ހދ ފިނޭ ވީއެސްއާރްސީ އިން އިންތިޒާމްކޮށްގެން ބާއްވާ ވޮލީބޯޅަ މުބާރާތް އިއްޔެ ފަށައިފިއެވެ.
ހދ އަތޮޅަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ކޮންމެ ދުވަހަކު 2 މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު އިއްޔެ ހަވީރު މުބާރާތް ހުޅުވި މެޗުގައި ބައްދަކުރީ ޓީމް ހަނިމާދޫ އާއި ޓީމް ފިނޭ އެވެ. ފިނޭ ރަސްމީ ވޮލީ ކޯޓުގައި ކުޅުނު މިމެޗު ސީދާ 3 ސެޓުން ކާމިޔާބު ކުރެއްވީ ޓީމް ހަނިމާދޫ އެވެ. މެޗުގެ ފުރަތަމަ ސެޓު ޓީމު ހަނިމާދޫއިން 17-25 އިން ކާމިޔަބު ކުރިއިރު ދެވަނަ ސެޓު ޓީމް ހަނިމާދޫއިން ކާމިޔާބުކުރީ 19-25 އިންނެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފަހު ސެޓު ޓީމް ހަނިމާދޫއިން ކާމިޔާބު ކުރީ 21-25 އިން ނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓީމު ހަނިމާދޫގެ ހުސައިން ވިސާމް އެވެ.
މި މުބާރާތުގެ 2 ވަނަ މެޗު ކުޅެފައިވަނީ ރޭގައެވެ. ރޭ 20:00 ގައި ފެށި މެޗުގައި ބައްދަލުކުރީ ޓީމް ނޮޅިވަރަމް އަދި ވައިކަރަދޫ ވިޔެސް އެވެ. މިމެޗު ސީދާ 3 ސެޓުން ކާމިޔާބު ކުރީ ޓީމު ނޮޅިވަރަމް އެވެ. މެޗުގެ ފުރަތަމަ ސެޓު 19-25 އިން ޓީމް ނޮޅިވަރަމް ކާމިޔާބު ކުރިއިރު ދެ ވަނަ ސެޓު އެޓީމުން ކާމިޔަބު ކުރީ 16-25 އިންނެވެ. މެޗުގެ 3 ވަނަ ސެޓު ޓީމް ނޮޅިވަރަމް އިން ކާމިޔާބު ކުރީ 20-25 އިން ނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޓީމު ނޮޅިވަރަމްގެ އާދަމް ނަސީމް އެވެ.
ރޭ ޓީމް ނޮޅިވަރަމް އަދި ވައިކަރަދޫ ވިޔެސް ބައްދަލުކުރި މެޗު ކުޅެފައިވަނީ ބޯކޮށް ވާރޭ ވެހެމުން ދަނިކޮށެވެ. މި މުބާރާތުގެ 2 މެޗު މިއަދުވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީމް ކުޅުދުއްފުށި އަދި ނޮޅިވަރަމްފަރު ސްޕޯޓްސް ކްލަބެވެ. މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީމް ހަނިމާދޫ އަދި ވައިކަރަދޫ ވިޔެސް އެވެ.
ނޮވެމްބަރު 5 ވަނަ ދުވަހާއި ހަމަޔަށް ކުރިޔަށްދާ މި މުބާރާތުގައި ޖުމްލަ 6 ޓީމު ވާދަކުރެއެވެ. އެއީ ޓީމް ހަނިމާދޫ، ޓީމް ފިނޭ، ޓީމް ނޮޅިވަރަމް، ވިޔެސް (ވައިކަރަދޫ)، ނޮޅިވަރަމްފަރު ސްޕޯޓްސް ކްލަބް އަދި ޓީމު ކުޅުދުއްފުށި އެވެ.
ިމިއީ ވީއެސްއާރްސީ އިން މިމުބާރާތް ބާއްވާ 4 ވަނަ މުބާރާތެވެ. ވީއެސްއާރްސީ އިން ވިދާޅުވީ ކޮންމެ އަހަރަކުވެސް މި މުބާރާތް ކުރިޔަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!