚު، ފަހަރުގައި އެންމެ ފުރިހަމައަށް ބަޔާންކޮށްދެނީ އޭނާގެ ކުރީގެ ކްލަބް މެންޗެސްޓާ ޔުނައިޓެޑްގެ މަޝްހޫރު ސްލޯގަން ކަމަށްވާ: "ނަފުރަތު ރައްދުވޭ، ލޯބި ލިބޭ، އެކަމަކު ދުވަހަކުވެސް ފަރާމުޝެއް ނުކުރެވޭ" މި ބަހުންނެވެ.