ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ރަސްމީ ދަތުރުފުޅެއްގައި ކުޅުދުއްފުށިސިޓީއަށް މިއަދު ވަޑައިގެންފިއެވެ.

ނައިބު ރައީސް މިއަދު ހެނދުނު ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އެއާޕޯޓުން މަރުޙަބާ ދެންނެވީ އެ ސިޓީގެ މޭޔަރު މުޙައްމަދު އާތިފާއި، ކައުންސިލަރުންނެވެ.

Ad
rt

މީގެ އިތުރުން ކުޅުދުއްފުށީ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ މެންބަރުންނާއި، މުއައްސަސާތަކުގެ ވެރިން ވެސް ނައިބު ރައީސަށް މަރުޙަބާ ދެއްނެވުމުގައި ވަނީ ބައިވެރިވެފައެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި މިއަހަރުގެ ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށީ ސިޓީގައި ބާއްވާ ޖަލްސާ ޝަރަފުވެރި ކޮށްދެއްވާނެއެވެ. އަދި ބައިނަލްއަޤުވާމީ ޒުވާނުންގެ ދުވަހާއި ގުޅިގެން ބާއްވާ އެ ސިޓީގައި ބާއްވާ މައުރަޒު ހުޅުވައިދެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.

ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށީ ސިޓީގައި ބާއްވާ ޖަލްސާގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށްވެސް އެމަނިކުފާނު ޒިޔާރަތްކުރައްވާނެއެވެ.

މި ދަތުރުފުޅުގައި ދެން އެމަނިކުފާނު ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ ނޮޅިވަރަމަށެވެ. ނޮޅިވަރަމަށް ވަޑައިގެން އެރަށުގެ ކައުންސިލާއި މުއައްސަސާތަކުގެ ވެރިންނާ ވެސް ބައްދަލު ކުރައްވައި އަދި އެރަށު ސްކޫލާއި ޞިއްޙީ މަރުކަޒަށް އެމަނިކުފާނު ޒިޔާރަތްކުރެއްވުމަށް ވެސް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ.