ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "އާދަމް ސަލީމް ކަޕް 2021" ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ޝީލްޑުން ހޯދައިފިއެވެ.
މުބާރާތް ކުރިއަށް ގެންގޮސްފައި ވަނީ ބައިވެރިވި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ބައްދަލުކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަކަށް ފައިނަލުގެ ފުރަތަމަ ޖާގަ ލިބިގެންދާ ގޮތަށެވެ. މިގޮތުން ޕޮއިންޓް ތާވަލުގެ އެއްވަނަ ޓީމްގެ ގޮތުގައި އަހުލީ ވަނީ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދާފައެވެ.
ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރު ކުރުމަށް ޕޮއިންޓް ތާވަލުގެ ދެވަނަ ހޯދި ޝީލްޑާއި ތިންވަނަ ހޯދި ރޫހް، މިއަދު ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ބައްދަލު ކޮށްފައިވާއިރު، މި މެޗު ޝީލްޑުން ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ފައިނަލުގެ ދެވަނަ ޖާގަ ކަށަވަރު ކޮށްފައެވެ.
މިއަދު މެޗުގައި ޝީލްޑްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެ ޓީމުން ކާމިޔާބުކުރި ފުރަތަމަ ލަނޑު 10 ވަނަ މިނެޓުގައި ކާމިޔާބު ކޮސްދީފައި ވަނީ، އެ ޓީމްގެ ޖޯޒީ ނަމްބަރު 7، ހުސެއިން ޝަރީފެވެ. ފުރަތަމަ ހާފު ނިމުގެ ކުރިން ޝީލްޑުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. ދެވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 27، އަބޫބަކުރު ސިއްދީޤެވެ.
މެޗުގައި ޝީލްޑުން ކާމިޔާބުކުރި ތިންވަނަ ލަނޑު 75 ވަނަ މިނެޓުގައި ހުސެއިން ޝަރީފް ކާމިޔާބު ކޮށްދީފައިވާއިރު، ހަތަރުވަނަ ލަނޑު އޭގެ ތިން މިނެޓް ފަހުން ކާމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖޯޒީ ނަމްބަރު 11، އާސިފް ސަލީމެވެ.
ޝީލްޑާއި އަހުލީ ބައްދަލުކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ 02 ސެޕްޓެމްބަރ 2022 ވަނަ ދުވަހު ހަވީރު ހަނިމާދޫ ފުޓްބޯޅަ ދަނޑުގައެވެ.
ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާއިން މުޅިރަށަށް ހުޅުވާލައިގެން ފުރަތަމަ ފުޓްބޯޅަ މުބާރާތެއް ބާއްވަން ފަށާފައި ވަނީ 2000 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. އެކާވީސްވަނަ ގަރުނުގެ ފެށުން ރާއްޖޭގައި ފާހަގަ ކުރުމުގެ ގޮތުން އެކިކަންކޮޅުތަކުގައި ގިނަ ހަރަކާތްތަކެއް އެ ދުވަސްވަރު ހިންގިއިރު، މި މުބާރާތް ވެސް ގުޅިފައިވަނީ އެ ހަރަކާތްތަކާއެވެ. ފުރަތަމަ މި މުބާރާތް ބާއްވާފައި ވަނީ ވެސް "ސާސްކަފް ކަޕް" ގެ ނަމުގައެވެ.
ސާސްކަފް ކަޕްގެ ނަމުގައި ފެށި ފުޓްބޯޅަ މުބާރާތް އާދަމް ސަލީމް ކަޕްގެ ނަމަށް ބަދަލުކޮށްފައި ވަނީ 2002 ވަނަ އަހަރުއެވެ. ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާގެ މެމްބަރު، ހަނިމާދޫ ނީރަންމާގޭ އަލްމަރްހޫމް އާދަމް ސަލީމްއަކީ ހަނިމާދޫގައި އުފެދުނުނު ވަރަށް މޮޅު ފުޓްބޯޅަ ކުޅުންތެރިއެކެވެ. އާލާސްކަންފުޅާ އުޅުއްވުމަށް ފަހު 2002 ވަނަ އަހަރުގެ ތެރޭގައި އާދަމް ސަލީމް ނިޔާވުމުން ހަނިމާދޫ ޒުވާނުންގެ ޖަމްޢިއްޔާގެ އޭރުގެ ހިންގާ ކޮމެޓީން މި މުބާރާތުގެ ނަން "އާދަމް ސަލީމް ކަޕް" ގެ ނަމަށް ބަދަލުކުރަން ނިންމި ހިސާބުން ފެށިގެން މި މުބާރާތް މިއަދާ ހިސާބަށް ވެސް ބާއްވަމުން އައިސްފައި ވަނީ މި ނަމުގައެވެ.
ނޯޓް: މި މުބާރާތަކީ ފާއިތުވި އަހަރު ނޮވެމްބަރ މަހު 27 ވަނަ ދުވަހު ފެށި މުބާރާތެކެވެ. ހަނިމާދޫގައި ކޯވިޑްގެ ހާލަތު ގޯސްވުމާއި ގުޅިގެން މުބާރާތުގެ މެދަކާއި ހުސާބުން ވަނީ މެދުކަނޑާލާފައެވެ. މުބާރާތް 07 ޑިސެމްބަރ 2021 ގައި ހުއްޓާލުމަށްފަހު، މުބާރާތުގެ ބާކީއޮތްބައި ފަށާފައި ވަނީ މި އަހަރުގެ އޮގަސްޓް މަހުގެ 20 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!