ކަސްރަތެއްގެ ނަމުގައި ވެސް ނުވަތަ އެ ނޫންވެސް ނަމެއްގައި ވެސް ޔޯގާ ހެދުމާއި ޔޯގާގެ ޙަރަކާތްތަކުގައި ބައިވެރިވުމަކީ މުސްލިމުންގެ މައްޗަށް ޙަރާމް ކަމެއްކަމަށް ބަޔާންކޮށް ރާއްޖޭގެ 104 ޢިލްމުވެރިއަކު ފަތުވާއެއް ނެރެފިއެވެ.

ރާއްޖޭގެ 104 އިލްމުވެރިއަކު ސޮއިކުރައްވާ ނެރުނު މި ފަތުވާގައި ބުނެފައިވަނީ ޔޯގާއަކީ އޭގެ ޒާތުގައި ހިންދޫންގެ އަޅުކަމެއް ކަމަށެވެ. އަދި ޔޯގާގެ ނަން ދީގެން ނުވަތަ ޔޯގާގެ ނިޔަތުގައި ޔޯގާގެ ބައިތައް މުޅިން ފުރިހަމަ ނުވާގޮތަށް ވެސް ކަންތައްތަކެއް ކުރުން ޝަރުއީ ގޮތުން ހުއްދަ ނުވާނެ ކަމަށެވެ.

Ad
rt

އެހެންކަމުން ކަސްރަތެއްގެ ނަމުގައި ވެސް ނުވަތަ އެނޫން ނަމެއްގައި ވެސް ޔޯގާ ހެދުމާއި ޔޯގާގެ ހަރަކާތްތަކުގައި ބައިވެރިވުމަކީ މުސްލިމުންގެ މައްޗަށް ހަރާމް ކަމެއް ކަމަށް އެ ފަތުވާގައި ބުނެފައިވެއެވެ.

މިފަތުވާގައި އެ ޢިލްމުވެރިން އެގޮތަށް ބަޔާންކުރާ ސަބަބުތައް ގުރުއާނާއި ސުންނަތުން ދަލީލުތައް ހިމަނައިގެން ތަފްސީލްކޮށްދީފައިވެއެވެ.

ސަރުކާރުހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ދީނީ އިލްމުވެރިންގެ މަޖިލީހުން ޔޯގާއާ ގުޅޭގޮތުން އިލްމީ ރިޕޯޓެއް ނެރެފައިވާއިރު، ޔޯގާ ހެދުމާ ގުޅޭ ހުރިހާ ކަމަކަށް ބެލުމުން އެއީ ހިންދޫ ދީނުގެ މަތިވެރި އަޅުކަމެއްކަން ވަރަށް ސާފުކޮށް އެނގޭ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ނަމަވެސް ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސްއިން މިކަމާއި ގުޅިގެން އަދި ފަތުވާއެއް ނުވަތަ ބަޔާނެއް ވެސް މިހާތަނަށް ޢާންމުކޮށްފައެއް ނުވެއެވެ.