ހދ ކުޅުދުއްފުށީ ޒިގްޒެގް ފޯރ ޔޫތް ލިންކޭޖް އިން އިންތިޒާމްކޮށްގެން ބާއްވާ އިންޓަރ އޮފީސް ފުޓްސަލް މުބާރާތް ފަށައިފިއެވެ.

ކުޅުދުއްފުށީ ޒިގްޒެގް ޖަމިއްޔާއިން އިންތިޒާމްކުރާ މި މުބާރާތަކީ ކުޅުދުއްފުށީގައި ހުރި މުއައްސަސާތަކަށް ހުޅުވާލައިގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތުގައި މިފަހަރު 17 މުއައްސަސާއަކުން ވަނީ ބައިވެރި ވެފައެވެ.

Ad
rt

ރޭ 20:00 ގައި މުބާރާތް ފަށާފައިވަނީ ސްޓޭޑިއަމްގެ ޓާފް ފުޓްސަލް ދަނޑުގައެވެ. ރޭ މުބާރާތް ހުޅުވި މެޗުގައި ބައްދަލުކުރީ އެސްޓީއޯގެ ޓީމަކާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ޓީމެކެވެ. މި މެޗު 2-4 އިން ކާމިޔާބު ކުރީ ހޮސްޕިޓަލްގެ ޓީމެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހޮސްޕިޓަލް ޓީމުގެ ޖާޒީ ނަންބަރު 11 އަސްލަމް އިބްރާހިމް އެވެ. ކޮންމެ ރެޔަކު 4 މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ރޭ ދެން ކުޅުނު މެޗު ތަކަށް ބަލާއިރު އެއާޕޯޓުގެ ޓީމު ވަނީ ކޭޕީއެލް ގެ ޓީމު އަތުން 0-8 އިން މޮޅުވެފައެވެ. އޫރިދޫ އާއި ދިރާގު ބައްދަލުކުރި މެޗު 2-6 އިން ދިރާގު ކާމިޔާބު ކުރިއިރު ކުޅުދުއްފުށީ ކައުންސިލާއި އަފީފުއްދީން ސްކޫލް ބައްދަލުކުރަން އޮތް މެޗު ވަނީ މޫސުން ގޯސް ވުމުގެ ސަބަބުން ފަސްކޮށްފައެވެ.

މުބާރާތުގައި ބައިވެރިވެފައިވާ ޓީމު ތަކަކީ ކަސްޓަމްސް، އެސްޓީއޯ، ޕޮލިސް، ކޭޕީއެލް، އުރީދޫ، ޖަލާލުއްދީން ސްކޫލް، ކޭއާރުއެޗް، ހދ އޭއީސީ، ދިރާގު، އަފީފުއްދީން ސްކޫލް، ކުޅުދުއްފުށީ އެއާޕޯޓް، ޕަބުލިކް ވޯކްސް، ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓް، އައިބީއެމް، ކުޅުދުއްފުށީ ކައުންސިލް، ފަޔަރ ސްޓޭޝަން އަދި ހދ އަތޮޅު ކައުންސިލް އެވެ.

4 ގްރޫޕަކަށް ބަހާލައިގެން ކުރިޔަށް ގެންދާ މި މުބާރާތުގެ ކުއާޓަރ ފައިނަލަށް ދާނީ ކޮންމެ ގްރޫޕަކުން އެންމެ ގިނަ ޕޮއިންޓް ލިބޭ 2 ޓީމެވެ. މުބާރާތުގެ ފައިނަލް މެޗު އޮންނާނީ ނޮވެމްބަރ 6 ވަނަ ދުވަހުގެ ރޭ 20:30 ގައެވެ.

މިއީ ޒިގްޒެގް އިން ބާއްވާ 7 ވަނަ އިންޓަރ އޮފީސް ފުޓްސަލް މުބާރާތެވެ. މި ފުޓްސަލް މުބާރަތް އެންމެ ފަހުން ބާއްވާފައިވަނީ 2016 ވަނަ އަހަރުއެވެ.