އިނގިރޭސިވިލާތުގެ ޕްރިންސް ހެރީގެ އަނބިކަނބަލުން މޭގަން މާކަލްއާ ގުޅުން ކެނޑިފައިވާ އޭނާގެ ބައްޕަ ތޯމަސް މާކަލް ސީނިއާ، ކުޑަކުދިންގެ ޖިންސީ ގޯނާގެ މަންޒަރުތައް ހިމެނޭ ތަކެއްޗާ ގުޅޭ ތުހުމަތުތަކެއްގައި އެމެރިކާގެ ފްލޮރިޑާއިން ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގެ ތަހުގީގާ ގުޅޭ މައުލޫމާތު އެނގޭ ދެ ފަރާތަކުން ނަން ހާމަނުކުރުމަށް ޝަރުތުކޮށް ބައިނަލްއަގްވާމީ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ފެޑެރަލް އޭޖެންޓުން އޭނާ ހައްޔަރުކޮށްފައިވަނީ ހުކުރު ދުވަހު ފްލޮރިޑާގެ ޓާމްޕާ ސަރަހައްދުގެ ބޭރުންނެވެ.
ތޯމަސް މާކަލް ސީނިއާ ހައްޔަރުކޮށްފައި މިވަނީ، ފިލިޕީންސްގައި އޭނާ ދިރިއުޅުނު ކުރީގެ ގެ ހުސްކުރުމުގެ ތެރޭގައި ކުޑަކުދިންގެ ޖިންސީ އަނިޔާ ދައްކުވައިދޭ ގިނަ އަދަދެއްގެ ފޮޓޯތަކެއް ފެނިފައިވާ ކަމަށް އިނގިރޭސިވިލާތުގެ ޓެބްލޮއިޑް ނޫހެއް ކަމަށްވާ "ދަ ސަން" އިން ރިޕޯޓުކޮށްފައި ވަނިކޮށެވެ. މޭގަންގެ އެއްބަފާ ބޭބެ ތޯމަސް މާކަލް ޖޫނިއާ، ފިލިޕީންސްގެ ސެބޫ ސިޓީގައި ހުންނަ އެ ގޭގެ ފޮށިތަކެއްގެ ތެރެއިން އެފަދަ އެތައް ސަތޭކަ ނުވަތަ އެތައް ހާސް ފޮޓޯއެއް ފެނިގެން ފިލިޕީންސްގެ ފުލުހުންނަށާއި އެމެރިކާގެ އެފްބީއައިއަށް ވަނީ ރިޕޯޓުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ތޯމަސް މާކަލް ޖޫނިއާ "ދަ ސަން" ނޫހަށް ބުނެފައިވަނީ، އެތައް އަހަރެއް ވަންދެން ބައްޕައަށް އެހީތެރިވެ، އޭނާ ބަލަހައްޓައި އަޅާލި ނަމަވެސް އެކަން މިހާރު ނިމުމަކަށް އައިސްފައިވާ ކަމަށެވެ. އަދި އޭނާގެ ބައްޕައާ ދެކޮޅަށް ކޯޓުގައި ހެކިބަސް ދޭން ހާޒިރުވާން ޖެހިއްޖެ ހާލަތެއްގައި މެނުވީ، ދެން ދުވަހަކުވެސް ބައްޕައާ ވާހަކަ ނުދައްކާނެ ކަމަށްވެސް އޭނާ ބުންޏެވެ.
ބައްޕަގެ ކުރީގެ ގެއިން ކުޑަކުދިންގެ ޖިންސީ ގޯނާގެ ފޮޓޯތަކެއް ފެނުނު ކަމަށް ބުނާ މައްސަލައިގައި މޭގަން ދާދިފަހުން ވިދާޅުވީ، އެ ތުހުމަތުތަކުގެ ސަބަބުން ނުހަނު ބޮޑު ހިތާމައެއް ލިބިވަޑައިގެންފައިވާ ކަމަށެވެ. މީގެއިތުރުން 2018 ވަނަ އަހަރު އޭނާގެ ބައްޕައާ ގުޅޭގޮތުން ކަންބޮޑުވާންޖެހޭ ސީރިއަސް ތުހުމަތުތަކެއް ހިމެނޭ ސިޓީއެއް ލަންޑަންގެ ފުލުހުންނަށް ފޮނުވާފައިވާ ކަމަށްވެސް މޭގަން ވަނީ ހާމަކުރައްވާފައެވެ.
މޭގަން ވިދާޅުވީ އެ ސިޓީގައި ބައްޕައާ ދެކޮޅަށް ކަންބޮޑުވާންޖެހޭ ސީރިއަސް ތުހުމަތުތަކެއް ކޮށްފައިވާ ކަމަށާއި، އެ މައްސަލަތައް ތަހުގީގުކުރަމުންދާ ކަމުގެ ޔަގީންކަން އޭރު އޭނާއަށް ލިބިވަޑައިގެންނެވި ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގައި މީޑިއާތަކުން ކަންކަން އޮޅުވާލައިގެން ގެނެސްދީފައިވީ ނަމަވެސް، ބައްޕައާ ދުރުވެ، އެމީހުންގެ ދަރިންނާ ބައްދަލުވުމުގެ ފުރުސަތު ބައްޕައަށް ނުދޭން ނިންމި ހަމައެކަނި ސަބަބަކީ ދަރިން ރައްކާތެރިކުރުންކަން މިހާރު ސާފުވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް މޭގަން ވިދާޅުވިއެވެ.
އެމެރިކާގެ މަގުބޫލު ޓީވީ ސީރީޒް "ސޫޓްސް" އިން ފެނިގެންދިޔަ އެމެރިކާގެ ރައްޔިތެއް ކަމަށްވާ މޭގަން، އިނގިރޭސިވިލާތުގެ ޕްރިންސް ހެރީއާ ކައިވެނިބައްލަވައިގަތީ 2018 ވަނަ އަހަރު ވިންޑްސާ ކާސްލްގައެވެ. އެ ދެމަފިރިންގެ ދެ ބޭފުޅުން ކަމަށްވާ ޕްރިންސް އާޗީ އަދި ޕްރިންސެސް ލިލިބެޓް ތިއްބަވައެވެ. ޓީވީ ލައިޓިން އަދި ފޮޓޯގްރަފީ ޑިރެކްޓަރެއްގެ ވަޒީފާއިން ރިޓަޔާވެފައިވާ މޭގަންގެ ބައްޕަ އެ ކައިވެނީގެ ހަފުލާގައި ބައިވެރިވެފައެއް ނުވެއެވެ. އޭގެ ސަބަބުން މޭގަން އާއި އޭނާގެ ބައްޕަގެ ދެމެދުގައި އޮތް ގުޅުން ކެނޑިފައިވާ މައްސަލައަށް އިނގިރޭސި މީޑިއާތަކުގެ ބޮޑު ސަމާލުކަމެއް އޭރު ލިބިގެންދިޔައެވެ.
މި އަހަރުގެ ކުރީކޮޅު ފިލިޕީންސްގައި ދިރިއުޅެމުން ދަނިކޮށް ތޯމަސް މާކަލް ސީނިއާއަށް ސްޓްރޯކެއް ޖެހި، އޭނާގެ ވާތު ފައި ވަނީ ބުރިކޮށްލަން ޖެހިފައެވެ. އަދި އެ ސިއްހީ ހާލަތުގެ ސަބަބުން އޭނާއަށް ވަނީ އެނބުރި އެމެރިކާއަށް ބަދަލުވާން މަޖުބޫރުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!